ހަބަރު

އަލުން ހައްޔަރުކުރުމުން ވެސް ދެ މީހުން ކޯޓުން ދޫކޮށްލައިފި

Jun 5, 2019
9

ހޯމަ ދުވަހު ކޯޓް އަމުރަކާއެކު ގޮސް ގެއެއް ބަލައި ފާސްކޮށް ހައްޔަރު ކުރި ދެ މީހަކު ކޯޓުން ދޫކޮށްލުމުން، ރޭ އަނެއްކާވެސް އެ ދެ މީހުން ހައްޔަރުކޮށްފައިވަނިކޮށް ދޫކޮށްލައިފި އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އެ ދެ މީހުން މިފަހަރު ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް އެ ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ. މިފަހަރު އެ ދެ މީހުންގެ މުއްދަތު ޖަހައިނުދިން ސަބަބު ސާފެއް ނުވެ އެވެ.

ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާކެއްޗާއެކު ހަޔަރުކުރި ދެ ދިވެހިން ބަންދުގެ މުއްދަތު ޖަން ކްރިމިނަލް ކޯޓަށް ގެންދިއުމުން މުއްދަތު ޖަހައި ނުދީ އެ ދެ މީހުން ވެސް އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުންވެސް އަލުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. އެ މީހުން އަލުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ ގެއިން ރޭ 03:17 ހާއިރު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ހައްޔަރުކުރި ދެ މީހުންގެ އޭގެ ތެރޭގައި 52 އަހަރުގެ އަންހެނަކު ވެސް ހިމެނޭކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ޖިނާއީ އިޖްުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ކޯޓް އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެދިގެން ދިން ކޯޓް އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގަ އެވެ.