އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ހަ ދާއިރާއަކުން ފަސް އެއްބަސްވުމެއް: މޯދީ ދަތުރުފުޅުގެ ތަފްސީލްތައް ހާމަކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ހަ ދާއިރާއަކުން ފަސް އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް ވިދާޅުވީ، އިންޑިއާއިއެކު ރާއްޖެއިން ސޮއިކުރާނެ އެމްއޯޔޫ ތަކަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުމުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ސޮއިކުރާ އެއްބަސްވުންތަކެއް ކަމަށެވެ.

އެގޮތުން، ކަސްޓަމްސްއާ ޝިޕިންގް ހިދުމަތް މިހާރަށްވުރެ ތަރައްގީ ކުރުމުގެ އިތުރުން، ސިވިލް ސާވެންޓުން އަދި ޒުވާނުންގެ ހުނަރުގެ ތަރައްގީ ކުރުމާއި، ރާއްޖެއާ ކޮޗިންއާ ދެމެދު ފަސަންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ މޯދީގެ މިދަތުރުފުޅުގައި އިންޑިއާގެ އާ އެމްބަސީގެ ބިންގާ އެޅުން ނޯންނާނެ ކަމަށެވެ. އެއީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެހެން ގައުމުތަކުގެ އެމްބަސީތަކަށް ވެސް ހުޅުމާލެއިން ބިމެއް ދޭން ނިންމާފައިވުމުން އެކަމުގެ މަޝްވަރާތަށް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން އިންޑިއާ އާއި ރާއްޖެ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މަޝްވަރާތަށް ކުރެވިފައިވާ ގޮތަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

މާދަމާ މެންދުރުފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު، މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ހަވީރު 4:00 ގައި ކަމަށް ހަލީލް އިތުރަށް ވިދާޅުވި އެވެ. އެއަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު، ދެ ބޭފުޅުން ބާއްވަވާ ޖޮއިންޓް ޕްރެސް ކޮންފަރަންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގައިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް އިފްތިތާހު ކުރައްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މޯދީގެ ދަތުރުފުޅުގެ ތަފްސީލު

  • މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު
  • މޯދީއަށް މަރުހަބާ ދެންނެވުން ޖުމްހޫރީ މައިދާނުގައި
  • ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއި ކުރުން ރައިސް އޮފީހުގައި
  • އިންޑިއާ އިން ދިން ރާޑަރު ސިސްޓަމާއި ސިފައިންގެ ޓްރެއިނިންގް ސިސްޓަމް އިފްތިތާހުކުރުން
  • ޖޮއިންޓް ޕްރެސް ކޮންފަރަންސް
  • ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުން
  • ރައީސް ސޯލިހު ދެއްވާ ހާއްސަ ޖާފަތް
  • ރާއްޖޭ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވުން

މިދަތުރުފުޅުގައި މޯދީ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ރާއްޖޭގެ ބޭފުޅުންނަކީ، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ނައިބު ރައީސް ފައިސް ނަސީމް އާއި އެވެ.

މޯދީގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ރަސްމީ ވަފްދުގައި 10 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް، އެ 10 ބޭފުޅުންގެ އިތުރުން ނުރަސްމީ ހައިސިއްޔަތުން ގާތްގަނޑަކަށް 100 ވަރަކަށް ބޭފުޅުންގެ މޯދީ އަރިހުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖޭން ފުރާވަޑައިގެންނެވުން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.