ހަބަރު

ރާއްޖެއާއެކު ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރާނަން: މޯދީ

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކުރެއްވުމުން ދައްކުވައިދެނީ ރާއްޖެއާއެކު ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރަން ބޭނުންވާ މިންވަރު ކަމަށް ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ ރާއްޖެ ވަޑާއިގެން ދިވެހި ބަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއަށް އާދެވިއްޖެ ކަމަށެވެ. އެމަނިކުފާނުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ރާއްޖެއަށް ހާއްސަ ކުރެއްވުމުން ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ކަމަށެވެ. އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށް މޯދީ ވިދާޅުވި އެވެ. -- މިއީ މޯދީ ދިވެހި ބަހުން ޓުވީޓު ކުރެއްވި ދެވަނަ ފަހަރެވެ.

މޯދީ ކުރެއްވި ޓްވީޓު

މޯދީ ވަނީ މީގެ ކުރިންވެސް ދިވެހި ބަހުން ޓްވީޓެއް ކުރައްވާފަ އެވެ. އެފަހަރު ޓްވީޓް ކުރައްވާފައިވަނީ ތާނަ އަދި ލެޓިން ބަހުންނެވެ. އެފަހަރު ޓްވީޓް ކުރައްވާފައިވަނީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތްމާ ގާންދީގެ 150 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ސަރުކާރުން ނެރުނު ލަވަ "ވައިޝްނަވް ޖާން ތޯ"، ރާއްޖޭގެ ދެ އާޓިސްޓުން ކިޔާފައިވާ ތައުރީފް ކުރައްވާފަ އެވެ.

މޯދީ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހު 3:00 ގައި އެވެ. ދެދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ހަ އެއްބަސްވުމެއްގައި ދެގައުމުން ސޮއި ކުރެއްވުމަށްވަނީ ނިންމަވާފަ އެވެ.

ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި މޯދީ ތަގުރީރް ކުރައްވާނެ އެވެ. އަދި މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފަ އެވެ.