ދިވެހި ސިނަމާ

"މާމުއި"ގެ ޕްރޮމޯ ލަވަ ރިލީޒް ކޮށްފި

ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ކޮމެޑީ ފިލްމު "މާމުއި" ގެ ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" މިހާރު ވަނީ ޔޫޓިއުބް އާއި ފޭސްބުކް މެދުވެރިކޮށް އާއްމުކޮށްފަ އެވެ. ހުސައިން ތައުފީގް މިއުޒިކް އެރޭންޖް ކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އެވެ. އަދި ލަވަ ރެޕް ކޮށްފައިވަނީ ރެޕް އާޓިސްޓް ޓޯއި އެވެ.

ފިލްމު "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ --

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ ސިނަމެޓޮގްރަފީ އަށް ބެލުންތެރިންގެ ތައުރީފް ލިބެމުންދާއިރު މި މަސައްކަތް ފުރިހަމަ ކޮށްފައިވަނީ ފިލްމުގެވެސް ސިނަމެޓޮގްރަފީ ހަދާފައިވާ އަހްމަދު ޝިނާން އެވެ. ފިލްމުގެ ލީޑް ހުރިހާ ތަރިންނެއް ފެންނަ މި ލަވަ އާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ބުނަނީ މިއީ މީގެ ކުރިން ނެރެފައިވާ ލަވަ "ރޭރޭ މިހެން ހިޔާލު ކޮށްލަން އާދެވޭ" ލަވައިގެ ތަފާތު ރިމިކްޒް އެއް ކަމަށެވެ.

މި ފިލްމު އަންނަ މަހު އެކެއްގައި އަޅުވަން ނިންމާފައިވާއިރު މާދަމާ ހެނދުނު 10:00 އިން ފެށިގެން ފިލްމުގެ ޓިކެޓުތައް މިހާރު ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ޕްރިމިއާ ރޭގެ ޓިކެޓުތައް 150 އަށް އަދި އެހެން ރޭ ތަކުގެ ޓިކެޓުތައް 100 އަށް ވިއްކަން ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން މައުލޫމާތު ދެ އެވެ.

މޮގާ އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓު ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ އައިޝަތު އާއި އަހްމަދު ތޮލާލެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތް ކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާނެވެ.