އުމުރުގެ މެދަކާ ހިސާބަށް ދިއުމުން ދިރިއުޅުން އެ ފުށް މިފުށަށް ޖަހާލާ ބޮޑެތި ބަދަލުތަކެއް ގެންނަ މީހުން ދެކެން ހެއްޔެވެ؟ އެފަދަ މީހުނަކީ ދިރިއުޅުން ބޮޑު ރާޅެއްގައި ޖެހިގެން ބައެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ. އެމީހުންނެކޭ އެއްގޮތަށް މާޒީގައި ކުރި ހުރިހާ މަސައްކަތާއި ކަންކަމަކީ އެއްވެސް މާނައެއް ނެތް ކަންތައްތައް ކަމުގެ އިހްސާސް ހަމަ ކޮންމެ މީހަކަށްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރެވެން ފަށާފާނެ އެވެ.
އާއްމުކޮށް "މިޑްލައިފް ކްރައިސިސް" އެއް އަންނަ ކަމަށް ބުނަނީ އުމުރުން 35 އަހަރާއި 55 އަހަރާއި ދެމެދު އެވެ. މިޑްލައިފް ކްރައިސިސްއެއްގައި އުޅޭނަމަ ދިރިއުޅުމަށް ކުޑަ ދުވަސްކޮޅެއްގައި ބޮޑެތި ބަދަލު އާދެ އެވެ. ބޭރު ގައުމުތަކުގައި ވެސް މިފަދަ ކްރައިސިސް އެއްގައި އުޅޭމީހުން ގެންގުޅޭ ކާރު ވިއްކާލާ އާ ސްޕޯޓްސް ކާރެއް ގަނެލައި ވިސްނުމާކާ ނުލާ ރިޓަޔާމެންޓަށް އެއްކޮށްފައިވާ ސޭވިން ތަޅާބުރުވާލާ ވާހަކަތަކަކީ އާއްމު ކަމަކެވެ. އަހަރުމެންގެ ތެރޭގައި ވެސް މީހަކު ދިގު ޒަމާންތަކެއްވީ ކައިވެންޏެއް ރޫޅާލާ އަލުން ޒުވާން ކުއްޖަކާ ކައިވެނިކޮށްފިނަމަ އެއީ މިޑްލައިފް ކްރައިސިސެއް އައިސްގެން އުޅޭ މީހެކޭ ބުނާ އަޑުއިވެއެވެ. މިއީވެސް ދިމާވެދާނެ ކަމެކެވެ.
"މިޑްލައިފް ކްރައިސިސް" މި ބަސް އެންމެ ފުރަތަމައިން ބޭނުން ކުރަން ފެށީ 1965 ވަނައަހަރު ކެނޭޑިއަން ސައިކޮއެނަލިސްޓެއް ކަމުގައިވާ އެލިއަޓް ޖޭކްސް ކަމުގައިވިއަސް މިއީ ސައިކޮލޮޖީގެ ދާއިރާގައި މިހާރު ވަރަށް އާއްމު ބަހެކެވެ.
މިޑްލައިފް ކްރައިސިސް އެއް އައުމަކީ ގޯސްކަމެއް ވެސް ނޫނެވެ. ރަނގަޅަށް މިކަމާއި ޑީލް ކުރަން ތައްޔާރުވާންވީ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް މިކަން ދިމާވާއިރު ގިނަ މީހުންނަށް މި ކްރައިސިސް އިން އަރައިގަނެ ވެއެވެ.
އަންހެނުންނާއި ފިރިހެނުން މި ކްރައިސިސްއާ ގުޅޭގޮތުން އަމަލު ކުރާ ގޮތް ނުވަތަ ޑީލް ކުރާ ގޮތް ތަފާތު ވެދާނެ އެވެ.
ފިރިހެނުން އާއްމު ގޮތެއްގައި އެމީހުންގެ ދިރިއުޅުމުގެ ކާމިޔާބީއަށް ފޯކަސްކޮށް އެމީހުންގެ ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް އެހެން މީހުންނަށް ދެއްކުމަށް މަސައްކަތް ކުރެއެވެ. އަންހެނުން މިޑްލައިފް ކްރައިސިސެއް އައިސްގެން އުޅޭނަމަ އެމީހުންގެ ބުރުސޫރަ އާއި ޖަޒުބާތުތައް އަދި ދިރިއުޅުމުގައި އަދާ ކުރާ މަންމަގެ ރޯލް ނިމުމަށްފަހު ކުރާނެ ކަމަކާއި މެދު ފޯކަސް ކުރާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ރިސާޗަރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް އާދަޔާ ހިލާފަށް ކުޅިވަރުގެ ތެރެއަށް ވަނުމަކީ ބައެއް މީހުން އެމީހުންގެ މިޑްލައިފް ކްރައިސިސްއެއްގައި އުޅޭކަމުގެ ހެއްކެކެވެ. މިގޮތުން، މެރަތަން ފަދަ ދިގު ދުވުންތަކުގައި ބައިވެރިވުމާއި ޖިމަށް ގޮސް ބަރުއުފުލާ ތަފާތު އެކި ކަހަލަ އެކްސްޓްރީމް ވޯކްއައުޓް ކުރުމަކީ ވެސް މިޑްލައިފް ކްރައިސިސްއެއް އައިސްގެން އެކަމާ ޑީލް ކުރާ މީހެއް ކަމުގައި ވެދާނެ އެވެ.
ދިރިއުޅުމުގައި ލިބިފައިވާ ކާމިޔާބީތަކާއި ދެކޭ ހުވަފެންތަކާއި އުއްމީދުތައް ހާސިލްވެފައިވާ މިންވަރު ބަލާ ވަޒަންކޮށް އަލުން ނުކުރެވި ހުރި ކަންކަން އުމުރުން މާ މައްޗަށް ނުދަނީސް ހާސިލް ކުރަން ބޭނުން ވުމަކީ މިކަމާއި ދޭތެރޭ ދެކެވިދާނެ ގޮތެކެވެ. މިޑްލައިފް ކްރައިސިސް އުޅޭނަމަ އެކަމާއި ޑީލް ކުރުމަށް ބައެއް ކަންކަން ކުރެވިދާނެ އެވެ.
އެންމެ ފުރަތަމަ މިޑްލައިފް ކްރައިސިސް އަކީ ކޯއްޗެއްތޯ ދެނެގަންނަންވީ އެވެ. އަދި މިކަމާއި ލައިގަތުން މިއީ ދިރިއުޅުމުގައި ވަރަށް އާއްމުކަމެއް ކަމުގައި ދެކެންވީ އެވެ. އެއްވެސް ކަހަލަ ބޮޑު ބަދަލެއް ދިރިއުޅުމަށް ގެންނަނަމަ އެއީ ވަޒީފާއިން ވަކިވުން ކަމުގައި ވިއަސް، އަގު ބޮޑު ސައިކަލެއް ނުވަތަ ކާރެއް ގަތުން ކަމުގައި ވިއަސް ނުވަތަ ކައިވެނި ރޫޅާލަން ނިންމި ކަމުގައި ވިއަސް އާއިލާ އާއި ރައްޓެހިންނާއި އެކަމާއި މަޝްވަރާ ކުރަންވީ އެވެ. އެހެން ހެޔޮއެދޭ މީހުންގެ ލަފާ ހޯދާ ދިރިއުޅުމުގެ ކަންކަން ނިންމުމަކީ ބުއްދިވެރި ކަމެކެވެ.
މިޑްލައިފް ކްރައިސިސެއް އައުމަކީ އާ ހިޔާލު ތަކަށް މިހާ ހުޅުވޭ ފުރުސަތެކެވެ. މި ހިޔާލުތަށް ބޭނުން ކޮށްގެން ޕޮޒިޓިވް ބަދަލެއް އުމުރުގެ މެދާއި ހިސާބުން ވެސް ދިރިއުޅުމަށް ގެނެވިދާނެ އެވެ. ކަންކަމާއި ބޮޑަށް ވިސްނާ ފިކުރުކޮށް، އާ ކަންކަން ތަޖުރިބާ ކުރުމަށާއި އާ ކަންކަމަށް މީހާގެ ލޯ ހުޅުވެއެވެ. މިގޮތުން އާ މަންޒިލަށް ދަތުރުކުރުމާއި ދުވަހަކުވެސް ތަޖުރިބާ ނުކުރާ ކަހަލަ ކަންކަމަށް ރޭވުންތެރިކަމާއި އެކު ކުރުމަށް ފުރުސަތު ހުޅުވެއެވެ.
ދިރިއުޅުމުގެ މެދާއި ހިސާބަށް ދާ އިރު މިޑްލައިފް ކްރައިސިސްއެއްގެ ސަބަބުން ހަތަރު އުދަރެސް ފެނު ޖެހުނަ ނުދީ އާ ދިމާލަކަށް ދިރިއުޅުން ގެންދިއުމަށް މީހާއަށް ލިބޭ ފުރުސަތަކެއް ވެސް މިޑްލައިފް ކްރައިސިސް ވެގެން ދެއެވެ. ރިޓަޔަމަންޓަށް ފަހު ދިރިއުޅޭނެ ގޮތާއި މެދު އޮތް ޕްލޭން ބަދަލު ކޮށްލަން ވެސް ފުރުސަތަކަށްވެ އަދި މަސައްކަތް ކުރާ ދާއިރާ ބަދަލު ކުރުމަށް ވެސް ލިބޭ ފުރުސަތަކަށް ވެއެވެ.
މެދު އުމުރުގައި އަލުން ދިރިއުޅުން އާރަސްތު ކުރަން ނިންމުމުން ކައިވެންޏާއި އެމީހެއްގެ ކެރިއަރަށް ވެސް އާ އެނާޖީ އެއް ގެނެއެވެ. އަދި ހަޔާތުގެ ބައިވެރިޔާ އާއި މި ޕްލޭންތައް ހިއްސާކޮށް މި ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރުމަށް އަލުން މަގުޗާޓެއް ކުރަހަން އެހީތެރިވާ ކަމަކަށް މިޑްލައިފް ކްރައިސިސް މި އޮންނަނީ ވެފައެވެ.
އެކްސްޓްރީމަށް ނުގޮސް ވެސް ރަނގަޅަށް ހަށިގަނޑަށް ބޭނުންވާ ކަސްރަތު ކުރުމާއި ކާނާ ކެއުމުން މީހާގެ މިޑްލައިފް ކްރައިސިސް އިން އަރައިގަތުމަށް އެހީވެދޭނެ އެވެ.