ހަބަރު

ޕީޕީއެމްގެ ފައިސާ ނުހިފަހައްޓާކަމަށް އީސީން ބުނެފި

Jun 10, 2019
5

ދައުލަތުގެ ބަޖެޓުން އިދިކޮޅު ޕީޕީއެމްއަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހަޅާފައިނުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނި ބުނުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ދޮގުކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އީސީން އެދުނު ގޮތަށް ފައިސާ ޖަމާކޮށްދީފައި ވަނީ ތިން ޕާޓީއަކަށް ކަމަށެވެ. އެގޮތުން ފިނޭންސުން އިއްޔެ ފައިސާ ޖަމާކޮށްދީފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށެވެ.

ނަމަވެސް، އީސީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއަށް ވެސް ފައިސާ ދޫކުރުމަށް ފިނޭންސަށް ރިކުއެސްޓް ފޮނުވާފައިވާ ކަމަށެވެ.

"އީސީން އެއްވެސް ޕާޓީއެއްގެ ފައިސާ ހިފަހައްޓާފައިނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ޕާޓިތަކަށްދޭ ފައިސާގެ ތަފުސީލް

  • އެމްޑީޕީ: 12.8 މިލިއަން ރުފިޔާ
  • ޕީޕީއެމް: 9.3 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓި: 2.5 މިލިއަން ރުފިޔާ
  • އެމްޑީއޭ: 2.03 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.