ޖިއްދާއިން މާލެއަށް

ކާމިޔާބު ޝަޚުޞިއްޔަތަކަށް ވާން ބޭނުންތަ؟

ކާމިޔާބު ޝަޚުޞިއްޔަތަކަށް ވުމަށް ބޭނުން ނުވާނެ މީހެއް ނުހުންނާނެ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ އެމީހަކީ އެ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރުފަތެއްގައި ވެސް ކާމިޔާބު މީހަކަށް ވުމަށެވެ. ކާމިޔާބަށް ވާޞިލްވުމުގައި އުންމީދު ތަކެއް ވެސް ހުންނާނެ އެވެ. އެ އުންމީދުތަކުގައި ކުލަ ޖައްސައި އެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަކީ ކޮންމެ މީހެއްގެ ވެސް ޢަޒުމެވެ. ކާމިޔާބު ހޯދުމަށް ކުރާ ދަތުރުގެ ބައެއް މަރުޙަލާތަކުގައި ނާކާމިޔާބުވެސް ވެދާނެއެވެ. ނަމަވެސް ކާމިޔާބަށް ވާޞިލްވުމަށް ބޭނުންވާ މީހާގެ ޢަޒުމަށް ބަދަލެއް ނާންނާނެއެވެ. ނާކާމިޔާބަކީ ފިލާވަޅެކެވެ. އޭނާގެ މިސާލަކީ އެއްޗެއްގައި އަޅައިގަނެފަ ވެއްޓިފައި އަލުން ތެދުވެގެންދާ މީހާގެ މިސާލެކެވެ.

ކާމިޔާބު ޝަޚްޞިއްޔަތަކަށް ވުމަށް ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެއެވެ. ބައެއް އިންސާނުންނަކީ އުފެދުމުގައި ޤުދްރަތީގޮތުން ވަރަށް ގިނަ ކާމިޔާބުކުރުވަނިވި ސިފަތަކެއް ދެއްވާފައިވާ ބައެކެވެ. އަނެއްބައި މީހުންނަކީ އެއުރެންގެ އަމިއްލަ މަސައްކަތުން އެފަދަ ސިފަތަކާއި ކާމިޔާބުގެ ހަރުފަތްތައް ޙާޞިލު ކުރާ މީހުންނެވެ. މި ދުނިޔެ މަތީގައި އިންސާނާ އަކީ ތަފާތު ދުވަސްތަކާ މަރުޙަލާތައް ކަނޑައްތު ކުރާނެ މީހެކެވެ. ދުނިޔެމަތީގައި އިންސާނާ ޙާޞިލްކުރާ ބާއްޖަވެރިކަމާއި ކާމިޔާބުގެ މަންޒިލަށް އޭނާ ވާޞިލްކޮށްދޭނެ ބައެއް ކަންތައްތައް ދަންނަވާލާނަމެވެ.

  • ހުރިހާ ބާއްޖަވެރިކަމަކާއި ކާމިޔާބުގެ ތަޅުދަނޑިއަކީ ﷲ އަށް އީމާން ވުމެވެ.
  • ބަހާއި ޢަމަލުން މީސްތަކުންނަށް އިޙްސާންތެރިވުން.
  • އަބަދުވެސް ރަނގަޅު ކަންތަކުގައި މަޝްޣޫލުވެ އުޅުން.
  • ވޭތުވެދިޔަ ދުވަސްތަކާއި މެދު ހިތާމަ ނުކުރުމާއި ކުރިއަށް އޮތްތާގައި ދެރަގޮތެއް ވެދާނެކަމަށް ނުވިސްނުން.
  • ޚިޔާލުތަކާއި ވަސްވާސްތަކުން ޢަޒުމަށް ބަލިކަށިކަން ނުގެނައުން.
  • މުހިންމު ކަންތަކާއި އެންމެ މުހިންމު ކަންތައް ތަފާތުކުރުން .

މިއީ ބާއްޖަވެރިކަން ޙާޞިލު ކުރުމައްޓަކައި ކުރެވިދާނެ ބައެއް ކަންތަކެވެ.

ކާމިޔާބު ކަމަކީ ކޮބާ؟

ކާމިޔާބަކީ ޒަމާނާއި ތަނުގައި ލިބެންހުރި ވަސީލަތްތަކުގައި ހިފައިގެން އުފާވެރިކަމާއި ހިންހަމަޖެހުމާއި ބާއްޖަވެރިކަން ޙާޞިލު ކުރުމައްޓަކައި އިންސާނާކުރާ މަސައްކަތެވެ. އެއީ ޙަޔާތުގެ ދަތުރެވެ. ކާމިޔާބު ހޯދަން ކުރާ ކަމަކީ ކޮންމެވެސް އާދަ ތަކަކަށް ނަފްސު ހޭނުވުމެވެ. ދިމާވާ މުޞީބާތްތަކާއި ކެރިގެން ކުރިމަތި ލުމެވެ. ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމެވެ. މިހެން ކަމުން ކާމިޔާބަކީ ކޮންމެވެސް އާދަތަކެކެވެ. އެއީ ވަރަށް ވަރުގަދަ މަތިވެރި އާދަތަކެކެވެ. އެ އާދަ ތަކުގައި ހިފައިގެން ކާމިޔާބު ވެވިދާނެއެވެ. އަދި އޭގައި ހިފައި ކުރިއަރައިދިއުމަށް ކެއްތެރިކަމާއި ހިތްމަތާއި ޢަޒުމުވެސް ބޭނުންވާނެއެވެ. މިއާދަތަކަކީ އީމާންކަމާއި ގުޅިފައިވާ އާދަތަކެކެވެ. އަޚްލާޤާއި ގުޅިފައިވާ އާދަތަކެކެވެ. ނަފްސާނީ އަދި އިޖްތިމާޢީ ޙާލަތާއި ގުޅިފައިވާ އާދަތަކެކެވެ.

މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ ވަރަށް ގިނަ އަޖައިބުކުރަނިވި ކަންތައްތަކެއް އޭނާގެ ނަފްސުގައި ލައްވާފައެވެ. މިގޮތުން އޭނާގެ ނަފްސުގައި ވަރަށް ގިނަ ހުނަރުތައް ލައްވާފައިވެއެވެ. އަމިއްލަ ކުޅަދާނަކަމާއި ހިއްވަރުވެސް ލައްވާފައިވެއެވެ. މިކުޅަދާނަކަމާއި ހިއްވަރާއި އެހުނަރުތައް ބޭނުންކޮއްގެން އިންސާނާއަށް އޭނާގެ މަޤުޞަދުތައް ޙާޞިލު ކުރެވިދާނެއެވެ. އަދި އީމާންކަމުގެ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީ އަދި ސިޔާސީގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް މަތިވެރި ދަރަޖަތަކަކަށް ވާޞިލުވެވިދާނެއެވެ. މިކުޅަދާނަކަމާއި ހުނަރުވެރިކަން ބޭނުން ނުކޮއްފިނަމަ އިންސާނާގެ ޙަޔާތުގެ މިސާލަކީ ވާގިނެތިފައިވާ މީހެއްގެ މިސާލެކެވެ.

އިންސާނާ އުފެދިފައިވަނީ ކަންތައްތައް ކުރިމަތިކުރެވޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ޙަޔާތުން ކޮންމެ ދުވަހަކީ އާދަކޮށް ކޮންމެވެސް ކަމެއް ކުރެވޭ ދުވަހަކެވެ. މިގޮތުން އާދަކޮށް ކުރެވޭ ކަންކަމުގެތެރޭގައި ފައިދާކުރާ އާދަތަކާއި ގެއްލުންހުރި އާދަތަކާއި ފައިދާއެއް އަދި ގެއްލުމެއް ނެތް އާދަތަކެއްވެސް ހިމެނެއެވެ. އިންސާނާ އަށް ހަޤީޤީ ހެޔޮބަދަލެއް ގެނައުމަށް ބޭނުންނަމަ ކުރަންވީ ކަމަކީ މި އާދަތަކުގެ ތެރެއިން ފައިދާކުރަނިވި އާދަ ހަރުލައްވައި ވަރުގަދަކޮށް އެއަށް އަބަދުވެސް ނަފްސު އާދަކުރުވުމެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ގެއްލުންދެނިވި އާދަތަކުން ދުރުވެގަތުމެވެ. އަދި އެއްވެސް ފައިދާ އެއް ގެއްލުމެއް ނެތް އާދަކާދަތަކުން ވަގުތު ސަލާމަތް ކުރުމެވެ.

އިންސާނާގެ ޙަޔާތުގައި އޭނާއަށް ކާމިޔާބުގެ މަންޒިލައް ވާޞިލުކޮއްދިނުމައްޓަކައި ފަސް އާދައެއްގައި ހިފިދާނެއެވެ. އެއީ ރަނގަޅު ފަސް އާދައެކެވެ. އެއާދަތަކުގެ އަލީގައި އިންސާނާއަށް އޭނާގެ ޙަޔާތުގައި އެންމެ ރަނގަޅުގޮތާ ހަމައަށް ވާޞިލްވެވިދާނެއެވެ. އިންސާނާގެ ޙަޔާތް ކާމިޔާބުކުރުމައްޓަކައި އެންމެ ފުރަތަމަވެސް އޭނާގެ ނަފްސުގެ ސުލޫކަށް ބަދަލު ގެންނަންޖެހޭނެއެވެ. ފަށައިގަންނަންވީ އަމިއްލަ ނަފްސުންނެވެ.

ނުބައި އާދަތައް ފިލުވާލައި ރަނގަޅު އާދަތައް ބިނާކުރާނީ ކިހިނެއް؟

ކޮންމެ ކަމަކީވެސް އިޞްލާޙުކުރެވިދާނެކަމެއްކަމުގައި ބަލަންވާނެއެވެ. އެހެންނޫންނަމަ އިންސާނާ އަބަދުވެސް އުޅޭނީ ވަރަށް އެކަނިވެރި މާޔޫސް ކަމުން ފުރިގެންވާ ޙަޔާތެއްގައެވެ. ކާމިޔާބު ހަޔާތެއް ޙާޞިލް ކުރުމަށް ބޭނުންވާ އިންސާނާއަށް ކުރިމަތިވާ ގޮންޖެހުންތަކަކީ އޭނާގެ ކިބައިގައި ހަރުލާފައިވާ ނުބައި އާދަކާދަތަކެވެ. މިއާދަކާދަތަކުން އޭނާއަށް ސަލާމަތްވެވިދާނެއެވެ. ނަމަވެސް ވަރަށް ހިއްވަރާއެކުގައެވެ. އިންސާނާ އަމިއްލައަށް އޭނާގެ ހަޔާތައް ހެޔޮ ބަދަލު ތަކަށް ނޭދޭހާ ހިނދަކު އޭނާއަށް ބަދަލު ތަކެއް ނާންނާނެއެވެ. ކީރިތި ޤުރުއާނުގައި މި ޙަޤީޤަތްތައް ވަނީ ކަށަވަރު ކުރައްވާފަ އެވެ.

ކާމިޔާބުގެ މަގު

އިންސާނާގެ ހަޔާތުގައި ކާމިޔާބުގެ މަގު ގުޅިފައިވަނީ އަސާސީ ތިންކަމަކާއެވެ. އެއީ އެކަތި އަނެކައްޗައް ގުޅިފައިވާ ކަންކަމެވެ. މިކަންކަމަކީ :

* ކުރިމަގު ހޯދައިގަތުން: މިކަން ގުޅިފައިވަނީ އިންސާނާގެ އިޙްސާސްތަކާއެވެ. އެނާގެ އެއް ޙާލަތުން އަނެން ޙާލަތައް ބަދަލުކުރާނެ ގޮތް އޭނާ ހޯދައިގަންނާނެއެވެ. އޭނާގެ ހަޔާތުގައި އޭނާ ޙާޞިލުކުރަން ބޭނުން ލަނޑުދަނޑިތަކަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ދިރި އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ލަނޑު ދަނޑި ޙާޞިލުކުރުމަށް އޭނާއަށް ހިފިދާނެ އަޚްލާޤީ ކަންކަމަކީ ކޮބައި ހެއްޔެވެ؟ މީގެ ދަށުން އޭނާ މިހުރިހާ ކަމެއް ހޯދައިގަންނާނެއެވެ.

* ހިއްވަރާއި ހުނަރުވެރިކަން: މިކަންތައް ގުޅިފައިވަނީ އިންސާނާގެ ކުޅަދާނަކަމާއެވެ. މިކަންކަމުގެ އަލީގައި އޭނާގެ ދިރިއުޅުން ކާމިޔާބުކުރުމަށް އޭނާ މަސައްކަތް ކުރާނެއެވެ. ނަފްސާއި ޖިހާދު ކުރާނެއެވެ. އަމިއްލަ އެދުންތަކާ ދުރުވާނެއެވެ.

* އިޖުތިމާޢީ ގުޅުން: މިއިން ދޭހަކޮށްދެނީ އޭނާއަކީ ކޮންކަހަލަ މީހެއްހެއްކަމާއި އޭނާގެޠަބީޢަތެވެ. އަދި އޭނާއަކީ ހަރުކަށި މީހެއްތޯއާއި ހުޅުވިފައިވާ މީހެއްތޯއެވެ. މިކަންކަމަކީ އޭނާގެ ދިރިއުޅުމުގެ އިޖުތިމާޢީ ދާއިރާގައި މުހިންމު ކަންކަމެވެ. މީސްތަކުންނަށް އިޙުސާންތެރިކޮށްހިތުމާއި ނިކަމެތިންނަށް އަޅާލުމާއި ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި މުޞީބާތްޖެހިފައިވާ މީހުން އެ މުޞީބާތްތަކުން ސަލާމަތްކުރުމަށް އެހީތެރިވުމަކީ ކާމިޔާބުގެ މަގެކެވެ.

ފަށައިގަންނަންވީ ކޮން ކަމަކުން ހެއްޔެވެ؟

ފަށައިގަންނަންވީ އީމާންކަމުންނެވެ. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި އިރުޝާދުގެ އަލީގައެވެ. އޭރުން ކާމިޔާބުގެ މަންޒިލައް ވާޞިލްވުމަށް ފަސޭހަވާނެއެވެ. ހަޤީޤި ކަރާމަތާއި ޤަދަރު ލިބިގެންވާ އިންސާނަކީ ތަޤްވާވެރި އަދި ﷲ އަށް ބިރުވެތިވެ ސިއްރާއި ފާޅުގައި އެކަލާނގެއަށް އީމާންވާ މީހާއެވެ. މާތްވެގެންވާ އިސްލާމްދީނަކީ އިންސާނާއާއި އޭނާގެ ވެރިރަސްކަލާނގެ އާ ގުޅުވާދޭ ފަރާތެވެ. އަދި އިންސާނާއަށް އޭނާގެ ދުނިޔަވީ ދިރިއުޅުމާއި އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުވާދޭ ވަސީލަތެވެ. މިހެންކަމުން މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގެ އަލީގައި ނޫނީ ދެދުނިޔޭގެ ކާމިޔާބެއް ނުލިބޭނެކަން ޔަޤީނެވެ.

ކާމިޔާބުގެ މަގާ ހަމައަށް ވާޞިލުކޮށްދޭ ފަސް އާދަ!

1
 

ޓާގެޓް ކަނޑައެޅުން

އެއްވެސް ކަމެއް ކާމިޔާބު ކުރުވާނެ ދެކަމަކީ ޓާގެޓާއި ވަސީލަތެވެ. ޓާގެޓް ކަނޑައެޅުމައްފަހު އެއާ ހަމައަށް ދިއުމަށް ވަސީލަތުގައި ހިފުމެވެ. މިއީ ވަރަށް އަގުހުރި މަސައްކަތެކެވެ. އިންސާނާގެ ހަޔާތް ވަރަށް ބޮޑަށް އިންތިޒާމު ކުރުވާނެކަމެކެވެ. އިންސާނާ އުފައްދަވާފައިވަނީ ވެސް ކޮންމެވެސް މަޤުސަދަކަށްޓަކައެވެ. އެއީ ﷲ އަށް އަޅުކަންކުރުމާއި ހެޔޮ ކަންކަމުން ދުނިޔެ ތަޢުމީރުކުރުމެވެ. މިހެންކަމުން އެކަންކަން ޙަޤީޤަތަކަށް ހެދުމުގައި އިންސާނާގެ ޓާގެޓްތަކެއް ވާންޖެހޭނެއެވެ. ﷲ އަށް އަޅުކަނކުރުމަށޭ ބުނެވޭ ބަހުގެ މުރާދަކީ ﷲ އެއްކައުވަންތަކޮށް ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަށް ކަނޑައަޅުއްވާފައިވާ ވާޖިބުތައް އަދާކުރުމެވެ. ދިރިއުޅުމުގައި ވެސް އަމާޒެއް އޮންނަންވާނެއެވެ. މިސާލަކަށް މަތީ މަޤާމަކަށް ވާޞިލްވާން ބޭނުންވާ މީހާގެ އަމާޒަކަށް ވާންޖެހޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަކުގައި ހިފުމެވެ. ޢިލްމާއި ތަޖުރިބާ ހީދުމެވެ. ހުނަރުވެރިކަން އިތުރުކުރުމެވެ. އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމެވެ. ރަނގަޅު ޠަބީޢަތެއްގެ ވެރިޔަކަށް ވުމެވެ.

2
 

އޮގަނައިޒް ކުރުން

ތިމާގެ ޙަޔާތުގެ ކަންކަން ރަނގަޅަށް ޕްލޭންކޮށް ތަންޡީމު ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ދުނިޔެއާއި ކައުނުގައިވާ އެންމެހާ ކަންކަމަކީ ވެސް ވަރަށް ބޮޑަށް ތަންޡީމު ކުރެވިފައިވާ ކަންކަމެވެ. ތަންޡީމު ކުމުގައި ވަރަށް ގިނަ ފައިދާތަކެއްވެއެވެ. އޭގެ ތެރޭގައި ދާންވީ ދިމާ ކަނޑައެޅިގެން ސާފުވުމާއި ކުރެވޭ ކަންކަން އެއްކަމުން އަނެއްކަމަށް ގުޅުވައި ދިނުމާއި ކުރިއަރައި ދިއުމަށް މަގު ފަހިވުމާއި ދެން ކުރަންވީ ކަމަކަށް ތައްޔާރުވުމާއި އެއްކަމަކުން އަނެއް ކަމަކަށް ތަފާތު ތަޖުރިބާތައް ލިބިގެންދާނެއެވެ. ޢާއްމު ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ތަންޡީމު ކުރުމާ ދުރުވެވެނީ އެކަމުގެ މުހިންމު ކަން ވަޒަންނުކުރެވޭތީއެވެ. ނުވަތަ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީއާއި ރިސްކު ނަގަންބޭނުންނުވާތީއެވެ. ކަންކަމަށް ޕްލޭންކުރުމުގައި އަހަރުތަކަށް ބަހައިގެން ވެސް ޕްލޭން ކުރެވިދާނެއެވެ. ނުވަތަ މަހަކަށް ވެސް ޕްލޭންކުރެވިދާނެއެވެ. ނުވަތަ ހަފްތާއެއްގެ ކަންކަން ވެސް ޕްލޭންކުރެވިދާނެއެވެ. ދުވާލެއްގެ ކަންކަން ވެސް ޕްލޭންކުރެވިދާނެއެވެ. ކަންކަން ޕްލޭންކުރުމަކީ އެކަމެއް ކާމިޔާބު ކަމާއެކު ޙާޞިލްކުރުމަށް ވަރަށް ބޮޑަށް މަގު ހުޅުވިގެންދާނެ ކަމެކެވެ. މިސާލަކަށް ކައިވެންޏެއްކުރަން ބޭނުންވާ ޒުވާނާ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޒަވާޖީ ޙަޔާތުގެ ކަންކަށް ކުރިއަށް ގެންދިއުމުގައި ބޭނުންވާނެ ފައިސާ ލިބޭނެ މަގެއް ހޯދުމެވެ. އެއީ ވަޒީފާއެއް ހޯދުންކަމުގައި ވިޔަސް، ނުވަތަ ވަޒީފާއެއް ލިބެން އޮތީ ކިޔަވައިގެން ކަމުގައިވަނީ ނަމަ ކިޔެވުމެވެ. އެހެން ނޫނީ ޒަވާޖީ ޙަޔާތުގެ ކަންކަން ފަސޭހަ އެއްނުވާނެއެވެ. އެއީ މާލީ ވާޖިބު ތަކެއް ހިމެނޭ ކަމެކެވެ.

3
 

ކަންކަމުގެ ދަރަޖަ ތަފާތުކުރުން

ތިމާގެ ޙަޔާތުގެ ކާމިޔާބީގެ މަންޒިލަށް ވާޞިލްވުމުގެ ތިމާ ކުރަން ކަނޑައަޅާ ކަންކަމުގެ ދަރަޖަ ތަފާތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ތެރޭގައި ތިމާއަށް އެވަގުތަކަށް އެންމެ މުހިންމު ކަންކަމާއި މުހިންމު ކަންކަމާއި ތަފާތު ވާންޖެހޭނެއެވެ. އެވަގުތަކު ކުރުން އެންމެ އައުލާވެގެންވާ ކަންކަމާ ނުކުރަންވީ ކަންކަން ތަފާތު ކުރަންޖެހެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ.

4
 

ޖިހާދުއްނަފްސި

ރަނގަޅު ޓާގެޓަކަށް ދާން ބޭނުންވާ މީހާ އޭނާގެ ނަފްސާ ޖިހާދުކުރަންޖެހޭނެއެވެ. ރިސްކު ނަގަންކެރެންވާނެއެވެ. ކާމިޔާބުގެ މަގަށް ވާޞިލުވުމަށްޓަކައި ނަފްސުކޮށްޓްރޯލްކޮށް މާޔޫސްކަމުގެ ކުރިމަތީގައި ޢަޒުމު ވަރުގަދަ މީހަކަށް ވާންޖެހޭނެއެވެ. ކަންކަމުގެ މައްޗަށް ކެތްތެރިވުމާއި ކޮންމެ ކަމެއް ދިމާވިޔަސް އެއީ ﷲގެ ޙަޟުރަތުން މިންވަރު ކުރެއްވި ހެޔޮ ގޮތްކަމުގައި ދެކެންވާނެއެވެ. މުއުމިނުންގެ ސިފައަކީ އެއީއެވެ. އެއްވެސް ކަމެއްގައި މުއުމިނަކަށް ދެރަގޮތެއްނެތެވެ. އެކި އެކި ޙާދިސާތަކުން ފިލާވަޅު ލިބިގަންނަންޖެހޭނެއެވެ. ކާމިޔާބު ލިބޭނީ ނާކާމިޔާބަށް ފަހުގައެވެ. ފަސޭހަކަމެއް އަންނާނީ ދަތި ކަމަކަށް ފަހުގައެވެ. ކާމިޔާބު ޝަޚުޞިއްޔަތަކަށް ވާން ބޭނުން ނަމަ އިންސާނީ ތާރީޚުގައި ނާކާމިޔާބު ވީ ލީޑަރުންގެ ޙަޔާތުގެ މައްޗަށް ލިޔެވިފައިވާ ވާހަކަތައް ކިޔަންޖެހެއެވެ. އެއިރުން އެމީހުން ނާކާމިޔާބުވީ ކީއްވެގެންތޯ ސާފުވާނެއެވެ.

5
 

ރަނގަޅު ޠަބީޢަތް

ކާމިޔާބު މީހަކަށް ވުމަށް އެދޭ މީހާގެ ރަނގަޅު ޠަބީޢަތެއް ހުންނަންވާނެއެވެ. ކާމިޔާބު ނޫން މީހެއްގެ ދުޝްމަނުންނެއް ނުތިބޭނެއެވެ. އެމީހެއްގެ ދުޝްމަނުން ގިނަ ވެއްޖެ ކޮންމެ މީހަކީ ކޮންމެވެސް ކަންތައްތަކެއްގައި އެހެން މީހުންނަށް ވުރެ ކާމިޔާބު މީހެކެވެ. ރަނގަޅު ޠަބީޢަތުގެ މުރާދަކީ ރަނގަޅު އަޚުލާޤެވެ. މީހުންނާ މުޢާމަލާތުކުރާ ގޮތެވެ. މީހުންނާމެދު އިޙުސާންތެރިވެ ހެޔޮގޮތުގައި މުޢާމަލާތުކުރުމަކީ އެމީހަކަށް މީސްތަކުންގެ ހެޔޮ ދުޢާލިބިގެންދާނެ ކަމެކެވެ. މީސްތަކުންގެ ހެޔޮ ދުޢާއަކީ ކާމިޔާބުގެ ފާލަމެވެ. މާތް ﷲ ގެ ތަނަވަސް ރަޙުމަތްވަނީ އިޙުސާންތެރިންނާ އެކީގައެވެ. ހިނިތުންވުން އިސްކުރާށެވެ. ރީތި ފޭރާންލައި އުޅޭށެވެ. މީހުންނަށް މޫނު އަނބުރައި ނުލާށެވެ. ބޮޑާކަންމަތީ ހިނގައި ބިގައި ނޫޅޭށެވެ. އަޑު އަހާ މީހުންނަށް އުނދަގޫވާ ވަރަށް ބާރަށް ވާހަކަ ނުދައްކާށެވެ. ކުރާ ކޮންމެ ކަމެއް ޔަޤީންކަމާއެކު ކުރާށެވެ.