ހަބަރު

902 ފޯމް ބާތިލް، އުސޫލުތައް ރިވިއުކޮށް އަލުން ހުޅުވާލަނީ

Jun 10, 2019
13

މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ކަނޑައެޅި އުސޫލުތަކާ ހިލާފަށް 902 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އުސޫލުތަށް ރިވިއުކޮށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ނުވަތަ މާދަމާ ހުޅުވާލާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމަށް މިދިޔަ މާރިޗް މަހު ވަނީ 242 ޖާގައަށް ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން 993 ދަރިން ކުރިމަތިލިއިރު، ފުރުސަތު ލިބުނީ 79 ދަރިވަރުންނަށެވެ.

މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، 163 ޖާގަ ބާކީ އެބައިން ކަމަށާއި އެޖާގަތަކަށް ކުދިން ނެގުމަށްޓަކައި މާދަމާ ހުޅުވާލާނެ ކަަމަށެވެ. ނަމަވެސް ފޯމް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއްނުވެ އެވެ.

"މިފަހަރުގެ ފުރުސަތަކީ ހަމައެކަނި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ލޯން ދިނުމަށް ހުޅުވާލި ފުރުސަތެއް، އަދި ސަރުކާރުން ކަނޑައަޅާފައިވާ ގައުމުތަކުގައި ކިޔަވަން ހުޅުވާލި ފުރުސަތެއް، އެހުރިހާ މައުލޫމާތެއް އިއުލާންގައި ހިމަނާފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިސްކޮލިފައިވި ބައެއް ސަބަބުތަކާއި އޭގެ އަދަދުތައް:

  • ރާއްޖޭގައި ކިޔަވަން ފޯމް ހުށަހެޅި ފަރާތްތައް - 106
  • ސެޓްފިކެޓް އަދި ޑޮކިއުމަންޓްތަކުގެ ދެފުށް ހުށަހަޅާފައިނެތުން - 271
  • މި ސްކީމްގެ ދަށުން ހިމަނާފައިނުވާ ގައުމުތަކަށް ކިޔެވުމަށް އެދިފައިވުން - 192
  • ކޯހަށް ވަނުމަށް ބޭނުންވާ އެމްކިއުއޭގެެ ޝަރުތު ފުރިހަމަނުވުން - 22
  • އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން - 51
  • އިއުލާނާއި އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަނުވުން - 183
  • ހުށަހަޅަންޖެހޭ ކެޓެގަރީ ނޫން އެހެން ކެޓެގަރީއަކަށް ފޯމް ހުށަހަޅާފައިވުން - 16
  • ކޮލިފައިވެ، ހުށަހެޅި ސްލޮޓް ފުލްވެގެން - 12
  • ސެޓްފިކެޓް އެކްރެޑިޓް ކޮށްފައިނެތުން - 21
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލު ނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުން - 14

ޕައިލެޓް ސްޓަޑީޒް އާއި ބެޗެލާސް ޑިޑްރީއަށް ކަނޑައަޅާފައިވާ ސްލޮޓްތައް ފުރުމުގެ ސަބަބުން ކޮލިފައިވި ބައެއް ކުދިންނަށް ފުރުސަތު ގެއްލިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ލޯން ސްކީމަށް ހުށަހަޅަން މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް އެބަހުރި ކަމަށާއި އެގޮތުން އުސޫލުތަށް އަލުން މުރާޖާކޮށް ކުރިއަށްވުރެވެސް ފަސޭހައިން ލޯނަށް ކުރިމަތިލެވޭނެ ގޮތް ހެދުން ކަމަށެވެ.

"އަލުން އިއުލާން ކުރާއިރު ކުރިން ޑިސްކޮލިފައިވި ކުދިންނަށް މިހާރު މި ގަސްތުކުރަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ވާހަކަ ދައްކައިގެން ސްޓޫޑެންޓް ޕޯޓަލްއިން އެކުދިންގެ ކުރީގެ އެޕްލިކޭޝަނަށް އެކްސެސް ވެވޭގޮތް ހަދަން، އޭރުން އެކުދިނަށް އެއެޕްލިކޭޝަން އަލުން ޓައިޕްކޮށް ފުރިހަމަކޮށް ހަދާކަށް ނުޖެހޭނެ، ދެން ޑިސްކޮލިފައިވި ސަބަބު ބަލާފަ އެކަން ރަނގަޅު ކުރަންވާނެ ކޮންމެ ކުއްޖަކުވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ފޯމްތައް ހުށަހަޅަން ޕޯޓަލެއް ވަނީ ގާއިމްކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ، މިފަހަރުވެސް ފޯމް ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ޕޯޓަލަށް ބައެއް ބަދަލު ގެންނަން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ފުރިހަމަ ނުވާނަމަ އެކަން ފޯމް ހުށަހަޅާ ފަރާތަށް އިންޑިކޭޓް ކޮށްދޭނެ ގޮތެއް ހިމަނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.