ހަބަރު

ރިސޯޓު ބީޗް ހަދަން އެހެން ތަންތަނުން ވެލި ނެގުން މަނާކޮށްފި

ރިސޯޓު ތަކުގެ ބީޗް ރީތި ކުރަން އެހެން ތަންތަނުން ވެލި ނަގަން ހުއްދަ ދޫކުރުމުގެ އުސޫލު އުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތެރިވާ ފަރާތްތަކުގެ ތެރެ އިން ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައި، ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓޫރިޒަމް ބޭނުން ތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށާއި ވެލިން މުއްސަނދި ކުރުމަށް ވެލި ނެގުމުގެ އުސޫލު ވަނީ އުވާލާފަ އެވެ.

މިއީ، ރިސޯޓުތަކުގެ ގޮނޑުދޮށް ރީތި ކުރުމަށް އެ ރިސޯޓުގެ އިހްތިސާސުން ބޭރުގައިވާ ފަޅު ތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 އެކުލަވާލާފައިވާ އުސޫލެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަޅުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިންމު މާހައުލެއް ކަމުން ފަޅުތައް ހިމާޔަތްކުރުމުގެ ގޮތުން މި ފިޔަވަޅު އެޅުމަކީ މުހިންމު ވެދާނެ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

"ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އިސްކަން ދީގެން ގައުމު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައިގަނޑު އެއް ފަލްސަފާ ކަމުގައިވުމުން މިފަދަ ކަންކަމުގައި މިނިސްޓްރީން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތެރިވާ ފަރާތްތަކުން ތިމާވެއްޓާއި މެދު އިހުމާލުވެ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާ، މިކަމާ ގުޅިގެން ޓޫރިސްޓުން ބައިތިއްވާ އެންމެހާ ތަންތަނަށް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރަން އަންގައި މި އަހަރުގެ އެޕްރީލް 16 އަދި މެއި މަހުގެ 28 ގައި ސާކިއުލާއެއް ވެސް ނެރެފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް ބައެއް ފަރާތްތަކުން އިހުމާލުވަމުންދާ ކަމަށާ، އެހެންވެ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ތިމާވެއްޓާމެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައި މިވަނީ ދާދި ފަހުން ބ. އަތޮޅުގެ ފަޅު ރަށަކަށް އެ އަތޮޅުގެ ރިސޯޓަކުން ކުނި ތަކެއް އެޅި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަދި އެ މައްސަލާގައި ފިޔަވަޅު އަޅަން ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.