ޓޫރިޒަމް

ޓޫރިޒަމް ދުވަހުގެ ބޮޑު އުފާ ކުޑަ އަތޮޅަށް!

ވ. ކެޔޮދޫ އިން: މުހައްމަދު އަފްރާހު

ލޯންޗު ކައިރި ކުރިއިރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެއް ކަމަކު ގިނަ ބަޔަކު ތިބީ ހިސާބަކަށް ތެމިލައިގެން ބަނދަރު މަތީގަ އެވެ. އެއީ މާދަމާ މި ރަށުގައި އޮންނަ "ހާއްސަ އީދަ" ށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔާށެވެ. އެހެންވެ މި ރަށް ވަނީ މި ކަމަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.

ރަށަށް މީހުން ފައިބާއިރު ކޮންމެ މީހެއްގެ އަތަށް މަރުހަބާގެ މާބޮނޑިއަކާއި ޖޫސް ތައްޓެއް ދެއެވެ. މިއީ މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ފަށާ ވ. ކެޔޮދޫ އެވެ. ޓޫރިޒަމް ދުވަސް ސަރުކާރުން ފާހަގަ ކުރަން ނިންމިއިރު، އެންމެ ބޮޑު އުފަލެއް ލިބިގެން ގޮސްފައި މި ވަނީ ރާއްޖޭގެ އެންމެ ކުޑަ އަތޮޅަށެވެ.

"މި ރަށަށް މިއީ ލިބޭ ބޮޑު ޝަރަފެއް! މި އިވެންޓުގެ ސަބަބުން ރަށް އިތުރަށް މަޝްހޫރުވެސް ވެގެންދާނެ،" އަށް ގެސްޓްހައުސް ހިންގާ، ކެޔޮދޫގެ ގެސްޓްހައުސްއެއްގައި އިން ޒުވާނަކު ބުންޏެވެ.

ކެޔޮދޫން ކެނޯ ފަލި ޖަހާނީ އަންހެނުން

ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މާދަމާ ހަވީރު މި ރަށުގައި ފައްޓަވައި ދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ހިންގަން ނިންމާފައިވާ ހަތް ހަރަކާތުގެ ތެރެއިން، މިރަށުގައި އޮންނާނީ "ޖަޒީރާ ކެނޯ" ގެ ނަމުގައި ބާއްވާ ކެނޯގައި ފަލި ޖެހުމުގެ މުބާރާތެކެވެ. ދެ ޖިންސު ވަކިން ކުރިއަށް ގެންދާ ކެނޯގައި ފަލި ޖެހުން ފަށާނީ މި ރަށުންނެވެ.

މި ރަށުން މި ހަރަކާތުގައި ބައިވެރިވަނީ އަންހެން ކެނޯ ޖެހުން ތެރިންނެވެ. މި ހަރަކާތުގައި ރާއްޖޭގެ 18 އަތޮޅަކުން ބައިވެރިވެފައިވެ އެވެ. އަންހެންވެރީން ކެނޯގައި ގޮސް ފުލިދުއަށް އަރައި ފަލި ހަވާލު ކުރާނީ ފިރިހެނުންނާ އެވެ. އަދި އެ ރަށުން ތިނަދުއަށް ފަލި ޖަހާނީ ފިރިހެން ޓީމުތަކުންނެވެ.

ދިވެހި ކެއުމުގެ ބޮޑު ޖާފަތެއް

ކެނޯ ފަލި ޖެހުން ނިމުމަށްފަހު، މާދަމާ ރޭ ހާއްސަ ޖާފައެއް އޮންނާނެ އެވެ. މި ރަށުގެ ރައްޔިތުން ދޭ ދިވެހި ސަގާފީ ހުރިހާ ރަހަތަކެއް ހިމެނޭ މި ޖާފަތުގައި 60 ވައްތަރެއްގެ ކެއުން ހިމެނޭނެ އެވެ.

ހަރަކާތްތުގައި ބައިވެރިވާ ފަރާތްތަށް އެ ސަރަހައްދަށް ދާނީ އެ ކަމަށް ގޮވާލާ ސަންގު ފުމެލުމުންނެވެ. އަދި ޓޫރިޒަމް ދުވަހުގެ ރަސްމީ ބިޑި ރޯކުރުން ވެސް އެތަނުގައި އޮންނާނެ އެވެ. ޖާފަތް ކުރިއަށްދާއިރު ލައިވް މިއުޒިކާއި ބޮޑު ބެރުގެ ހަރަކާތްތައް އޮންނާނެ އެވެ. މިއުޒިކު ކުޅޭނީ ދިވެހި ފަންނާނުންނެވެ. އަދި ހަމަ އެދިމާއިން ހަވާ އެރުވުން ވެސް އޮންނާނެ އެވެ.