ރައްޔިތުންގެ މަޖިލިސް

ޕާޓީތައް ބޭނުންވާ ގޮތަށް ކޮމިޓީތަކުގެ އެކުލެވުން އަލުން ބަދަލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ސިޔާސީ ޕާޓީތަކަށް އޮތް ލިބޭ ޖާގަތަކަށް އެ ޕާޓީއަކުން ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭ ގޮތަށް ކޮމިޓީތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެންނަން، ވަގުތީ ކޮމިޓީތަކުން ނިންމައިފި އެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ ފިޔަވައި ޖުމުލަ 16 ދާއިމީ ކޮމިޓީއެއް އެކުލަވާލައި، ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ތިބޭ ގޮތަށް ހަމަޖައްސަން، ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް އުފެއްދި ވަގުތީ ކޮމިޓީން ކުރިން ނިންމި އެވެ.

ކޮމިޓީތައް އެކުލަވައިލަން ކަނޑައެޅި ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކޮންމެ ކޮމިޓީއެއްގައި ވަކި ހާއްސަ އަދަދަކަށް މެންބަރުން ތިބުމުގެ ބަދަލުގައި، ކުރިން ވެސް ނިންމާފައިވާ ގޮތަށް ޕާޓީތަކަށް ދޫކުރި ޖާގަތައް އެ ޕާޓީއަކުން ބޭނުންވާ ކޮމިޓީއަކުން ލިބޭ ގޮތަށް ހަދަން ހުށަހަޅާފަ އެވެ. ޕާޓީތަކުގެ މަޝްވަރާއަށް ފަހުގައި ވަގުތީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ވަގުތީ ކޮމިޓީން ފާސްކުރި ގޮތުގެ ކަރުދާހުގައިވާ ގޮތުގައި، މިހާރު ބައެއް ކޮމިޓީތަކުގެ މެންބަރުންގެ އަދަދު އިތުރުވެފައިވާއިރު، ބައެއް ކޮމިޓީތަކުގެ މެންބަރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މީގެ އިތުރުން ކޮންމެ ކޮމިޓީއެއްގައި ޕާޓީތަކުން ޖާގަ ލިބޭނެ ގޮތް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން ފާސްކުރި ގޮތާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމިޓީއަށް ފަހުން ވަނީ ހުށަހަޅާފަ އެވެ. ގަވާއިދު އިސްލާހު ކުރާ ވަގުތީ ކޮމިޓީގެ މެންބަރުން އިއްތިފާގުން ނިންމެވީ ކަރުދާހުގައިވާ ގޮތުގެ މަތިން ކޮމިޓީތައް އެކުލަވާލުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާގައި ތަޅުމަށް ފޮނުވުމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އިތުރު އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެއީ ދާއިމީ ކޮމިޓީތަކަށް އައްޔަންކުރާ މެންބަރުން، އެ ކޮމިޓީއަކުން ވަކިކޮށް އެހެން ކޮމިޓީއަކަށް ބަދަލު ކުރެވެން ވާނީ އެ މެންބަރެއްގެ ރުހުން އޮތްކަން ތަޅުމަށް އެންގުމަށް ފަހުގައި ހެދުމަށެވެ. ޣަފޫރު ހުށަހެޅުއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވި އެވެ.

އެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިދިޔަ މަޖިލީހުގައި ވެސް ހަފުތާއަކު އެއް ފަހަރުހެން ކޮމިޓީތަކުގެ މެންބަރުން ބަދަލުވަމުން އަންނަ ކަމަށެވެ. އެ ގޮތަށް އަމަލުކުރަމުން ދިޔުމުގެ ސަބަބުން ހުރިހާ ކޮމިޓީއެއްގައި އެއް ބަޔަކު މަސައްކަތް ކުރުން ފަދަ ކަންކަން ވެސް ހިނގާ ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ހުށަހެޅުއްވުން ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އިއްތިފާގުން ފާސްވެފަ އެވެ. ޣަފޫރު އިސްލާހު ގެނައުމަށް ދެކޮޅު ހެއްދެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެފަދަ އިސްލާހެއް ގެންނަން ތާއީދު ކުރެއްވި ނަމަވެސް އެފަދަ އިސްލާހެއް ގެންނަން ވާނީ ރަނގަޅަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. ހަސަން ލަތީފުގެ ވާހަކައަށް ތާއީދު ކުރައްވައި އިލްޔާސް ވެސް ވިދާޅުވީ އާ ކޮމިޓީތަކެއް ވެސް އައިސްފައިވާތީއާއި ކޮމިޓީތަކުގެ މެންޑޭޓުތައް ވެސް އަދި ނިމިފައިވާތީ ބައެއް މެންބަރުން ހިމެނެން ބޭނުންވާ ކޮމިޓީތަކަށް ބަދަލު އައުން ވެސް އެކަށީގެންވާ ކަމަށެވެ.

މިއަދު ފާސްކުރި ކަރުދާހުގައި ކޮމިޓީތައް އެކުލެވިގެންވާ ގޮތް

  • 1. އާންމު ކޮމިޓީ - 9 މެންބަރުން (އެމްޑީޕީ 8، އެމްޑީއޭ 1)
  • 2. ޕެޓިޝަން ކޮމިޓީ - 8 މެންބަރުން (އެމްޑީޕީ 8)
  • 3. އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ - 10 މެންބަރުން (އެމްޑީޕީ 8، ޖޭޕީ 1، އަމިއްލަ 1)
  • 4. ގަވާއިދު - 10 މެންބަރުން (އެމްޑީޕީ 8، އެމްޑީއޭ 1، އަމިއްލަ 1)
  • 5. މާލިއްޔަތު ކޮމިޓީ - 14 މެންބަރުން (އެމްޑީޕީ 9، ޖޭޕީ 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްޑީއޭ 1، އަމިއްލަ 1)
  • 6. އިގްތިސާދީ ކޮމިޓީ - 13 މެންބަރުން (އެމްޑީޕީ 8، ޖޭޕީ 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްޑީއޭ 1، އަމިއްލަ 1)
  • 7. އިޖުތިމާއީ ކޮމިޓީ - 9 މެންބަރުން (އެމްޑީޕީ 8، އަމިއްލަ 1)
  • 8. މިނިވަން މުއައްސަސާތަކުގެ ކޮމިޓީ - 13 މެންބަރުން (އެމްޑީޕީ 9، ޖޭޕީ 1، ޕީޕީއެމް، ޕީއެންސީ 1، އަމިއްލަ 1)
  • 9. ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ - 12 މެންބަރުން (އެމްޑީޕީ 8، ޖޭޕީ، ޕީޕީއެމް 1، ޕީއެންސީ 1، އަމިއްލަ 1)
  • 10. ގައުމީ ތަރައްގީއާއި ތަރަކައިގެ ކޮމިޓީ - 9 މެންބަރުން (އެމްޑީޕީ 8، އަމިއްލަ 1)
  • 11. ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ - 13 މެންބަރުން (އެމްޑީޕީ 9، ޖޭޕީ 1، ޕީޕީއެމް 1، ޕީއެންސީ 1، އަމިއްލަ 1)
  • 12. ލާމަރުކަޒީ ކޮމިޓީ - 10 މެންބަރުން (އެމްޑީޕީ 8، ޕީޕީއެމް 1، އަމިއްލަ 1)
  • 13. ޖުޑީޝަރީ ކޮމިޓީ - 11 މެންބަރުން (އެމްޑީޕީ 8، ޖޭޕީ 1، ޕީޕީއެމް 1، އަމިއްލަ 1)
  • 14. އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ - 11 މެންބަރުން (އެމްޑީޕީ 8، ޖޭޕީ 1، ޕީޕީއެމް 1، އަމިއްލަ 1)
  • 15. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ - 11 މެންބަރުން (އެމްޑީޕީ 8، ޖޭޕީ 1، ޕީޕީއެމް 1، އަމިއްލަ 1)
  • 16. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ - 13 މެންބަރުން (އެމްޑީޕީ 9، ޖޭޕީ 1، ޕީޕީއެމް 1، ޕީއެންސީ 1، އަމިއްލަ)

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ފިޔަވައި ދެން ހުރި 16 ކޮމިޓީން 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އެމްޑީޕީއަށް 132 ޖާގަ ލިބެ އެވެ. ޖުމްހޫރީ ޕާޓީއަށް ވެސް 10 ޖާގަ ލިބޭއިރު، ޕީޕީއެމަށް ވެސް 10 ޖާގަ ލިބެ އެވެ. ޕީއެންސީއަށް ހަ ޖާގަ ލިބޭއިރު، އެމްޑީއޭއަށް ހަތަރު ޖާގަ ލިބެ އެވެ. އަދި އަމިއްލަ މެންބަރުންނަށް ލިބެނީ 14 ޖާގަ އެވެ.