ވިޔަފާރި

މި އަހަރު ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރުވާނެ: އައިއެމްއެފް

މި އަހަރު ރާއްޖޭގެ މައިގަނޑު ސިނާއަތްތަކަށް ކުރިއެރުން ލިބި އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާވެ، އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައި އިންވެސްޓްމަންޓްތައް އިތުރު ވެގެންދާނެ އެވެ.

ރާއްޖޭގެ އިގްތިސޯދު ދިރާސާ ކުރުމަށްފަހު އައިއެމްއެފް އިން ބުނެފައިވާ ގޮތުގައި އިންފްލޭޝަން މަތި ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނީ 6.5 ޕަސެންޓުގަ އެވެ. ރާއްޖޭގައި މިދިޔަ އަހަރު އިގްތިސޯދު ކުރިއެރުން ހުރީ 7.5 ޕަސެންޓުގަ އެވެ.

އައިއެމްއެފް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އާ ސަރުކާރުން ފަށާ އުމްރާނީ ތަރައްގީގެ އާ މަޝްރޫއުތަކާއެކު، ކަރަންޓު އެކައުންޓުގެ ޑެފިސިޓް ކުޑަ ކުރެވޭނެ އެވެ. ނަމަވެސް އާ ސަރުކާރުގެ ސިޔާސަތުތަކާއެކު ވެސް ހަރަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ޓެކްސްގެ ނިޒާމު އިސްލާހުކޮށް ކަނޑައަޅާ އާ އުސޫލުތަކާއެކު ދަރަންޏަށް ލުޔެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އެ ޖަމިއްޔާ އިން ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ސަރުކާރަށް ލަފާ އަރުވާފަ އެވެ.

އައިއެމްއެފް އިން ވަނީ ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން ގާއިމް ކޮށްފައިވާ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ތައުރީފު ކޮށްފަ އެވެ. ނަމަވެސް އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މި ފަންޑު ބެލެހެއްޓުމުގައި މަރުކަޒީ ބޭންކް އަށް އެހީތެރިކަން ބޭނުންވެ އެވެ.