އިގްތިސޯދު

އަންނަ އަހަރު ޖީޑީޕީ 7.5 ޕަސެންޓަށް އަރާނެ

Dec 31, 2019

ޓޫރިޒަމް ދާއިރާގެ އިތުރުން މިވަގުތު މަޑުޖެހިފައި އޮތް ކޮންސްޓްރަކްޝަން ދާއިރާ އަލުން ހިނގައިގަނެ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އަންނަ އަހަރު 7.5 ޕަސަންޓަށް އަރާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު މިއަދު އާންމުކުރި އިގްތިސޯދީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 5.7 ޕަސެންޓުުގަ އެވެ. އެއީ މިއަހަރު އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނެ ކަމަށް ލަފާކުރި 6.8 ޕަސެންޓަށްވުރެ ދަށް މިންވަރެކެވެ.

މަރުކަޒީ ބޭންކުން ބުނީ އުފެއްދުންތެރިކަމުގެ ނިސްބަތް ލަފާކުރި އަދަދަށްވުރެ ދަށްވެފައިވަނީ ކޮންސްޓްރަކްޝަން ދާއިރާ އަށް އައި ހީނަރު ކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ އުމްރާނީ ބޮޑެތި މަޝްރޫއުތައް މިދިޔަ އަހަރު ނިމިފައިވާއިރު، މި އަހަރު މިފަދަ ބޮޑު މަޝްރޫއެއް ފެށިގެން ގޮސްފައި ނުވުމަކީ ދާއިރާ އަށް މަޑުޖެހުން އައި ކަމެއްކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން މިއަހަރު ފެށުމަށް ނިންމާފައިވާ މަޝްރޫއުތައް ނުފެށި ލަސްވުމަކީވެސް އުފެއްދުންތެރިކަން ދަށްވާން މެދުވެރިވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އަންނަ އަހަރު ޓޫރިޒަމް ދާއިރާ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށި ކޮންސްޓްރަކްޝަން ދާއިރާވެސް ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް އަންނަ އަހަރު ތެރޭގައި ފެށިއްޖެނަމަ މި ކުރިއެރުން ފެންނާނެ ކަން ވަނީ ފާހަގަކޮށްފަ އެވެ.