ސްޕެއިން

ބޮޑެތި ޓީމުތަކާ ކުޅެން ސުޕެއިންއަށް އުނދަގޫ ވެއްޖެ

ޔޫރޯ ކޮލިފިކޭޝަންގައި، ސުވިޑެން އަތުން އަމިއްލަ ދަނޑުގައި ކުޅުނު ސުޕެއިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ލިބުނު ދެ ޕެނަލްޓީ އާއެކު ސުޕެއިން މެޗު ކާމިޔާބު ކުރީ 3-0 ން ނެވެ. ސުޕެއިންއަށް ބޯލް ޕޮޒިޝަން ކޮންޓްރޯލު ކުރެވުނު ނަމަވެސް ފަހަކަށް އައިސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އެ ޓީމަށް ކުރިމަތިވާ ލަނޑު ނުޖެހުމުގެ މައްސަލަ ރޭ ވެސް ފެންމަތިވި އެވެ.

ސްޕެއިންގެ ކޯޗް، ލުއިސް އެންރީކޭގެ ބަދަލުގައި، ރޭގެ މެޗުގައި ވެސް ގައުމީ ޓީމަށް އިރުޝާދު ދިނީ، އެސިސްޓެންޓް ކޯޗް ރޮބާޓޯ މޮރޭނޯ އެވެ. މިދިޔަ މާޗް މަހު އެންރީކޭގެ އާއިލާ މީހަކު މަރުވެގެން ޓީމުގެ ކޭމްޕް ދޫކޮށްލި ފަހުން އަދި އޭނާ ޓީމަށް އެނބުރި ނާދެ އެވެ. ނަމަވެސް އެސްއެމްއެސްގެ ޒަރިއްޔާއިން އޭނާގެ އިރުޝާދު ލިބޭ ކަމަށް މޮރޭނޯ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ސުޓޭޑިއަމް، ސެންތިއާގޯ ބެރުނަބެއުގައި ކުޅުނު މެޗުގެ ކުރިން، ސުޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވަނީ، ހަނދާނީ އައްޑަނައެއް އަރުވާފަ އެވެ. އެއީ ސުޕެއިންގެ ގައުމީ ޓީމާއެކު އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާއަށް ވުމުން އޭނާއަށް ދިން އައްޑަނަ އެކެވެ.

މިދިޔަ ހަފުތާގައި، ފެރޯ އައިލެންޑްސް އާ ދެކޮޅަށް ސުޕެއިން ކުޅުނު މެޗަކީ ސުޕެއިން އާއެކު ރާމޯސް ހޯދި 122 ވަނަ މޮޅެވެ. ކުރިން މި ރެކޯޑް އޮންނަނީ، ކުރީގެ ކެޕްޓަން އިކާ ކަސިއަސް އަތުގަ އެވެ.

ރޭ ސުޕެއިންގެ ޖޯޒީގައި އޭނާ ކުޅުނު 165 ވަނަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފަ އެވެ. މެޗުގެ 64 ވަނަ މިނެޓްގައި މާކޯ އެސެންސިއޯ ހުރަސް ކުރަން މަސައްކަތް ކުރި ބޯޅަ، ސްވިޑެންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ސަބެސްޓިއަން ލާސަން އަތުގައި ޖެހުމުން ދިން ޕެނަލްޓީ ކާމިޔާބު ކުރީ ރާމޯސް އެވެ. އެ ލަނޑު ޖަހައި، ސުޕެއިން އަށް ލީޑް ނަގައިދިނެވެ.

ސުޕެއިންގެ ދެ ވަނަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، އަލްވާރޯ މޮރާޓާ އެވެ. އެއީ މޮރާޓާއަށް ސުވިޑެންގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ސުޕެއިންގެ ގައުމީ ޓީމުގައި ޕެނަލްޓީ އާންމުކޮށް ޖަހަނީ ރާމޯސް ކަމަށް ވިޔަސް، އޭނާ އެ ފުރުސަތު ދިނީ މޮރާޓާ އަށެވެ.

ސުޕެއިންގެ ތިން ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރެއާލް ސޮސިއެޑާޑްގެ ޒުވާން ފޯވަޑް މިކެލް އޮޖާޒަބާލް އެވެ. އެ ލަނޑު އޭނާ ޖެހީ ފަބިއަން ރުއިޒް ދިން ހިތްގައިމު ޕާހަކުންނެވެ.