ދިވެހި ސިނަމާ

ޔޫއްޕެގެ "ދައުވަތު" މިިރޭ އޮލިމްޕަހަށް

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށް މިއަހަރު ގެނެސްދޭ ތިން ވަނަ ފިޗާ ފިލްމު "ދައުވަތު" މިރޭ އޮލިމްޕަހުގައި ރިލީޒް ކުރާނެ އެވެ.

ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދައުވަތު" އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ މި އަހަރު ނެރުނު ފިލްމު "ނަފުރަތުވުމުން" ގެ ވެސް ލީޑް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮންއައްޔަ) އާއި މަރިޔަމް އައްޒަ އަދި އަހުމަދު (އީސަ) އާނަންދު އެވެ.

މިރޭ ޕްރިމިއާ ކުރާ ދައުވަތު މި ފިލްމަކީ ރާއްޖޭގެ ދެކުނުގެ ހިސާބެއްގައި ދިރިއުޅުނު އާއިލާއަކަށް ދިމާވެފައިވާ ހަގީގީ ބިރުވެރި ހާދިސާއެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ޔޫސުފް ޝަފީއު ބުނީ، މި ފިލްމަކީ ބޮޑު ދިރާސާއެއް ކުރުމަށްފަހު އުފައްދާފައިވާ ފިލްމަކަށް ވެފައި މިއީ އިބްރަތްތެރި އެތައް ވާހަކައެއް ކިޔައިދޭ ފިލްމަކަށް ވާނެ ކަމަށެވެ. އަަދި ސިހުރުގެ ކަންކަމަކީ ރާއްޖޭގައި ހިނގާ ކަމަކަށް ވިޔަސް މާ ބޮޑު އަޅާލުމެއް ނުުދޭ ކަމަކަށް ވުމުން މި ފިލްމުން އިބުރަތްތެރި އެތައް ވާހަކައެއް ކިޔައިދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ފިލްމުގެ ޓިކެޓުތައް މިހާރު ވިއްކަން ފަށާފައިވާއިރު މި ފިލްމުގެ 15 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން އަތޮޅުތަކުގައިވެސް ފިލްމު އަޅުވާނެ އެވެ.

"ދައުވަތު"ގައި ލީޑް ތަރިން ކަމަށްވާ އައްޒަ، ދޮން އައްޔަަ އަދި އާނަންދުގެ އިތުރުން މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، އަދި މިއަހަރު އެޅުވި ހޮރޯ ކޮމެޑީ ފިލްމު "ފޯޓީޕްލަސް" އިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް މުހިއްމު ރޯލުތަކުން މި ފިލްމުގައި ފެންނާނެ އެވެ.