ވިޔަފާރި

ނައިޓް މާކެޓުގައި ރަޖިސްޓަރީ ކޮށްގެން ބައިވެރިވާން ލާޒިމްކޮށްފި

ފެއާތަކާއި ނައިޓް މާކެޓުތަކުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ޖަމިއްޔާތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ "ފެއާތަކާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ބޭއްވުމުގެ އުސޫލު" ގައި ބުނެފައިވާ ގޮތުން ނައިޓް މާކެޓުތަކުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން ކަށަވަރު ކުރަންޖެހެ އެވެ.

ރާއްޖޭގައި މިހާތަނަށް ނައިޓް މާކެޓުތައް ހާއްސަވެފައިވަނީ އާއިލާތަކާއި ރަހުމަތެރިން އެއްވެގެން ހާއްސަ މުނާސަބަތުތަކާ ދިމާކޮށް މުދާ ވިއްކާ ބާޒާރު ތަކެއްގެ ގޮތުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އަލަށް އާއްމު ކުރި އުސޫލުގައިވާ ގޮތުން ނައިޓް މާކެޓުތަކާއި މަގުމަތީ ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ގާއިމް ވެގެން ހިންގާ ފިހާރައެއްގައި ނުވިކި ހުރި މުދަލެވެ. އަދި ވިއްކާ މުދަލަކީ ނުވިކި ހުރި މުދާކަން ކަށަވަރު ކުރުމަކީ ނައިޓް މާކެޓު އިންތިޒާމު ކުރާ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.

ނަމަވެސް، ފިހާރަތަކުގައި ވިއްކާ މުދަލަކީ ބާ މުދާ ނުވަތަ ނުވިކި ހުންނަ މުދާކަން ކަށަވަރު ކުރެވޭނެ ގޮތެއް ރާއްޖެއަކު ނެތެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އުސޫލުގެ މައިގަނޑު މަގުސަދަކީ ނައިޓް މާކެޓުތަކާއި ފެއާތައް ބާއްވާއިރު، އެހެން ފަރާތްތަކަށް ގެއްލުން ނުވާނެ ގޮތަކަށް ބާޒާރުތައް ހިންގޭނެ އުސޫލެއް ކަނޑައެޅުމެވެ.

މި އުސޫލުގައި ވާ ގޮތުން އިމްޕޯޓް މުދާ ވިއްކަން ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ބޭއްވޭނީ ހާއްސަ މުނާސަބަތަކާ ދިމާކޮށެވެ. މިގޮތުން މި ފަދަ މާކެޓުތައް ބޭއްވޭނީ ފާހަގަ ކުރެވޭ މުނާސަބަތެއްގައި އަހަރު އެއް ފަހަރު އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ނައިޓް މާކެޓު ބޭއްވުމަށް ފީއެއް ނަގަން ވެސް ނިންމާފަ އެވެ. އާ އުސޫލުގައިވާ ގޮތުން ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން ހުށަހަޅަނީ 2000 އިން ދަށުގެ އާބާދީއެއްނަމަ ފީގެ ގޮތުގައި، 10،000 ރުފިޔާ ނަގާނެ އެވެ. އަދި 2000 އިން މަތީގެ އާބާދީއެއް އޮތް ސިޓީއެއް ނަމަ ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބާއްވަމުން ގެންދިޔައީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިޓް މާކެޓެވެ. ނަމަވެސް އެ ނައިޓް މާކެޓު ނުބާއްވާތާ ދެ އަހަރު ވެއްޖެ އެވެ. އަދި މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ނައިޓް މާކެޓު ބާއްވަމުން ގެންދަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ލިކަމެކް ކުންފުނިންނެވެ.