ދުނިޔެ

ހިޔާނާތުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

Jun 11, 2019

އެތަކެއް މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއްގައި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ ހައްޔަރުކޮށްފި އެވެ.

އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން ޒަރުދާރީ އެ ގައުމުގެ ރައީސްކަމުގެ މަގާމު އަދާކުރެއްވީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށެވެ.

އިސްލާމްއާބާދުގައި ދިރިއުޅުއްވާ ގެކޮޅުން ޒަރުދާރީ ހައްޔަރުކުރި ވަގުތު އޭނާގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މައްސަލާގައި ޒަރުދާރީގެ ކޮއްކޯފުޅު ފަރިޔާލް ތަލްޕުރު ވެސް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ޒަރުދާރީގެ އިދިކޮޅު ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ބުނެފައިވަނީ އެ ދެބޭފުޅުންނަށް ކުރެވެނީ ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ.

އެކަމުގެ ރައްދުގައި ޒަރުދާރީ ހައްޔަރުކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތްކަމަށް އިންޓީރިއާ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޒަރުދާރީއަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމާބެހޭ އިދާރާއިން ތުހުމަތުކޮށްފައިވާ ގޮތުން، އެތަކެއް މިލިއަން ޑޮލަރެއް އެކި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށް ވަނީ ލޯންޑާކޮށްފަ އެވެ. އެ ގޮތުން، ފަގީރުންގެ ނަމުގައި ހުޅުވާފައިވާ އެ އެކައުންޓުތަކަށް ގިނަ އަދަދުން ފައިސާ ޖަމާކޮށް، އެ ފައިސާތައް ފަހުން ނަގާފައިވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުގެ ސުޕްރީމް ކޯޓުން އުފެއްދި ކޮމިޝަނަކުން ކުރި ތަހުގީގުތަކުގައި އެފަދަ ފޭކު އެކައުންޓުތައް މެދުވެރިކޮށް މަދުވެގެން 400 މިލިއަން ޑޮލަރު ލޯންޑާކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.