ހަބަރު

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީ ދޭން ގަރާރެއް

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައިވާ ބުނެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފައިވާ ކަމަށާއި ހަމަ އެ ފަދައިން ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓްހައުސް ވިޔަފާރިތައް ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.

އެކަން އެގޮތަށް ދިމާވަނީ އެ ސިނާއަތް ތަރައްގީ ކުރުމަށް އެކަށީގެންވާ މިންވަރަށް ފިނޭންސް ފޯރުކޮށް ނުދެވުމާއި، ބެންކުތަކުގައި އަކަމަށް ފޯރުކޮށްދޭ މާލީ ވަސީލަތްތައް މަދުވުމުގެ ސަބަބުން އެތަށް ހާސް ހުރަސްތަކެއް ހުރި ކަމަށެވެ. އަދި ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް އަދި ތަންފިޒު ކުރަމުން ނުގެންދާތީ ސޮވަރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.