ހަބަރު

ގެސްޓްހައުސް ވިޔަފާރިއަށް ސޮވަރިން ގެރެންޓީ ދޭން މެންބަރުން ދެކޮޅު

ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމަށް ރައްޔިތުން މަޖިލީހުގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. އެ ގަރާރުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފަ އެވެ. ހަމަ އެގޮތަށް ގެސްޓްހައުސް ވިޔަފާރިތައް ވެސް އެ ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ސޮވަރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަން ޖެއްސުމަށް ގަރާރުގައި ޖާބިރު ގޮވާލައްވާފައި ވެއެވެ.

އެ ގަރާރުގެ ބަހުސް މަރުހަލާ މިއަދު ކުރިޔަށް ދިޔަ އިރު އެކަމާބެހޭ ގޮތުން ވާހަކަ ދެއްކެވި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ގަރާރަކީ ޖާބިރު އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ހުށަހެޅި ގަރާރެއް ކަމަށް ބެލެވޭ ކަމަށާއި އެއީ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދައުލަތުން ސޮވަރިން ގެރެންޓީއެއް ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.

ސޮވަރިން ގެރެންޓީ ދޭން ޖެހޭނީ ދައުލަތުގެ އިގްތިސާދާ ގުޅިފައިވާ ބޮޑެތި މަޝްރޫއުތަކަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތު އެންމެން ދަރަނި ކުރުވާފައި ގެސްޓްހައުސްއަށް ފައިސާ ހޯދަން. ސޮވަރިން ގަރެންޓީ ދޭން ހެޔޮ ވެސް ނުވާނެ އެއީ ގައުމުގެ މަސްލަހަތާ ގުޅުން ހުރި އިގްތިސާދީ ގޮތުން ކޮންމެހެން ވެސް ކުރަން ލާޒިމް މަޝްރޫއުތަށް ދޭ ގެރެންޓީއެއް ދިނުމުގެ ގޮތުން ދައުލަތުން ދޭ އެއްޗެއް،" ޝަރީފް ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ގެސްޓްހައުސް ދާއިރާ ވީހާ ވެސް ފުޅާކޮށް އޭގެން ރައްޔިތުންނަށް މަންފާ ވާނެ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހަމަޖައްސައިދޭ އެސްއެމްއީ ބެންކެއް ހުޅުވާފައިވާ ކަމަށާއި އެ ބެންކު މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ސޮަރިން ގެރެންޓީ ދޭން ޖެހޭނީ ދައުލަތުން ހިންގާ ބޮޑެތި އިންވެސްޓްމަންޓުތަކަށް އެކަނި ކަމަށް އަފީފް ވެސް ވިދާޅުވި އެވެ.

"ސޮވަރިން ގެރެންޓީ ހަމަ ކޮންމެ މީހަކަށް ދޭން ވެއްޖެއާ ރަނގަޅެއް ނޫން. ކުރިން އެކަހަލަ ކަންކަން ހިނގާފައި އެބަހުރި، އެގޮތަށް ގެރެންޓީއެއް ނުދެވޭނެ. ދައުލަތުން ކުރާ ބޮޑެތި އިންވެސްޓްމަންޓުތަކަށް ސޮވަރިން ގެރެންޓީ ލިބޭނީ. ލޯނު އަނބުރާ ލިބޭނެކަން ކަށަވަރު ވަންޏާ ވިސްނާލެވޭނެ،" އަފީފް ވިދާޅުވި އެވެ.

ގަރާރުގައި ސަރުކާރުން ގެސްޓްހައުސްތަކަށް ލޯނު ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް ނުހިންގާ ކަމަށް ބުނެފައިވާތީ ބައެއް މެންބަރުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ މައްސަލާގައި ސަރުކާރު އަމަލު ކުރާ ގޮތް ބެލުމަށްޓަކައި އިތުރު މައުލޫމާތު ސާފު ކުރުމަށް ކަމާ ގުޅޭ ފަރާތްތައް ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް އޮޅުން ފިލުވުން ފެންނަ ކަމަށެވެ. ނޫނީ ގަރާރު ބަލައި ގަންނަން ނުފެންނަ ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ ގަރާރު ހުށަހެޅުނު ނިޔަތާމެދު ސުވާލު އުފެދޭ ކަމަށާއި އެއީ ސަރުކާރު ބަދުނާމުކޮށް ތުހުމަތުތަކެއް އަޅުވާ ރޯ ބުހުތާނު ދޮގު ހިމެނޭ ގަރާރެއް ކަމަށެވެ. އަދި އެއަށް ވުރެ މުހިންމު މަސައްކަތްތައް މަޖިލީހުގައި ކުރަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން ގަރާރަށް ދެކޮޅު ހެއްދެވި ނަމަވެސް ޕީޕީއެމްއަށް ނިސްބަތްވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ބިލަށް ތާއީދު ކުރައްވައިފަ އެވެ. ސަލީމް ވިދާޅުވީ ކުންފުނިތަކަށް ދިމާވާ މައްސަލައަކީ ބިދޭސީން ވިޔަފާރިތަކަށް ވަނުން އެކަނި ނޫން ކަމަށާއި ދައުލަތުން އެފަދަ ވިޔަފާރިތަކުގެ ކޮންޓްރޯލް ވެސް ނެގުން ކަމަށް ސަލީމް ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯގެ ވިޔަފާރިތަކާއި ސިފައިންނާއި ފުލުހުން ވެސް ވިޔަފާރިތަކަށް ނިކުމެފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިހާރު ހުރިހާ ވިޔަފާރިތަކަށް ވަނީ ސަރުކާރުން ވަދެފައި، ސިފައިން ވެސް ފުލުހުން ވެސް މިހާރު ވަނީ ވިޔަފާރިތަކަށް ވަދެފައި، މިހެން ދާނަމަ ދުވަސްކޮޅަކުން ސަަރުކާރު އޮފީސްތަކާއި ރައީސް އޮފީހުން ވެސް ދެން ފިހާރައެއް ހުޅުވާނެ، މިގޮތަށް ކަންތައް ދާއިރު އާންމުންނަށް ލޯނު ދިނަސް އެކަން ހަމަނުޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

ސޮވަރިން ގެރެންޓީ ދިނުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމަން ވޯޓަށް އަހާނެ އެވެ.