ވިޔަފާރި

ތިމާވެށީގެ ދުވަހު ބީއެމްއެލްގެ މުވައްޒަފުން ދެއްކި ނަމޫނާ މިސާލު

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ވަރަށް ހާއްސަ ކެންޕޭނެއް ވަނީ ފަށާފައެވެ.

މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި ވަނީ އެކި ރަށްރަށުގެ ތަފާތު އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ގެނެސްދީފައެވެ. ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް #TrashTagMV ހިމަނައިގެން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ، ކުޅުދުއްފުށި، ށ. މިލަންދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ.ގަން، ކ. ދިއްފުށި، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގއ. މާމެންދޫ ފުވައްމުލައް، އަދި އައްޑޫ ސިޓީގެ ރަށްތަކާ އަދި މާލޭގެ ސަރަހައްދުތައް ހިމެނެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ޓްރޭޝްޓެގް އެމްވީ ޗެލެންޖް އަށް މަރުހަބާ ދަންނަވާފައެވެ. ވީހާވެސް ގިނަ ބަޔަކު މިޗެލެންޖްގައި ބައިވެރިވެ ސާފުކުރުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވުމަށް އެދިލައްވާފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީ އިން ވަނީ މި ހަރަކާތް އެންޑޯސްކުރައްވާފައެވެ.

"މި ހަރަކާތް ފެށިގެން ދިޔައީ މުވައްޒަފުންގެ މެދުގައި ނަމަވެސް އެއަށްފަހު ފެނިގެން ދިޔައީ ވަރަށް ގިނަ ރަށްތަކުގެ އެކި ބޭފުޅުން މި ހަރަކާތުގައި ބައިވެރިވި މަންޒަރު. އަދި ސާފުކުރުމުގެ މިފަދަ ޕްރޮގްރާމްތައް މިދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރޭވެމުން. މިއިން ދައްކުވައިދެނީ ތިމާވެށި ރައްކާތެރިކޮށް ސާފު މާހައުލެއްގައި ގާއިމްކުރުމަށް ދިވެހިން ބޭނުންވާކަމާއި އެކަމަށް ހުރި ޝައުގުވެރިކަން. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ބައެއް ހަރަކާތުގައި ބައިވެރިވެ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ހިނގައިދިޔުން." މިހަރަކާތާ ގުޅޭގޮތުން ބޭންކުގެ އޮފިޝަލް ވިދާޅުވިއެވެ.

ބީއެމްއެލް ޓްރޭޝް ޓެގް ޗެލެންޖާއި ގުޅިގެން ބީއެމްއެލް އިން ކުރި ޓްވީޓެއް

އީދު ބަންދު ތެރޭގައި ގިނަ ބައެއްގެ ސަމާލު ކަން ވަނީ ޓްރޭޝް ޓެގް އެމްވީ އަށް ލިބިފައެެވެ. ބީއެމްއެލް އިން ބުނީ ޓްރޭޝް ޓެގް އެމްވީ ގެ މައިގަނޑު މަގްސަދަކީ، ތިމާވެށި ހިމާޔަތް ކުރުމަކީ އަދާކުރަންޖެހޭ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަަށްވުމާއެކު އެންމެން އެކުއެކީގައި މަސައްކަތްކޮށް ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުވުމެވެ.

މި ޗެލެންޖާ ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއް

ބީއެއްއެލް ގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ޗެލެންޖް ވެގެން ދިޔައީ އާންމުން އުފަލާއެކު ވަރަށް ބަލައިގަން ޗެލެންޖަކަށެވެ. އީދުގެ އުފާވެރި މާހައުލުގައި، އާއިލާތައް އަދި ރައްޓެހި ރަހުމަތްތެރިން އެކުވެގެން މި ޗެލެންޖް ފުރިހަމަ ކުރުމަށްފަހު ސޯޝަލްމީޑިއާގައި ވަނީ ސާފު ކުރުމުގެ ކުރިން އަދި ސާފު ކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް ވަނީ ޝެއާ ކޮށްފައެވެ.