ވިޔަފާރި

ބީއެމްއެލް އެހީގެ ދަށުން ދަނގެތީ ގެތަކަށް ފޮތި ކޮތަޅު

ދަނގެތިން: އާމިނަތު ފައުޒާ
Aug 6, 2019
1

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިން އދ. ދަނގެތީގެ ކޮންމެ ގެއަކަށް ފޮތި ކޮތަޅު ބަހައި، ތިމާވެއްޓަށް އިސްކަން ދިނުމުގައި މިސާލު ދައްކައިފި އެވެ. އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އެ ރަށުގެެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ވަނީ ހަދިޔާ ކޮށްފަ އެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރެވިގެންދިޔަ ތިންވަނަ ޕްރޮޖެކްޓެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ މި އެހީ ދަނގެތީގެ ރައްޔިތުންނާ ހަމައަށް އައިސްފައިވަނީ މި ރަށު ޒުވާނެއް ކަމަށްވާ އިބްރާހިމް ފަރުޝާންގެ އިސްނެގުމަށް ހުށަހެޅި ޕްރޮޕޯޝަލްއެއް ކާމިޔާބުކޮށްގެންނެވެ.

ދަނގެތީގައި މިކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ މި ރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަންޗފަށައިފަ އެވެ. މީގެ އިތުރުން "ޒީރޯ ވޭސްޓް އެމްވީ" ގެ ފަރާތުން އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން ދަނގެތި ސްކޫލު ކުދިންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މި ރަށުގައި ހުންނަވާ ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އިސްކަން ދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މި ރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން،" ސައީދު ވިދާޅުވި އެވެ.

ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި އިބްރާހިމް ފަރުޝާން ބުނީ ރަށް ސާފުކޮށް ބޭއްވުމަކީ އަބަދު ވެސް ބޭނުންވާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ އެހެން ރަށްތަކާ އެއް ގޮތަށް ދަނގެތީގައި ވެސް މި ބޭނުން ކުރަނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅު. ނަމަވެސް މިރަށަށް މި ލިބުނު ހާއްސަ ހަދިޔާ އާ އެކު އަޅުގަނޑު އެދެނީ އެއް ފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރުމަށާއި، އެއް ގެއިން އަނެއް ގެއަށް ހަދިޔާ ބަދަލު ކުރުމުގައި ވެސް މި ހަދިޔާ ކުރެވުނު ހާއްސަ ކޮތަޅުތައް ބޭނުންކުރުން. މިއަދު ބޭއްވުނު ސެޝަނުން ލިބުނު މައުލޫމާތާއެކު އަޅުގަނޑު އުއްމީދަކީ މިރަށުގެ ސްކޫލް ކުދިންނަކީ ތިމާވެއްޓަށް އަހުލުވެރި، އަމިއްލައަށް އިސްނަގައިގެން ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުން،" ފަރުޝާން ވިދާޅުވި އެވެ.