ރިޕޯޓް

ކުޑަ ކުޑަ ދަނގެތި ވެސް ޕްލާސްޓިކާ ދުރުވުމުގެ އަޒުމުގައި!

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި އދ. ދަނގެތީ ތިމާވެށި ރައްކާތެރިކުރަން ޒުވާނަކު އިސްނަގައިގެން ކުރިއަށް ގެންދިއަ ހަރަކާތް އެ ރަށުގެ ރައްޔިތުން ބަލައިގަތީ އުފަލާއެކު އެވެ.

އެ ރަށުގައި ތިމާވެއްޓަށް ލޯބިކުރާ ޒުވާނެއް ކަމަށްވާ އިބްރާހިމް ފަރުޝާން އިސްނެގީ ރަށުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ދުރުވާނެ ގޮތެއް ހޯދާ ރަށުގެ ތިމާވެށި ސަލާމަތް ކުރާށެވެ. އެ ހިޔާލާއެކު ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުވާނެ ކަމަކަށް އޭނާ ހިތަކަށް ނާރަ އެވެ. ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އޭނާގެ ހުވަފެންތައް ހަގީގަތަކަށް ގެނެސްދީފި އެވެ. -- މިއީ ބީއެމްއެލް މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރެވިގެންދިޔަ ތިންވަނަ ޕްރޮޖެކްޓެވެ.

ފަރުޝާން އާއި "ޒީރޯ ވޭސްޓް އެމްވީ" ގުޅިގެން ވަނީ އިއްޔެ އެ ރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކޮށްފަވެ އެވެ.

ފަރުޝާންގެ މި ހުވަަފެން ހަގީގަތަކަށް ވުމުން އުފާވީ އޭނާ އެކަންޏެއް ނޫނެވެ. ރަށުގެ ރައްޔިތުންގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ.

"މިއީ އަސްލު ވަރަށް ރަނގަޅު ކަމެއް. ރަށުގެ ރައްޔިތަކު އިސްނަގައިގެން މިފަދަ ކަމެއް ކުރުމުން މި ކުޑަ ރަށުގައި ވެސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ނައްތާލެވޭނެ." އެ ރަށުގެ މެދު އުމުރުގެ މީހަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

"ޒީރޯ ވޭސްޓް އެމްވީ" ގެ ފަރާތުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން އެ ރަށު ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ވެސް ބާއްވާފަ އެވެ.

މި ހަރަކާތުގައި ޒީރޯ ވޭސްޓް އެމްވީގެ ފަރާތުން ވަނީ ޕްލާސްޓިކް ނައްތާލަން ޖެހޭ ސަބަބާއި، ތިމާވެށި ސަލާމަތް ކުރުމުގެ މުހިއްމުކަން ސްކޫލް ކުދިންނަށް ކިޔައިދީފަ އެވެ.

އެ ކުދިންނަށް މި މައުލޫމާތުތައްވީ ޝައުގުވެރިވި މައުލޫމާތު ތަކަށެވެ. ތިމާވެއްޓާ ގުޅޭގޮތުން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބުމުގެ އިތުރުން މައުލޫމާތުގެ ހަޒާނާ އިތުރަށް މުއްސަނދިވި ހަރަކާތަކަށެވެ. ގިނަ ކުދިން ތިބީ ގެއަށް ގޮސް ޕްލާސްޓިކް ކޮތަޅު ދޫކޮށްލާ ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރަން ކެތްމަދުވެފަ އެވެ.

ފަރުޝާން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ދަނގެތީ ކައުންސިލް އިން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ. ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަފްރާޒް ވިދާޅުވީ މިކަމާ ބެހޭގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ ގޮތުން ކައުންސިލުން ވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ރަށުގައި ޕްލާސްޓިކް ފުޅިތައް މަދުކުރަން ވެސް ޕްރޮގްރާމްތައް ރަށުގައި ހިންގަން ފަށާނެ ކަމަށެވެ.

"ހަމައެކަނި ކޮތަޅެއް ބަހާފަ ބޭނުންކުރާށޭ ބުނުމުން މި މަސައްކަތް ނުކުރެވޭނެ. ފަރުޝާން ފެށި މި މަސައްކަތް އިތުރަށް ކުރިއަރުވަން ކައުންސިލުން ވަރަށް އަވަހަށް ފަށާނަން ޕްލާސްޓިކާ ދުރުވުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް." ޝަފްރާޒް ވިދާޅުވި އެވެ.

ދަނގެތީގެ އާބާދީގައި ގާތްގަޑަކަށް 750 ގާތްކުރާ އަދަދަކަށް މީހުން އުޅެ އެވެ. އުމުރުން 24 އަހަރުގެ ފަރުޝާން މި ވަނީ މި ކުޑަކުޑަ ރަށް ޕްލާސްޓިކާ ދުރުކުރަން ބިންގާ އަޅާދީފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ފަރުޝާން ބޭނުންވަނީ ރަށުގައި މި މަސައްކަތް އިތުރަށް ފުޅާކުރާށެވެ.

"އުންމީދަކީ ރަށުގެ ރައްޔިތުން މިކަން ބަލައި ގަތުން. ކުރި އަށް އޮތް ދުވަސްތަކުގައި ކުޑަކުދިންނަށް ވެސް ތިމާވެށީގެ މުހިންމުކަން އުނގަންނައި ދިނުން. ޓޫރިޒަމް ދާއިރާއިން ކިޔެވިއިރު އެނގިގެން ދިޔަ މީގެ ސަބަބުން މި ދާއިރާ އަށް ކުރާނެ އަސަރު،" އޭނާ ބުންޏެވެ.