ވިޔަފާރި

ބީއެމްއެލް ގްރީން ލޯނު ރަހުނަކާ ނުލާ 500،000ރ. އާ ހަމައަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ "ގްރީން ލޯނު" ރަހުނަކާ ނުލައި 500،000ރ. އާ ހަމައަށް ނެގޭ ގޮތަށް ބަދަލުކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ލޯނު ސްކީމަށް ގެނެސްފައިވާ ބަދަލާއެކު، އިޔާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތައް ހޯދަން ދޫކުރާ މި ލޯނަށް ލޯނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000- 500،000ރ. އާ ހަމައަށް ރަހުނަކާ ނުލައި ދޫކުރާނެ ކަމަށެވެ. މި ލޯނު ކުރިން ދޫކުރީ 15 ޕަސެންޓުގެ އިންޓެސްޓް ރޭޓުގަ އެވެ. އަނބުރާ ދައްކަން ފަސް އަހަރު ލިބޭ މި ލޯނު މިހާރު ދެނީ 12 ޕަސެންޓުގަ އެވެ.

މީގެ އިތުރުން މި ލޯނަށް ގެނެސްފައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ގްރީން އެނާޖީ މަޝްރޫއަށް ބޮޑެތި އިންވެސްޓްމަންޓް ކުރާ ފަރާތާއި ވިޔަފާރި ތަކަށް 20 މިލިއަން ރުފިޔާ އަށް ލޯނު ނެގޭއިރު، އެ ފަރާތްތަކަށް މި ލޯނު ދޭނީ 10 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގަ އެވެ. މިފަދަ ޕްރޮޖެކްޓް ތަކަށް ހުށަހަޅާއިރު މަޝްރޫއުގެ 15 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހެ އެވެ. މި ލޯނު ދައްކަން 20 އަހަރު ލިބޭނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ ބޭންކް އިން ދަނީ ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ލޯނު ޕޯޓުފޯލިއޯ ބަދަލު ކުރަމުންނެވެ.