ލައިފްސްޓައިލް

އަހަރުތަކެއްފަސް: އަހަރެން ބައިސްކަލުގައި!

"އަވަހަށް ލައިސަންސް ނަގާ!" ނޫނީ "ކޮންއިރަކު ލައިސަންސް ނަގަނީ؟" އަދި އެވެނި މީހަކު ވެސް "އުޅެނީ ސައިކަލުގައި!" މި އަޑުތައް ވަރަށް ގިނައިން އިވޭނެ އެވެ. އަދި ތޮއްޖެހިފައިވާ މާލޭސިޓީގައި ދުއްވާ އެއްޗެއްގައި ނޫނީ ނޫޅެވޭނެ ވާހަކަ މިއީ ކޮންމެ ދުވަހުވެސް އިވޭނެ ވާހަކަތަކެވެ.

މީހުން ގިނަވެ ކާރޫބާރޫ ބޮޑުވެފައިވާ މާލޭގައި ހިނގާބިގާ އުޅުމަކީ ވެސް ދަތިކަމެކެވެ. ތަނަކަށް ދާން ޓެކްސީއެއް ނުލިބުމަކީ އޮންނަ ތަކުލީފެކެވެ. މި ހުރިހާ ކަމަކަށް ބަލައި އެންމެ ބޮލަށް ފަސޭހަ، އަދި އެންމެ ރަނގަޅު އެއްގޮތަކީ އަގު ބޮޑު ސައިކަލެއް ހޯދުމުގެ ބަދަލުގައި އަގު ހެޔޮ ބައިސްކަލެއް ހޯދުމެވެ. އެ ބައިސްކަލު ތިމާވެއްޓާވެސް ރައްޓެއްސެވެ. ހަށިގަނޑަށް ކަސްރަތު ވެސް ހޯދައި ދެއެވެ.

އެކަމަކު އަހަރުމެންގެ ލައިފްސްޓައިލް އޮންނަ ގޮތުން އަދި މުޖުތަމައުގައި ގިނަ މީހުން ކަންކަން ކުރާ ގޮތަށް ކަންކަން ކުރަން ޕްރެޝަރު އޮވެއެވެ. މިގޮތް ގޮތަށް ނޫޅޭނަމަ މުޖުތަމައުގެ ސްޓޭންޑަޑްތަކަށް ނުފެތޭނަމަ އެ މީހެއްގެ ބޮލުގައި ވަރަށް އަވަހަށް ކޮންމެވެސް ލޭބަލެއް އަޅުވާލާނެ އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮޑުވެގެން އައި ޖެނެރޭޝަންގެ މީހެއް ނަމަ ބައިސްކަލުގެ ފަހަތު ސީޓުގައި ސުކޫލަށް ދިޔަ ހަނދާންތަކެއް ވެސް ހުންނާނެކަން ޔަގީނެވެ. ސެކަންޑްރީ ސުކޫލަށް ބައިސްކަލްގައި ދިޔަ ހަނދާން ވެސް ހުންނާނެ އެވެ.

މި ހަދާންތައްކާއެކު މިދިޔަ ރޯދަ މަހު ބައިސްކަލް ވިއްކާ ފިހާރައަކަށް ވަދެ، ރީތި ނޫ ކުލައިގެ ބައިސްކަލެއް ގަނެލީ އެވެ. އެ ބައިސްކަލް ގަނެލައިގެން އަރާ ދުއްވާލި އިރު ތުރުތުރެއް ވެސް ހުއްޓެވެ. މިއިން ޒަމާނެއްގައި ބައިސްކަލަކަށް ނާރާތީ މަގުމައްޗަށް އެއްވެސް ފަރިތަ ކަމެއް ނެތެވެ.

ރޯދަމަހު މެންދުރުގެ ޓްރެފިކާއެކު ބައިސްކަލުގައި ނައްޓާލި އިރު އެއްވެސް މީހަކު މިހާރު ބައިސްކަލެއްގައި ނޫޅޭނެއޭ ހިތައި ކުޑަކޮށް ލަދުވެސް ގަތެވެ. އަދި އެއްމެން ބަލައި ހީނ މަލާމާތް ކުރާނެ އޭ ވެސް ހިތަށް އެރި އެވެ. އެކަމަކު އެ ހުރިހ ހުރިހާ ހިޔާލުތައް ވެސް ބައިސްކަލަށް އަރުވައިގެން ނައްޓާލީ އެވެ.

ހަނދާން އާވީ ކުޑައިރުގެ އުފާވެރި ހަނދާންތަކެވެ. އެއްވެސް ޒިންމާއެއް ބޮލުގައި އަޅަން ނުޖެހޭ އުފާވެރި ދުވަސްތަކުގެ މަތިންނެވެ. ދިރިއުޅުމުގެ ކަންކަމާއި މެދު ހިޔާލެއް ފިކުރެއް ނެތް ދުވަސްތަކެވެ. ކުޑައިރުގެ ފޮނި ހަނދާންތަކެވެ. އެއްތަނުން އަނެއް ތަނަށް ދާން މިވަރެއް ހަމަ ނެތެވެ.

ސައިކަލުގައި ތެޔޮ އެންދުމުގެ ބަދަލުގައި ބައިސްކަލުގައި ދިޔުމުން ހަށިގަނޑު ފިޓްކޮށްލަން ވެސް ފުރުސަތެކެވެ. ރީއްޗަށް ދުއްވާލެވުމުން މަލާމަތާއި ލަދުވެސް ހަނދާނުން ފިލައިފި އެވެ. ޓެކްސީއަށް އަތުން ދާ 25 ރުފިޔާ އިތުރުން ޓެކްސީ ނުލިބުމުގެ ތަކުލީފުން ވެސް ސަލަމާތްވެވުނީ އެވެ.

ހީކުރިވަރަށް ވުރެ މަގުމައްޗަށް ނުފަރިތަކޮށް ދުއްވާލި އިރު ސައިކަލްތަކާއި ކާރާއި ޕިކަޕްތަށް ވެސް އަހަަންނަށް ތަންދީ ޖާގަދީ ހެދިއެވެ. ބައެއް މީހުން ސަޕޯޓަށް ހީނލައި އަތުން އިޝާރަތްކޮށްލާ ވެސް ހެދި އެވެ.

އޮފީހަށް ކުއްލިއަކަށް ވަދެލަން، މީހަކާއި ބައްދަލުކޮށްލަން ފިނިބުރެއް ޖަހާލާން ވެސް މިހާރު ބައިސްކަލް ވަރެއް ނެތެވެ. އަހަރުމެންގެ ދަރިންނަށް އަހަރުމެން ކުޑައިރު އުޅުނު ގޮތަށް ބައިސްކަލުގައި އެއްތަނުން އަނެއްތަނަށް ދިއުމަށް ފުރުސަތު ފަހި ކުރުމަށް ކާރާއި ސައިކަލު ދުއްވުން މަދުކޮށް އެއްމެން ވެސް އަރަންވީ ބައިސްކަލަކަށެވެ.