ތިމާވެށި

"ޓްވިޓްސާފު"ގައި އެއް ޓަނު ކުނި: މަންމައެއްގެ އިސްނެގުމެއް

ފަހަކަށް އައިސް ތިމާވެށީގެ ކަންކަމުގަ އާއި މޫދަށް އަޅާ ކުންޏާއި ޕްލާސްޓިކާ ދެކޮޅަށް މީހުން އަޑުއުފުލަ އެވެ. ރާއްޖޭއިން މިފަހަރު ފާހަގަ ވެގެން މިއުޅެނީ ޒުވާން މަންމައެއް ކަމަށްވާ ސިޔާނާ މުހައްމަދު ސޯލިހް (ނާ) ޓުވިޓާގައި ހިންގި ހަރަކާތަކުން ނުކުތް ނަތީޖާއެކެވެ. އިސްވެ ތެދުވެ އޭނާގެ ގޮވާލުމަކަށްވީ "ހުކުރު ދުވަހު ހިނގާބަލާށޭ މަށާއެކު! ހުޅުމާލެ ގޮނޑުދޮށް ސަރަހައްދު ސާފު ކުރުމަށް!" އެވެ.

ދެން ފެނިގެން ދިޔައީ ތިމާވެށި ދެެކަ ވަރަށް ލޯބިވާ އެތައް ބަޔަކު ނުކުމެ އޭނާއަށް އިޖާބަ ދިން ތަނެވެ.

"ހުޅުމާލޭގައި ދިރިއުޅޭއިރު ދަރިފުޅު ގޮވައިގެން މޫދަށް ދާއިރު ގޮނޑުދޮށުން ފެންނަ ކުންޏާއި ހެދި ދަރިފުޅަށް އުނދަގޫ ވެގެން ކުނި ހޮވަން އެދުނީ. ދެން ދަރިފުޅަށް ނަމޫނާއެއް ދައްކާ މި ކަން ކުރުމަށް ބޭނުންވީ. އެކަނި ކުރެވޭނެ ކަމެއް ނޫންވީމަ އެހެން މީހުންގެ އެހީ ހޯދަން ޓުވިޓާގައި ޖެހީ. ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބުނު. ފުރަތަމަ ގަބޫލެއް ވެސް ނުވި"

ހުކުރު ދުވަހަކީ ހަފުތާގެ ބުރަ މަސައްކަތަށް ފަހު އެންމެން ވެސް އަރާމު ކުރާ ދުވަސް ކަމުގައި ވިއަސް ތަފާތު އެކި ފަރާތްތަކުން މި ކަމުގައި ބައިވެރިވުމުން އެއް ކަމެއް އެނގުނެވެ. ވަގުތު ކުޑަތަންވެފައި އޮއްވާ ވެސް މިކަހަލަ އިވެންޓެއް ރާވާ ހިންގާލުމަކީ އެއްވެސް ކަމެއް ނޫން ކަމެވެ.

"ޓްވީޓްސާފް" ގެ ނަމުގައިި އިއްޔެ ޓްވިޓާ ކޮމިއުނިޓީ ހިންގި މި އިވެންޓަށް އެންމެ މީހަކު ގޮވާލުމުން 253 ޒުވާނަކު ބައިވެރިވި އެވެ. ދެ ގަޑި އިރާއި 30 މިނެޓަށް ކުރިއަށް ގެންދިޔަ އިވެންޓް ގައި ބައިވެރިވި ގުރޫޕުން ވަނީ ހުޅުމާލޭގެ ގޮނޑުދޮށް ހިމެނޭ ސަރަހައްދު ކުނި ކަހައި ސާފު ކުރަން 11 ޓީމަކަށް ބެހިލައިގެން ކުނި ނަގައި ރީތިކޮށް ކަހާލާއި ސާފު ކޮށްދީފަ އެވެ.

މުޅީން ދެ ޖިންސުގެ ޒުވާނުން ހިމެނުނު އެ ގްރޫޕްތަކުން ވަރަށް ކުޑަ ވަގުތުކޮޅުގައި 1.36 ޓަނުގެ ކުނި އެއް ކުރި އެވެ. އޭގެ ތެރޭގައި އާދައިގެ ކުނީގެ ގޮތުގައި ވެމްކޯއިން ކްލެސިފައި ކުރާ 813.1 ކިލޯ ކުންޏާއި ޕްލާސްޓިކް ކުނީގެ ގޮތުގައި ބަލާ 156.5 ކިލޯގެ ކުންޏާއި އާއި އެލުމިނިއަމް އަދި ބިއްލޫރީގެ ކުނީގެ ގޮތުގައި ފާހަގަ ކުރާ 67.93 ކިލޯގެ ކުނި ހޮވައި ރައްކާތެރި ކަމާއެކު ނައްތާލެވޭ ގޮތަށް ޖަމާ ކުރި އެވެ.

ނާޒުކު ތިމާވެއްޓެއް އޮތް އަދި މައިގަނޑު އިގްތިސޯދުގެ ގޮތުގައި އޮތް ޓޫރިޒަމާއި މަސްވެރިކަމުގައި ތިމާވެށީގެ ރީތި ކަމާއި ވެށީގެ ރަހުމަތްތެރިކަން ވިއްކައިގެން ދުނިޔެއަށް މަޝްހޫރުވެފައިވާ ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ މައްސަލައައަކީ އެންމެ ބޮޑު ވެފައިވާ އެއް މައްސަލަ އެވެ. ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށްވެފައި ވާއިރު ޒިންމާދާރުކަން ކުޑަކޮށް އާންމު ތަންތަނަށް ކުނިއެޅުން ހުއްޓުވުމަކީ ފަރުދީ ޒިންމާއެކެވެ. އެންމެ އަންހެނެއްގެ އިސް ނެގުމަށް އިއްޔެ ހުޅުމާލޭގެ އަތިރިމައްޗާއި ގޮނޑުދޮށް ސާފު ކުރަން ނުކުތް ޒުވާނުންގެ މެސެޖަކީ ވެސް ރާއްޖެއަށް ލިބިފައިވާ ރީތި އެކަމަކު ނާޒުކު ތިމާވެށީ ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމެވެ.

ސާފު ކުރުމުގެ މި ހަރަކާތް "ޓްވިޓްސާފު" ސިލްސިލާ ހަރާކާތްތަކެއްގެ ގޮތުގައި ކުރިޔަށް ގެންދަން ޓުވިޓްސާފުން މަސައްކަތް ކުރާނެ އެވެ