ލައިފްސްޓައިލް

ލޭ ނާރު މި ވީޑިއޯއިން ލޭ ކެކޭވަރުވޭ!

ހަގީގަތް ބަދަލުވެފައި ވިޔަސް ބުނުމުގަ އާއި ލިޔުމުގައި އޮންނަ ގޮތުން އަދިވެސްް ރާއްޖޭގައި އެންމެން ފަހުރުވެރިވާ އެއްބަޔަކީ ރާއްޖޭގެ މަސްވެރިންނެވެ. އެ ހަގީގަތް އޮތް ގޮތަށް ބާއްވާފައި މިހެން ލިޔަމާ ހިނގާށެވެ: އިހުއްސުރެ ދިވެހިންގެ ލޭ ނާރު ކަމުގައިވާ މަސްވެރި ކަމަށް ހާއްސަ ލޯތްބެއް ދިވެހިންގެ ހިތުގައި އޮވެ އެވެ. މަސްވެރިން ގަދަ އަވީގައި ލޯ ބޯ ފިއްސައި ގަދަ ވިއްސާރައި ހީކެރުވި، ކަށިން ހިއްވަރުލައިގެން ކުރާ މަސްވެރިކަމަކީ ޖޯޝުގައި ހުޝިޔާރުވެ ތިބެގެން ކުރާ މަސައްކަތެކެވެ. މަހަށް ދާން އެން ހޯދަން ފީނައި ލިބުނު ގޮތަކަށް އެން ހޯދައިގެން މާ ކަނޑަށް ނައްޓާލަ އެވެ. މަސް އައިން ހޯދަން މަތިން އުދުހޭ ކުރަންގި މާރަނގަ އާއި ހޯރަ ފެނޭތޯ ދުރަށް ދުއްވަ އެވެ. މަސްއައިނާ ލައްވާލުމުން އެން އުކައި ފެން އުކައި ދޮށި އަޅައި މަސްބާނާ މަންޒަރަކީ އަޖައިބެއް ކަހަލަ ވަޖި ފޯރިއެކެވެ. މިހާރުގެ ގިނަ ޒުވާނުްނަށް މި މަންޒަރު ހަމަލޮލުން ފެނިފައި ނުވުމަކީ އެކަށީގެންވާ ކަމަކެވެ.

ހަމަލޮލުން ނުފުނުނަސް ވީޑިއޯއަކުން ދިވެހިންގެ ގައުމީ ފަހުރުގެ މަންޒަރު އަހަރުމެންނަށް ގެނެސް ދިނީ ޒުވާން ފޮޓޯގްރާފަރެކެވެ. އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން އައިޝަތު ނާޖިލާ (ނަޖް) އަކީ އޭނާ މީގެ 11 ވަރަކަށް އަހަރު ކުރިން އާޓަށް ހުރި ޝައުގަކާއެކު ފޮޓޯގްރަފީއަށް ވަން ޒުވާނެކެވެ. އަންހެން ކުއްޖެކެވެ.

"ވަރަށް ގިނަ ފަހަަރަށް މީހުން ހީކުރޭ އަހަންނަކީ ފިރިހެން ފޮޓޯގްރާފަރެއް ކަމަށް. މިދާއިރާގައި އަންހެން ކުދިން މަދުވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުގެ ފިރިމީހާ އެއްކޮށް ބައްދަލުވެއްޖެއްޔާ ބުނާނެ އެއީ ދޯއޭ ފޮޓޯގްރާފަރަކީ... ކޮންމެ މީހަކަށްވެސް ފޮޓޯގްރާފަރަކަށް ވެވިދާނެ!"

ފޮޓޯކަށް ހުއްޓި ޕޯޒްވާން ބޭނުން ނުވާ ނަޖް، ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ ކްލައިންޓުން ހޯދައި އޭނާގެ ޕޯޓްފޯލިއޯ ފުޅާކޮށްފައިވާރު ވީޑިއޯގްރެފީގެ މަސައްކަތަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ނަޖް ދަސްކުރި މަސައްކަތެކެވެ. އަދި ޓޫތައުސަންޑްއައިލްސްނަމުގައި ފިރިމީހާ، ލިޔުންތެރިއެއް ކަމުގައިވާ ޑޭން އާއެކު އަމިއްލަ ބްލޮގެއްވެސް ހިންގަ އެވެ.

ނަޖް މިފަހަރު އޭނާގެ ބްލޮގަށް ލާން ހެދީ ދިވެހިން ކާބަފައިން ފެށިގެން އެތައް ޖީލަކަށް ދެމިގެން ގޮސްފައިވާ ދޮށީގެ މަސްވެރިކަމާއި ގުޅޭ ކުރު ވީޑިއޯކޮޅެކެވެ. އެ ވީޑިއޯ ކޮޅާއި ބެހޭ ގުޅޭގޮތުން ނަޖް ވަނީ އަވަސް އޮންލައިނަށް ވާހަކަ ހިއްސާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި އެއީ ވަރަށް ބޭނުން ވެގެން ކުރި މަސައްކަތެކެވެ.

"ރާއްޖެއާ ގުޅޭ ކަން ކަން ދަސްކުރުމަށާއި ރާއްޖޭގެ އެކި އެކި ކަންކަން ތަޖުރިބާކުރަން އަބަދުވެސް ބޭނުންވޭ. ދިވެހި މަސްވެރި ކަމަކީ އޭގެ ފީޗާއެއް ބްލޮގްގައި އަދި މިހާ ހިސާބަށް ނުގެނެސްދެވި އޮތް ކަމެއް. ފުރުސަތު ނުލިބިގެން. ރައްޓެއްސެއްގެ ދައުވަތަކަށް މަސްދޯންޏަކަށް ދާން ފުރުސަތު ލިބުމާއެކު އެދުވަހު ނެގި ވީޑިއޯ ކްލިޕްތައް އެއްކޮށްލާ ހެދި ވީޑިއޯއެއް މިއީ،" ނަޖް ބުންޏެވެ.

ނަޖް ބޭނުންވީ މަސްވެރިކަމުގެ މި ވާހަކަ ވީޑިއޯއިން ކިޔައި ދޭށެވެ. އޭނާގެ ވީޑިއޯ ބަލާ މީހަކަށް މަސްދޯންޏެއްގައި ނަޖް ހުރި އިރު ކުރެވުނު އިހްސާސްތައް އެ އިހުސާސްތަކާ އެއްގޮތަށް ގެނެސްދޭށެވެ.

"މިއީ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހި މަސްވެރިން ކުރާ ބުރަ ބޮޑު މަސައްކަތެއް. މިވީހާ ދުވަހަށް އަހަރުމެންގެ ގައުމުގެ [ރައްޔިތުން] ބަނޑުފުރާނަ މުއްތިކޮށް ދިރިދެމެހެއްޓީ މި އިންޑަސްޓްރީ. އަހަރުމެންގެ ސުފުރާއަށް ފޯރުކޮށްދޭ ކާނާ މިއީ ބައެއްގެ ކިހާ ބުރަ ބޮޑު މަސައްކަތެއްކަން ދައްކުވައިދީ ހަނދާން ކޮށްދޭން ބޭނުންވީ" ނަޖް ބުންޏެވެ.

ދިވެހިންގެ ފަހުރު ދައްކާލާ ވީޑިއޯ: ނަޖްގެ މަސައްކަތެއް

ނަޖް ބުނި ގޮތުގައި އޭނާ މަސްދޯންޏަށް އެރީ ގުރޫޕަކާއެކު އެވެ. އަދި މަހަށް ގޮސް އެ އެންމެންވެސް ދިޔައީ އެމީހުންގެ ފޯނުން ފޮޓޯ ނަގަމުންނެވެ. ނަޖް ބޭނުންވީ މަސްވެރިންގެ މަސައްކަތަށް އެއްވެސް ބުރުނާރާ ކުރާކަމެއްކޮށް ނިންމާލާށެވެ.

"އެމީހުންނަށް އަހަރުމެން ތިބިކަން ވެސް އިހްސާސްވާކަށް ބޭނުމެއް ނޫން." ނަޖް ބުންޏެވެ.

ވީޑިއޯގައި ދައްކުވައިދޭ އެން ހިފާ މަންޒަރު ނަޖް އޭނާގެ ގޯޕްރޯ ހިފައިގެން 1-5 މީޓަރަށް ފްރީޑައިވެއް ކުރިއެވެ. އަދި ދޯނީގައި އެއް ސުފުރާމަތިން އެއްމެން އެއްކޮށް ކައި ހެދި އިރު މަސްވެރިން ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑު އެހި އެވެ.

ކްލައިމެޓް ކްރައިސިސްއެއް އަައިސް އެންމެ ފަހުނޭވާ އާއި ހަމައަށް ރާއްޖޭގައި ބަދަލެއް ނައިސް އޮންނާނީ ދޮށީގެ މަސްވެރިކަން ކަމުގައި ބުނެދިނުމަށް ވީޑިއޯކޮޅާއެކު ބްލޮގުގައި ލިޔެފައިވާ އިބާރާތްކޮޅެއްގައި ވެ އެވެ:

"ކަނޑުގެ ލޮނުގަނޑު އުފުލި އެންމެ ފަހު ޓުއަރިސްޓުން ފުރައިގެން ދާއިރު ވެސް އަދި ޖަޒީރާ މި ގައުމުގެ ކަނޑުތައް ދޫކޮށް އެންމެ ފަހު 'ސޭކު މަސް' ދާއިރު ވެސް އެންމެ ފަހު މީހަަކަށް ހުންނަނީ ދިވެހި ދޮށީގެ މަސްވެރިއެކެވެ"

މިއީ ނަޖްގެ ފިރިމީހާ ޑޭން ލިޔެފައިވާ އިބާރާތް ކޮޅެކެވެ. "ސޭކު" މިއީ އެން ނެތް ބުޅީގައި މަސް ގަންނަތީ މީގެ އެތަށް އަހަރެއް ކުރިން ޕިރާޑްގެ ސިފަ ކުރުމަކަށް އިޝާރާތްކޮށް ޑޭން ލިޔެފައިވާ އިބާރާތެކެވެ. ލިޔުންތެރިއެއްގެ ގޮތުން ނަޖްގެ ފޮޓޯތަކަށް ބޭނުންވާ ލިޔުންތައް ފުރިހަމަ ކުރަނީ އޭނާ އެވެ.

"ޑޭންގެ ލިޔުންތައް އަބަދުވެސް ކަމުދާއިރު އަހަރެންގެ ފޮޓޯތައް އޭނާގެ ސިފަ ކުރުމުން ފުރިހަމަ ކޮށްދޭ."

ނަޖްގެ ވީޑިއޯގްރަފީއަކީ މިފަހުން އޭނަ ދަސްކޮށް ފައްކާކޮށްފައިވާ ހުނަރަކަށް ވިއަސް ހުރިހާ ފީލެއް ވިޑިއޯއިން ބުނެދެ އެވެ. ރާއްޖެއަށް އޭނާ އޮތް ލޯއްބާއެކު ޒުވާން އުމުރުގައި ރާއްޖޭގައި ހުރިހާ އަތޮޅަކަށް އޭނާ ޒިޔާރަތް ކޮށްފި އެވެ. ފޮޓޯގްރާފަރެއެއްގެ ގޮތުން ޔޫރަޕާއި މެދު އިރުމަތީގެ ގިނަ ގައުމުތަކަށް ޒިޔާރަތްކޮށްފައިވާ އިރު އޭނާ އެންމެ ހިތް ކިޔަނީ ރާއްޖެއަށެވެ.

"އަހަރެންގެ ޑްރީމެއް އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަކީ. ދިވެހި ދިރިއުޅުން ޑޮކިއުމެންޓް ކުރަން ބޭނުމީ. އަހަރެން އިންސްޕަަޔާ ވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ނާޒުކު ކަމާއި ސަގާފަތާއި ރަށްފުށު ދިރިއުޅުމުން. އަހަރެން ބޭނުންވަނީ އަހަންނަށް ފެންނަ މަންޒަރުތައް އަހަރެންގެ ކެމެރާއިން ކެޕްޗަރކޮށް އަހަރެންގެ ތަޖުރިބާ ކިޔައިދޭން. ސްޓޯރީ ޓެލިން ފޮޓޯގްރަޕީ ޕްރޮޖެކްޓްގެ ތެރެއިން މީހުންނަށް ކިޔައިދޭން ބޭނުމީ އަހަރުމެންގެ ދިރިއުޅުން އޮންނަ ގޮތް. އަދި ގައުމެއްގެ ގޮތުގައި އަހަރުމެންނަށް ދިވެހިރާއްޖެ ސިފަވާގޮތް."

"އެ ސްޓޯރީއަކުން ޕޮޒިޓިވް އިމްޕެކްޓެއް ގެނެސް އަހަރުމެންގެ ދިވެހި ދިރިއުޅުން ބޭރު މީހުންނަށް ފެެންނަ ގޮތަށް ބުނެދޭން ބޭނުންވަނީ. ރާއްޖޭގެ މުސްތަގުބަލަކީ ކޮބައިކަން ނޭގޭއިރު އެ ގައުމެއްގެ ވާހަކަތައް އެންމެ ރަނގަޅަށް ކިޔައިދޭނީ ގައުމުގެ ކަންކަން އިނގޭ އަދި ގައުމުދެކެ ލޯބިވާ މީހުން ކަމުގައި ދެކެނީ." ނަޖް ބުންޏެވެ.

ކުޅަދާނަ ފޮޓޯގްރާފަރެއް އަދި ސްޓީރިއޯޓައިޕް ބްރޭކްކުރާ މީހެއްގެ ގޮތުން މިހާރު ވެސް ފާހަގަވާ ނަޖް ވަނީ މީގެ ކުރިން ވޯގް އެެރެބިއާ މަޖައްލާގައި ފީޗާ ކޮށްފަ އެވެ. ނަޖްގެ ވީޑިއޯގްރަފީއިން ވެސް އޭނާ ކާމިޔާބު ކުރާނެއެވެ. މަސައްކަތް ހުރީ އެ ފެންވަރަށެވެ.

"އަހަރެމެންގެ ވަށައިގެން މިވާ ކަންކަން ހީވެސް ނުކުރާ އަވަހަށް މި އަންނަނީ ބަދަލުވަމުން. އަހަރުމެން ވަގުތު ހޯދަންވީ އަހަރުމެންނަށް މުހިއްމު ކަންކަން އެޕްރިޝިއޭޓް ކުރަން. މި ކުޑަ ވީޑިއޯއިން މީހުންނަށް އަހަރުމެން ވަށައިގެންވާ ރީތި ކަން ފެންނާނެ ކަމަށް އުއްމީދުކުރަން. މިއީ މަސްދޯންޏެއްގައި އަންހެންކުއްޖެއް ދެތިން ކެމެރާ ހިފައިގެންގޮސް ކުޑަވަގުތު ކޮޅެއް ހޭދަކޮށްގެން ލިބުނު ރީތި މަންޒަރެއް"