ސްކޫލް ޗުއްޓީއަކީ ކުދިންނަށް އަބަދުވެސް ވަރަށް ތަފާތު އާ ކަންކަން ތަޖުރިބާ ކުރުމަށް ލިބޭ ފުރުސަތެކެވެ. އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖެއިން ބޭރަށް ދެވޭނެ މަގެއް ނެތެވެ. ގިނަ ކުދިން މި އަހަރުގެ ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގަ އެވެ. ރަނގަޅަށް ރާވާލައިގެން ބޭނުން ހިފައިފިއްޔާ މިއީ ކުދިން ދިވެހިވަންތަކަމާއި ރާއްޖޭގެ ގުދުރަތީ މުއްސަންދި ކަމަށް ލޯ ހުޅުވައި ދެވޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
ފަހަކަށް އައިސް ޗުުއްޓީގައި ކުދިންނަށް އެކި ކަހަލަ ހޮލިޑޭ ޕްރޮގްރާމްތައް ރާވަ އެވެ. އާޓްކްރާފްޓާއި ކޯޑިން ފަދަ ޕްރޮގްރާމްތަކަކީ ޗުއްޓީގައި ކުދިން ބައިވެރިވާ އިންތިޒާރު ވެސް ކުރާ ޕްރޮގްރާމްތަކެކެވެ.
ދ. ރިނބުދޫ ކައުންސިލުން ވެސް ވަނީ އެފަދަ ޕްރޮގްރާމެއް ތައާރަފުކޮށްފަ އެވެ. އެއީ ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ މަސްވެރިކަން ދަސްކޮށްދޭ ހާއްސާ ހޮލިޑޭ ޕްރޮގްރާމެކެވެ. ކައުންސިލް އިސްވެ އުފެއްދި ޕްރޮގްރާމަކަށް ވިޔަސް މި ޕްރޮގްރާމްގެ އަމަލީ ގޮތުން ހިންގުމުގައި ހަރަކާތްތެރިވާނީ ރިނބުދޫ ޒުވާނުންގެ ޖަމިއްޔާ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އެވެ.
ދިވެހިންގެ ލޭނާރު، މަސްވެރި ކަމަކީ ހުރިހާ ދަރިންނަށް ކިޔައިދީ ދަސްކޮށް ދޭންޖެހޭ ސަޅި ކަމެކެވެ. ދިވެހި ޝަރަފާއި ފަހުރެއް ކަަމަށްވާ ދޮށީގެ މަސްވެރިކަން ކިޔައި ދޭން ޖެހެ އެވެ.
ރިނބުދޫ ކައުންސިލުން ކުދީންނަށް ހޯދައި ދިނީ އެ ފުރުސަތެވެ. ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި ގޮތުގައި ރިނބުދޫގެ އާޓް މިއުރަލްތައް ބަލައިލުމަށް ވަރަށް ގިނަ މީހުން އެ ރަަށަށް ދެއެވެ. އެގޮތަށް ޒިޔާރަތްކުރާ މީހުންގެ ކުދިންނާއި އެ ރަށުގެ ކުދިންނަށް ޗުއްޓީގައި މަސްވެރިކަމާއި ގުޅޭ މައުލޫމާތު ދީ މަސްވެރިކަން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް އެކުލަވާލާފައި ވެއެވެ.
"ބޮޑު ޗުއްޓީގައި ރިނބުދޫއަށް ޒިޔާރަތް ކުރުމަށް ގަސްދުކުރާ މީހުންނަށް އެމީހުންގެ ކުދިންނަށް އިތުރު ހަރަކާތެއް ގޮތުގައި މީގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ." އޭނާ ވިދާޅުވި އެވެ.
ހާތިމް ވިދާޅުވި ގޮތުގައި މަސްވެރި ކަމުގެ ޕްރޮގްރާމް ކުރިޔަށް ދާނީ ކުރިއަށް އޮތް ހައެއްކަ ދުވަހު އެވެ. ކޮންމެ ދުވަހަކު ހެނދުނު ދަންފަޅިއަކާއި ހަވީރު ދަންފަޅިއަކަށް ބަހާލައިގެނެވެ.
"ކުދިންނަށް ދަސްކޮށް ދޭނީ ކަންވާރަށް ބުޅި ލެއްވުމާއި، ވަދު އެޅުމާއި، މަސްވެރިކަމުގެ އާލަތްތަކުގެ ބޭނުމާއި އެއަށް ކިޔާ ނަންތައް."
އޭނާ ވިދާޅުވި ގޮތުގައި ގަސްދަކީ އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ޕެކޭޖްތައް އެކުލަވާލާއިރު މަސްވެރި ކަމުގެ ޕްރޮގްރާމެއް ވެސް ހިމެނުމެވެ. ކުދިންނަށް މަސްވެރިކަމުގެ ޕްރޮހްރާމް ހިންގަނީ ރަށުގެ ކެޔޮޅުންނާއި ގުޅިގެނެވެ.
"ހުކުރު ދުވަހު މި ޕްރޮގްރާމް މި ފަށައިގަތީ. ކުދިންގެ މޫނުމަތިން މަތިން ފެނުނީ ހިނިތުންވުމާއި އުފާވެރިކަން."
އެއް ޖީލުން އަނެއް ޖީލަށް މިފަދަ އެކި އެކި ހުނަރު ދަސްކޮށްދިނުން މުހިންމެވެ.