ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަލުން ހުޅުވައިފި އެވެ.
ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމަށް މިދިޔަ މާޗު މަހު ވަނީ 242 ޖާގައަށް ހުޅުވާލާފަ އެވެ. އެގޮތުން 993 ދަރިވަރުން ކުރިމަތިލިއިރު، ފުރުސަތު ލިބުނީ 79 ދަރިވަރުންނަށެވެ. މިއަދު ފުރުސަތު ހުޅުވާފައި ވަނީ އޭގެ ތެރެއިން ބާކީ ހުރި 163 ޖާގަ އަށެވެ.
ލޯނު ދޫކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އާ އުސޫލުގައިވާ ގޮތުން ސްޓޫޑެންޓް ލޯން ދޫކުރަނީ އުމުރުން 16 އަހަރު މަތީ ފަރާތްތަކަށެވެ. އަދި ކިޔަވަން ބޭނުންވާ ކޯހަކީ މިނިސްޓްރީން ލޯނު ދިނުމަށް ނިންމާފައިވާ ކޯހަކަށް ވާން ޖެހޭއިރު ލޯނަށް އެދޭ ދަރިވަރަކީ އެއްވެސް ސަބަބަކާ ލައިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބްލެކްލިސްޓް ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ލޯނަށް އެދޭ ދަރިވަރަކީ ދައުލަތު ނުވަތަ ސަރުކާރު މެދުވެރިގެން އެހެން މުއައްސަސާއަކުން ވެސް ކިޔެވުމުގެ ކަންތަށް ހަމަޖެހިފައި ނުވާ ފަރާތަކަށްވުން ލޯނު ދޫކުރުމުގެ އުސޫލުގައި ވަނީ ހިމަނާފަ އެވެ. މިއިން އެއްވެސް އުސޫލަކާ ހިލާފުވާނަމަ ލޯނަށް އެދި ހުށަހަޅާ ފޯމް ބާތިލް ވާނެ އެވެ.
ލޯނު ދިނުމަށް އަލަށް އެކުލަވާލި އުސޫލުގެ ދަށުން ބޭނުން ގައުމަކަށް ކިޔަވަން ދެވުނަސް، ސަރުކާރުން ދޭ ލޯނަށް ވުރެ އިތުރަށް ހިނގާ ހަރަދު ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ. ދަރިވަރުންނަށް ބޭނުން ގައުމަކަށް ކިޔަވަން ދިއުމުގެ ފުރުސަތު ދޭން ހަޔާ އެޑިއުކޭޝަނުން ނިންމީ ލޯނަކީ ދަރިވަރު އަނބުރާ ދައްކަން ޖެހޭ އެއްޗަކަށް ވާތީ އެވެ. ލޯނު ދޫކުރަނީވެސް ލޯނުގެ ގޮތުގައި ނަގާ ފައިސާގެ ނިސްބަތުން ކަނޑައަޅާ މުއްދަތަކަށް ރާއްޖެއަށް ހިދުމަތް ކުރަން އެއްބަސްވުމުންނެވެ.
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަމަވާނީ މިމަހު 24 ވަނަ ދުވަހު މެންދުރު 1:00 ޖަހާއިރު އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް އެދެން ޖެހެނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކަމަށެވެ.
މިފަހަރު ފުރުސަތު ހުޅުވާފައި މިވަނީ ޕޯޓަލްގައި އިތުރު ފީޗާސްތަކެއް ހިމަނައިގެންނެވެ. އެގޮތުން ކުރިން ފޯމް ހުށައެޅި ދަރިވަރުންނަށް އެ މީހުންގެ ޕްރޮފައިލަށް ބަދަލު ގެނެސް، ގޯސްކޮށް ހުރި ކަންތައް ރަނގަޅު ކުރެވެން ހުންނާނެ އެވެ. އަދި ދެ ފުށް ހިމަނަން ޖެހޭ ސެޓްފިކެޓްތަކާއި އެހެން އެއްޗެހި ވެސް ކުރިއަށް ވުރެ ފަސޭހައިން ޕޯޓަލް އިން މިފަހަރު ދެނެގަނެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.