ގާސިމް އިބްރާހިމް

ރައީސް އުފައްދަވާ ކޮމިޝަނެއްގައި ސިޔާސީ ނުފޫޒަށް ފުރުސަތު ބޮޑު: ގާސިމް

ގާނޫނު އަސާސީން ތަހުގީގުތައް ކުރުމުގެ ބާރުތައް ދީފައިވާ ގާނޫނީ މުއައްސަސާތަކުގައި ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ކޮމިޝަނަކަށް ހަމަ އެ ބާރުތައް ދޭއިރު ރިޔާސީ ކޮމިޝަނެއްގައި ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލަށް ބަހުސް ކުރައްވަމުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލަކަށް ނުވާނަމަ ބިލު ފާސްކުރުމަށް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނު އަސާސީން ވަކި މުއައްސަސާތަކަކަށް ދީފައިވާއިރު އެ ބާރުތައް ނަކަލުވާ ގޮތަށް އެހެން މުއައްސަސާއަކަށް ދިނުން ގާނޫނު އަސާސީއާ ހިލާފު ނުވެދާނެތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

"ގާނޫނު އަސާސީއާ ހިލާފުވާކަމަށްވާނަމަ ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހު މެނުވީ އެ ބާވަތުގެ ކަމެއް ކުރެވިދާނެތޯ އެ ސުވާލު އަޅުގަނޑުގެ ހިތުގައި އުފެދޭ." މިދިޔަ މަޖިލީހުގައި ދުވަސްކޮޅަކަށް މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނެވި ގާސިމް ވިދާޅުވި އެވެ.

މަރުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަަށް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކަކަށް ގާނޫނީ ބާރު ދޭންވީ ސަބަބެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކެއްގައި ސިޔާސީ ނުފޫޒުތައް އޮތުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ.

"މިހާރު އޮތް މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަނުމުން ކަމަށް ދޭހަވާ ގޮތަކަށް ދެއްކެވި ވާހަކަފުޅުތަކަށް ރިއާޔަތްކޮށް އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް އެކުލަވާލައްވާ ކޮމިޝަނެއްގެ ތެރެއަށް ހަމަ ނުވަންނާނެ ތޯ ސިޔާސީ ނުފޫޒެއް އޭގެ ތެރެއަށް. ކޮންމެ ގޮތެއްގަ ވެސް މިކަން ދެކޮޅު ޖެއްސުމަށްޓަކައި ވަކި ސަރުކާރެއް ބޭނުންވާ ގޮތަކަށް ކަން ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ." ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީތަކަށް އޮތްއިރު، ގާނޫނު އަސާސީއާ ހިލާފު ކަމަށް ބެލެވޭ މަސައްކަތެއް ކުރަނީ ރައީސަށް ކުރެވެން އޮތް އެހެން ކަމެއް ނެތުމުންތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

ގާސިމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މަރުތަކުގެ ހަގީގަތް އެނގި އަނިޔާ ލިބިފައިވާ އާއިލާތަކަށް އިންސާފު ނުލިބި ދިއުމަކީ އެއްގޮތަކަށް ވެސް ބޭނުންފުޅު ނުވާ ކަމެއް ނޫން ކަމަށެވެ. އަދި ހިޔާނާތްތެރިވެގެން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން ވެސް ބޭނުންފުޅުވާ ކަމަށެވެ.