މޫސުން

ކާނިވާ ސަރަހައްދަށް އުދަ އަރައިފި

މާލޭގެ ކަނިވާ ސަރަހައްދަށް އުދަ އަރައި، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެ އެވެ.

ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ރެސްޓޯރެންޓް ހުންނަ ސަރަހައްދަކަށްވުމުން، އާއްމުންގެ ގިނަ ބަޔަކު ޖަމަވާ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދަށް އުދަ އެރިނަމަވެސް އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ފުލުހުން ދީ ފައެއް ނުވެ އެވެ.

އުދަ އަރައިފައިވަނީ ކާނިވާގައި ހުންނަ ޑޮލްފިން އަދި ލަވެންޑްރާ ރެސްޓޯރެންޓާއި ވީ ދިމާލުންނެވެ. އުދައިގެ އަސަރުވަނީ ކާނިވާގައި ގާއިމުކޮށްފައިވާ ބައިބަލާ ކުޅޭ ބިމާއި ހަމައަށް ކޮށްފަ އެވެ. މިހާރުވެސް އެސަރަހައްދުގައި ވަނީ ފެން ބޮނޑުވެފަ އެވެ.

މާލެއަށް އުދަ އަރައިފައިވާއިރު ރާއްޖޭއާއި ދުރުން އަރަބި ކަނޑުގައި އިންޑިއާގެ މުމްބާއީގެ ހުޅަނގުދެކުނަށް 280 ކިލޯމީޓަރާއި
ދުރުގައި "ވާޔޫ" ކިޔާ ތޫފާނެއް އުފެދި އެތޫފާންގެ ބާރުގަދަވާން ފަށައިފަ އެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފަވަނީ، ތޫފާން ވާޔޫގެ އަސަރު ރާއްޖެއަށް ސީދާކޮށް ނުކުރާނެ ކަމަށެވެ. މެޓް އޮފީހުން އިތުރަށް ބުނެފަވަނީ، އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދު އުތުރުގެ ރަށްތަކަށް 10 މޭލާއި 18 މޭލުގެ ބާރު މިނުގައި ވައިޖެހި އުތުރުގެ ރަށްތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުގެ ޑައިރެކްޓާ އަހްމަދް ރަޝީދު ވިދާޅުވީ، ތޫފާން ވާޔޫގެ ސަބަބުން ބާނީތަށް އުސްކޮށް އުޅޭ ކަމަށެވެ. އަދި މާލެއަށް އެރި އުދައަކީ ވާޔޫގެ އަސަރެއް ކަމަށް ބުނަން ދަތި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، ތޫފާނު ވާޔޫގެ ސަބަބުން މާލޭ އަށް އުދަ އެރިނަމަ އުތުރުގެ އެހެން ރަށްތަކަށްވެސް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.