ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ. ފަނޑިޔާރު ދީދީ އޭރު ހުންނެވީ ކުރިމިނަލް ކޯޓުގަ އެވެ. އެ ތުހުމަތު އަބްދުﷲ ދީދީ ދޮގު ކުރައްވާފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ވެސް މިއަދު ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. އެއީ އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އެ ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ އިތުރުން، ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވަނީ ނިންމާފަ އެވެ. މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ފުރަތަމަ ފަހަރެވެ.

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.