ހަބަރު

ފުރަތަމަ ފަހަރަށް ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީއިން މަޖިލީހަށް

ފުރަތަމަ ފަހަރަށް ފަނޑިޔާރަކު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ޖޭއެސްސީގެ މެންބަރުންނަށް ފެންނަ ހާލަތްތަކުގައި ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ހަމައެކަނި މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅެށުމަށެވެ. އެ ގޮތަށް ފާސްކުރީ ޖޭއެސްސީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޝަންގައި ތިއްބަވަނީ 10 މެންބަރުންނެވެ.

އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމާފައިވަނީ އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބެލުމަށްފަހު އެވެ. އެއީ މަސްތުގެ ހާލަތުގައި ހުއްޓާ އޭނާ ހައްޔަރުކުރި މައްސަލަ އެވެ. އޭނާ އެ މައްސަލާގައި ހުރީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އެ މައްސަލާގައި އޭނާ ހައްޔަރުކޮށް ބަންދު ޖެހުމަށް ހައިކޯޓަށް ހާޒިރުކުރުމުން ދޫކޮށްލި އެވެ. އެއީ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އެއީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމެލީ ކޯޓުގެ އިސް ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރުމަށް ވެސް ނިންމި އެވެ.