މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބާއްވަން ރާއްޖެއިން ތައްޔާރުވާން ފަށައިފި އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މި ފޯރަމްގައި ގިނަ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވާނެ އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެޖެންޑާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯރަމްގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.
މި ފޯރަމް އޮންނާނީ މި މަހުގެ 17 އަދި 18 ގައެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކޯ ހޮސްޓް ކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ. ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި، ގައުމީ ތަރައްގީގެ ޕްލޭނާބެހޭ ގޮތުން ބައެއް ވަޒީރުން ފޯރަމްގެ ބައިވެރިންނަނަށް މައުލޫމާތު ދެއްވާނެ އެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި އިގްތިސޯދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ފޯރަމް ތެރެއިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ އިރު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މަސައްކަތް ކުރާނެ އެވެ.
ޕާޓްނާޝިޕް ފޯރަމްގައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ޕެނަލް ޑިސްކަޝަން ބާއްވާ ދާއިރާތަށް
- މާލީ އަދި އިގްތިސޯދީ ދާއިރާ
- ނޫ އިގްތިސާދު
- އިޖްތިމާއީ ދާއިރާ
- އިދާރާތައް ހަރުދަނާކުރުން
- ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުން
މި ފޯރަމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.