ވިޔަފާރި

އައިޑީބީން އެސްޓީއޯގެ އިސްލާމިކް ފައިނޭންސް ފެސިލިޓީ އިތުރުކޮށްދީފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖޭގެ އެސްޓީއޯއަށް މިދިޔަ އަހަރު ހަމަޖައްސައިދިން 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސިން ފެސިލިޓީ އިތުރުކޮށްދީފި އެވެ.

އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ އައިޓީއެފްސީގެ ފައިނޭންސިން ފެސިލިޓީ އިތުރުކޮށްދީފައިވާ ކަމަށެވެ.

"މިއީ ލޯނެއް ނޫން. އިސްލާމިކް ފެސިލިޓީއެއް އެ ރިނިއުކޮށް ދިނީ،" މިހާދު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އާއްމުކުރި ރާއްޖޭގެ ދަރަންޏާއި ސޮވެރިން ގެރެންޓީގެ މައުލޫމާތުތަކުގައިވާ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއަށް އައިޑީބީގެ އިސްލާމިކް ވިންގު، އައިޓީއެފްސީން އިސްލާމިކް ފައިނޭންސް ފެސިލިޓީއަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިިލިޓީ އަކަށް ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ. މި ސޮވެރިން ގެރެންޓީ ހަމަޖައްސައިދީފައިވަނީ މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި އެސްޓީއޯއަށް އައިޑީބީއިން އިސްލާމިކް ފައިނޭންސިން ފެސިލިޓީ ހަމަޖައްސައިދިނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ހަމަޖައްސައި ދީފައިވަނީ ދީފައިވަނީ 100 މިލިއަން ޑޮލަރުގެ ފެސިލިޓީ އެކެވެ. މި ފަހަރު މިވަނީ މި ފެސިލިޓީއަށް 50 މިލއަން ޑޮލަރު އިތުރުކޮށްދީފަ އެވެ.

އައިޓީއެފްސީ އިން އެސްޓީއޯ އަށް ދީފައިވަނީ މުރާބަހާ ފައިނޭންސިން ފެސިލިޓީ އެކެވެ. މުރާބަހާއަކީ އިސްލާމިކް ފައިނޭންސްގައި ދަރަންޏަށް މުދާ ދޫކުރުމަށް އޮންނަ އުސޫލެކެވެ. އެ އުސޫލުގެ ދަށުން މުދާ ދޫކުރުމަށް މުދާ ގަންނާނީ ބޭންކުންނެވެ. އަދި އެއަށް ފަހު މުދާ ލިބި ގަންނަ ފަރާތަށް ދޫކުރާނީ މުދަލުގެ އަގު ބައި ބަޔަށް ބަހާލައިގެން ދައްކާ ގޮތަށެވެ.