ޗުއްޓީގައި ތިއްބަވާ ހައިކޯޓުގެ ފަނޑިޔާރުން ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ. ހައި ކޯޓުން އެގޮތަށް ނިންމާފައި އޮތީ ޖޫން 30، 2011 ގަ އެވެ.
ހައިކޯޓުން މިއަދު އެކަން ހާމަ ކުރީ އެ ކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ޗުއްޓީގައި ހުންނެވުމަށްފަހު، ކޯޓަށް ވަޑައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކޮށްފައިވާ ޖަލު ހުކުމެއް ބާތިލްކޮށްފައި ވާތީ އެކަން ބަލައި ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައި ވާތީ އެވެ. އެ ހުކުމް އިއްވުމަށްފަހު ސުޖާއު އަލުން ޗުއްޓީއަށް ވަޑައިގަތީ އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ކޮންމެ ފަނޑިޔާރަކީ ވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ދޭން ޖެހޭ މީހަކަށް ވާން ޖެހޭއިރު، ކޯޓުގައި ހުކުމެއް ކުރަން ޖެހޭ ޝަރީއަތެއްގައި ނުވަތަ ވަކި އަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިސަލާކުރެވެން ނެތް ކަމަށް ބެލެވޭ ހާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިއަސް، މައްސަލައެއްގެ ހުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ހާޒިރުވެވޭނެ ފަދަ ހާލަތެއްގައި ހުރި ނަމަ، އެ ޝަރީއަތެއް ނިންމެވުމަށް ބާއްވާ ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށެވެ.
އެގޮތަށް ހައިކޯޓުން އަމަލު ކުރަން ފަށާފައިވަނީ ފަނޑިޔާރު ސުޖާއު އުސްމާނު އެ ކޯޓަށް ވަޑައިގެންނެވުމުގެ ވެސް މާކުރިންނެވެ. ހައިކޯޓުން ބުނީ އެ ނިންމުން ނިންމި ފަހުން މިއަދާ ހަމަޔަށް ވެސް ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ހުކުމް ކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން ކަމަށެވެ.
ސުޖާއު އުސްމާނުގެ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު އެކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ. އަދި އެކަން ހިނގާފައިވާ ގޮތް ބެލުމަށް ޖޭއެސްސީގެ މެންބަރުން ހާޒިރު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ ކޮމެޓީގައި ޝަރުއީ ދާއިރާގެ ކަންކަން ބެލުމަށް އާ މަޖިލީހުގައި އެކުލަވާލި އާ ކޮމެޓީއެކެވެ.