ހިިސާން ހުސައިން

ކޮމިޓީގެ ޖޭއެސްސީގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނަން: ހިސާން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކަންކަން ބެލުމުގެ މަސައްކަތު ކުރެއްވުމަކީ މަސްލަހަތު ފުށުއަރާނެ ކަމަކަށްވާތީ އެ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ކަނޑައަޅާ މެންބަރަކަށް ހިސާން ހަމަޖައްސަވާފައި ވަނިކޮށް، އެ ކޮމިޝަން ހިމެނޭ ގޮތަށް ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބަލަން މަޖިލީހުގައި އެކުލަވައިލި ޖުޑިޝަރީ ކޮމިޓީއަށް ވެސް ހިސާން ހަމަޖެއްސުމުން އެއީ މަސްލަހަތު ފުށު އަރާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޮމިޓީއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވަނީ ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބެވެ. އެކަމަށްޓަކައި މިރޭ ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރާނެ އެވެ.

މިކަމާ ގުޅިގެން ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްލަހަތު ފުށުއަރާތީ ކޮމިޓީން ކުރާ ޖޭއެސްސީގެ އެއްވެސް މަސައްކަތެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދެން ހިމެނޭ ކަންކަން ކުރުމުގައި އުޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަސްލަހަތު ފުށުއަރާ ޖޭއެސްސީގެ އޯވާސައިޓްގެ މަސައްކަތުގައި ބައިވެރިއެއްނުވާނަން، ޖުޑިޝަރީ ކޮމިޓީ މެންޑޭޓްގައި ހިމެނެނީ ހަމައެކަނި ޖޭއެސްްސީގެ އޯވާސައިޓެއް ނޫން. ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެންނަން ޖެހޭ ބަދަލުތަކާ ގާނޫނުތަކުގެ މަސައްކަތް ވެސް ހިމެނޭ. އެ މަސައްކަތުން ދުރަށް ދާކަށް ގަސްތެއް ނުކުރަން." ހިސާން ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުވާ ކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކަންކަން ބަލައި އެ މުއައްސަސާތައް ޖަވާބުދާރީކުރުވުން ހިމެނެ އެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއާ ގުޅުން ހުރި ބލުތައް ދިރާސާކޮށް ފުރިހަމަ ކުރުމަށް މަޖިލީހަށް ރިއާޔަތް ކޮށްދިނުން ވެސް ހިމެނެ އެވެ.

ހިސާންގެ އިތުރުން ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި، ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި، ހެންވޜު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތިފާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.