ރާއްޖޭގައި ހިނގާ ކޮންމެ ކަމެއްގެ އިލްޒާމް އަބަދުވެސް އަމާޒުވާނީ އޭރެއްގައި އޮންނަ ސަރުކާރަށެވެ. ގިނަ ފަހަރު އެ ފާޑުކިޔުންތައް ސަރުކާރުތަކަށް ނޫނީ ދައުލަތުގެ މުއައްސަސާތަކަށް އަމާޒުވާން ޖާއިޒު ވެސް މެއެވެ. އިހުމާލު ބޮޑުވީމަ އެވެ. ފަރުވާ ކުޑަކަމާއި ދޯދިޔާކަންވެސް އިންތިހާއަށެވެ. އެފަދަ ކަމެއްގައި މިފަހުން ވަނީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ކެކިގެންފަ އެވެ. އެއީ މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުށަހެޅި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިކޮލައިގެނެވެ އެވެ. ޑިސްކޮލައިފައިކޮށްލީ ނުބައިކޮށް ފޯމް ފުރައިގެނައި ނުބައިކޮށް ހުށަހަޅައިގެން ކަމަށް ބުނެ އެވެ.
މިދިޔަ މާޗް މަހު މަތީ ތައުލީމްގެ 242 ޖާގައަށް ފުރުސަތު ހުޅުވާލި އެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 993 ދަރިން ކުރިމަތިލިއިރު، ފުރުސަތު ލިބުނީ 79 ދަރިވަރުންނަށެވެ. ބާކީ ހުރިހާ ކުދިންގެ ފޯމް ޑިސްކޮލިފައިވީ އެވެ.
އެ އެންމެންގެ ރުޅިގަނޑު ބަންޑުންކޮށްލީ ސަރުކާރަށާއި ހަޔާ އެޑިޔުކޭޝަނަށެވެ. ތައުލީމަށް ކުދީންތަކެއް ފެން ބޮވައިގެންފައި ތިއްބައި، ފޯމު ނުބައިވެގެން އެހާ ގިނަ ފުރުސަތުތަކެއް "ބޭކާރު" ވެގެން ދިޔައީމަ ގޯސްވީ އާންމު އުސޫލުގެ މަތިން މިނިސްޓްރީ އެވެ. ވަކި ބަޔަކަށް ލޯނު ދޭންވެގެން ގަސްދުގައި ޑިސްކޮލިފައި ކޮށްލީއޭ ބުނި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެ ހޫނުގަނޑުގެ ތެރެއަށް ސިޔާސީ ބޭފުޅުން ވަދެ، މިނިސްޓްރީން ވަނީ ލޯނު ނުދެވުނު ސަބަބުތައް ވެސް ހާމަކޮށްފަ އެވެ.
ޑިސްކޮލިފައިވި ބައެއް ސަބަބުތަކާއި އަދަދުތައް
- ރާއްޖޭގައި ކިޔަވަން ފޯމް ހުށަހެޅި ފަރާތްތައް: 1
- ސެޓްފިކެޓް އަދި ޑޮކިއުމަންޓްތަކުގެ ދެފުށް ހުށަހަޅާފައިނެތުން: 271
- މި ސްކީމްގެ ދަށުން ހިމަނާފައިނުވާ ގައުމުތަކަށް ކިޔެވުމަށް އެދިފައިވުން: 192
- ކޯހަށް ވަނުމަށް ބޭނުންވާ އެމްކިއުއޭގެެ ޝަރުތު ފުރިހަމަނުވުން: 22
- އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން: 51
- އިއުލާނާއި އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަނުވުން: 183
- ހުށަހަޅަންޖެހޭ ކެޓެގަރީ ނޫން އެހެން ކެޓެގަރީއަކަށް ފޯމް ހުށަހަޅާފައިވުން: 16
- ކޮލިފައިވެ، ހުށަހެޅި ސްލޮޓް ފުލްވެގެން: 12
- ސެޓްފިކެޓް އެކްރެޑިޓް ކޮށްފައިނެތުން: 21
- މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލު ނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުން: 14
އެ ވަރުންވެސް އާންމުންގެ ފާޑިކިޔުންވީ އިތުރެވެ. ފޯމު ފުރިހަމަ ނުވަންޏާ، އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭންޖެހޭނެ ކަމަށް ގޮވަމުންނެވެ. ރަނގަޅު ވާހަކަ އެކެވެ. ހާއްސަކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއްގައި އިދާރީ ސަބަބަކުން ގިނަ ބައެއްގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކުން މަހުރޫމްވެގެން ނުވާނެ އެވެ. ކިޔޫގައި ޖެހިގެން މިނިސްޓްރީގެ ކައުންޓަރަށް ފޯމު ހުށަހަޅާ ގޮތަށް އިންތިޒާމް އޮތް ނަމަ މި މައްސަލަ ފެންމަތިނުވީހެވެ. ގައިމުވެސް ފޯމު ފުރިހަމަ ނޫން ކަމަށް ބުނެ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުސަތު އޭރުން ދަރިވަރުންނަށް ލިބޭނެ އެވެ.
ފޯމެއް ފުރަން ނޭނގުމަކީ މައްސަލައެއް
މި މައްސަލަގަނޑުގެ އަނެއް ފަރާތަށް ބަލައިނުލާ ދޫކޮށްލެވޭކަށް ނެތެވެ. ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ގަބޫލު ކުރިޔަސް، ޝަރުތުތަކާ އެއްގޮތަށް ފޯމެއް ރަނގަޅަށް ފުރިހަމަ ކުރަން ނޭނގުނު އެތަކެއް ސަތޭކަ ދަރިވަރުންނެއް ތިބިކަން ހާމަވެގެން ދިއުމަކީ މާބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލަ އެކެވެ.
ހަޔާ އެޑިޔުކޭޝަނުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ސެޓްފިކެޓް އަދި ޑޮކިއުމަންޓްތަކުގެ ދެފުށް ހުށަހަޅާފައިނެތިގެން 271 ދަރިވަރުން ތިބިއިރު، ލޯނު މި ސްކީމްގެ ދަށުން ހިމަނާފައިނުވާ ގައުމުތަކަށް ކިޔަވަންދާން އެދިގެން ބާތިލް ކުރަން ޖެހުނު 192 ފޯމަކީ ކުރިމަތިލި ފަރާތްތަކުގެ ނިސްބަތުން އެންމެ ގިނަ ކުދިން ޑިސްކޮލިފައިވި ދެ ސަބަބެވެ.
ދެފުށުގައި މައުލޫމާތު ހުރި އެއްވެސް ލިޔެއްކިއުމެއްގެ ކޮޕީ ހުށަހަޅާއިރު، ދެ ފުށްވެސް ހިމަނަންޖެހޭކަން އެހާ ގިނަ އަދަދެއްގެ ކުދީންނަށް ނޭނގުނުކަމީ ކިތަންމެ ނުރުހުނަސް ސުވާލު އުފައްދަންޖެހޭ ކަމެކެވެ. އާންމު ކޮށްފައިވާ މައުލޫމާތުތައް ނުކިޔާ، ސްކީމްގައި ނުވެސް ހިމެނޭ ގައުމުތަކަށް ދާން ހުށަހެޅުމަކީ ވެސް ނުދައްކާ ދޫކޮށްލެވޭވަރުގެ ވާހަކައެއް ނޫނެވެ.
ސަބަބަކީ، މިއީ ޕްރައިމަރީ ކުދީންގެ ވާހަކަ ނޫންކަމަށް ވާތީ އެވެ. އެ ސްކީމަކީ މަތީ ތައުލީމުގެ ލޯނު ދޫކުރަން ހުޅުވާލި ފުރުސަތެކެވެ. ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންތަކެކެވެ. ކިޔަވައިގެން އައިސް ގައުމުގެ ކުރިމަގު ބިނާކުރުމުގެ ޒިންމާ ބޮލުގައި އެޅޭނެ ކުދީންނެވެ.
ފޯމު ނުބައިވެގެން ކިޔެވުމުގެ ފުރުސަތު ނުލިބުމަކީ މައްސަލަ އެކެވެ. ޝަރުތުތައް ހަރުކަށިވުމަކީ ވެސް މިނިސްޓްރީގެ އިހުމާލެކެވެ. އެކަމާ ހެދި އެތަކެއް ސަތޭކަ ކުދީންގެ މުސްތަގުބަލަށް ހުރަސްއަޅޭއިރު ފާޑުކިޔުން އަމާޒުވާނެކަން ނޭނގުމަކީ ވެސް އަނެއް މައްސަލަ އެވެ. އެކަމަކު މި މައްސަލާގައި އެއްވެސް މީހަކު ނުދައްކާ ނޫނީ ދައްކަން ނުކެރުނު ވާހަކައެއް ވިދާޅުވެ ދެއްވި އެއް ބޭފުޅަކީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
"ބެޗެލާސް، މާސްޓާސް، ޕީއެޗްޑީ ލެވެލްއަށް ކިޔަވާ ބަޔަކަށް ކްރައިޓީރިއާގައިވާ ގޮތަށް ފޯމު ފުރަން ނޭނގުމަކީ ހިތާމަހުރި ކަމެއް،" އެކަމަނާ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެއާ ވިދިގެން ފަޒްނާ ވިދާޅުވީ އެންމެ މުހިންމު ވާހަކަ އެވެ. މަތީ ލެވެލެއްގެ ކޯހެއްގައި ކިޔަވާއިރު، އިރުޝާދުތަކާއި ކްރައިޓީރިއާއާ އެއްގޮތަށް އެސައިންމަންޓްތައް ނެހެދިއްޖެނަމަ ފެއިލްވާނެ ކަމެވެ. ހަޖަމުކުރަން ކިތަންމެ ދަތިވިއަސް ފަސްޓް ލޭޑީ އެ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއްކަން ގަބޫލު ކުރަންޖެހެ އެވެ. ކޮންމެ ކޯހެއް ވެސް ފުރިހަމަ ކުރާއިރު، ކުރިން ކަނޑައަޅޭ ގިނަ ޝަރުތުތަކެއްގެ ތެރެއިން އެސައިންޓްމަންޓުތަކާއި އެގްޒާމްތައް ހަދަންޖެހޭއިރު، ފޯމު ފުރުމުގެ މަރުހަލާގައި އެހާ ގިނަ ކުދީން ފެއިލްވުމަކީ ކަންބޮޑުވާންޖެހޭ މައްސަލަ އެކެވެ. ފަހަރުގައި، ސަރުކާރުން ދޭ އެއްޗަކަށްވާތީ ފަރުވާކުޑަކުރެވުނީކަމަށްވެސް ވެދާނެ އެވެ. އެހެނަސް އެކަމުން ވެސް ދަސްކުރަންވީ އިތުރު ފިލާވަޅެކެވެ. ދިރިއުޅުމުގައި އެއްވެސް އެއްޗެއް ތަބަކަކަށްލާފައި ނުލިބޭނެ ކަމެވެ. އެއްވެސް ކަމެއް ފަސޭހައިން ވާނެ ކަމަށް ބަލައިގެން ނުތިބެވޭނެ އެވެ.
މި މައްސަލާގައި ހަޔާ އެޑިޔުކޭޝަން ހޫނު ފެނަށް ވެއްޓި މިހާރު އެވަނީ ސްކީމްގެ ކްރައިޓީރިއާ މުޅީންހެން ބަދަލުކޮށްލައިފަ އެވެ. ކުރިމަތިލި ކުދީންގެ ލެވަލަށް "ފަސޭހަ" ކޮށް އަލުން ފުރުސަތު ހުޅުވާލައިފަ އެވެ. ފަސްޓް ލޭޑީ ވިދާޅުވި ފަދައިން މިހާރުން ފެށިގެންވެސް މިކަހަލަ ކަންކަމަށް ހުރިހާ ކުދީންވެސް ސަމާލުވާންވެއްޖެ އެވެ. ކިތަންމެ ފަސޭހަވިޔަސް މިފަހަރު ފޯމު ހުށަހަޅާއިރު ވެސް ކްރައިޓީރިއާ ރަނގަޅަށް ކިޔައިގެން އެއާ އެއްގޮތަށް ފޯމު ފުރިހަމަކުރަން ވިސްނުން މުހިންމެވެ. ލޯނު ލިބި، ކޯހުގައި ބައިވެރިވެ، ކިޔަވަން ފެށުމުން، ކޮލްޖުތަކުންނާއި ޔުނިވާސިޓީތަކުން އެމީހުންގެ ކްރައިޓީރިއާ ބަދަލެއް ނޫނީ ފަސޭހައެއް ނުކުރާނެކަން ހަނދާނުގައި ބަހައްޓައިގެންނެވެ.