ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ބައިވެރިނުވެވޭ ގޮތަށް ހަމަޖައްސަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމެވީ ކޮމިޓީން ކުރާ ޖޭއެސްސީގެ މަސައްކަތުގައި ހިސާން ބައިވެރިނުވުމުގެ އިތުރަށް ޖޭއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުވާއިރު ޖޭއެސްސީގެ ފަރާތުން ވެސް ބައިވެރިނުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ކަނޑައަޅާ މެންބަރަކަށް ހިސާން ހަމަޖައްސަވާފައި ވަނިކޮށް، އެ ކޮމިޝަން ހިމެނޭ ގޮތަށް ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބަލަން މަޖިލީހުގައި އެކުލަވައިލި ޖުޑިޝަރީ ކޮމިޓީއަށް ވެސް ހިސާން ހަމަޖެއްސުމުން އެއީ މަސްލަހަތު ފުށު އަރާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން ހިސާން ވެސް ވަނީ ކޮމިޓީން ކުރާ ޖޭއެސްސީގެ އެއްވެސް މަސައްކަތެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ކޮމިޓީއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވީ އެއީ ހިސާންގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ކޮމިޓީން އެ ކަމުގައި ވަކި ގޮތެއް ކަނޑައެޅުމަށެވެ. ހަސަންގެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ތާއީދު ކުރެއްވި އެވެ.
ހަސަންގެ ހުށަހެޅުއްވުމާ އެެއްގޮތަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމެވީ ކޮމިޓީގައި ކުރާ ޖޭއެސްސީގެ އެއްވެސް ކަމެއްގައި ހިސާން ބައިވެރިވެޑައިނުގަނެވޭ ގޮތް ހެދުމަށެވެ. ނަމަވެސް ކޮމިޓީން ކުރާ އެހެން މަސައްކަތުގައި ހިސާނަށް ބައިވެރިވެވޭނެ އެވެ.