ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އެ ފަސް ކުދިންގެ މަންމަ އާއި ބައްޕަ ވެސް ގަދަވެ ސަލާމަތުން އެބަ ތިއްބެވެ.
އެ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮހެވެ. ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށެވެ.
ފަސް ކުދިން ލޯންޗެއްގައި އެ ރަށުން ގެންދިޔައިރު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު މައްޗަށް ނުކުމެ ތިއްބެވެ. އޭގެ ތެރޭގައި އެ ކުދިން މަންމަ އާއި ބައްޕަ ވެސް ހިމެނެ އެވެ.
ދައުލަތަށް ނެގި ފަސް ކުދިންގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ. ދެން ތިބި ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށްވެ އެވެ.
އެ ދެ މީހުންނަކީ ވެސް ސިއްހަތު ރަނގަޅު ދެ މީހުން ކަމަށްވެ އެވެ. ކުދިންގެ ބައްޕަ އާމްދަނީ ހޯދުމަށް ރަށުގައި އެކި މަސައްކަތްކޮށް އުޅޭ ކަމަށްވެ އެވެ. ނަމަވެސް އެ ދެމަފިރިން ދަރިންނަށް މާބޮޑު އަޅާލުމެއް ނުބަހައްޓާ ކަމަށްވެ އެވެ.
އެ އާއިލާ ދިރިއުޅޭ ގޭގެ ބައެއް ފޮޓޯތައް އާންމުވެފައިވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޭގެ ސާފުތާހިރުކަމެއް ވެސް ނެތެވެ. ތުއްތު ދަރިފުޅު އޮންނަ އެނދު ވެސް ހުރީ ގޮނޑުވެފަ އެވެ.
ނަމަވެސް ހުރިހާ ދަރިން ރަށުން ގެންދިޔުމުން އެ ދެމަފިރިން ހިތާމަ ކުރަމުންދާ ކަމަށް އެ ރަށުގެ މީހުން ދަނީ ބުނަމުންނެވެ. އަދި އެކަމާ ރަށުގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.