ތިމާވެށި

ބައިސްކަލުން ނަގާ ޑިއުޓީ ކަނޑާލަން އެބަ މަސައްކަތް ކުރަން: މިނިސްޓަރު

ރާއްޖެއަށް އެތެރެ ކުރާ ބައިސްކަލުން ނަގާ 15 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ކުރީގެ ތިމާވެށީގެ މިނިސްޓަރުން ބައިވެރިކޮށްގެން ބޭއްވި "ތިމާވެއްޓާ ބެހޭ ވަޒީރުންގެ ބައްދަލުވުން" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެންވަޔަރުމެންޓް މިނިސްޓްރީން މާލޭގައި ދަތުރު ކުރުމަށް ބައިސްކަލް ބޭނުންކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބައިސްކަލުން ނަގާ 15 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް އެދި ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވާ ހައްސަކޮށް މާލޭގަ ބައިސްކަލުގައި އުޅެން ހިތްވަރުދޭން. ބައިސްކަލުން 15 ޕަސަންޓް ޑިއުޓީ ނަގާ. އަޅުގަނޑު އެބަ މަސައްކަތް ކުރަން ކެބިނަޓަށް ހުށަހަޅައިގެން ޑިއުޓީ ކަނޑާލެވޭތޯ" މިނިސްޓަރު ވިދާޅުވި އެވެ.

ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތަކަކީ ޑީސަލް ނުވަތަ ޕެޓްރޯލް އަޅައިގެން ދުއްވާ ވެހިކަލްތަކުގެ ބަދަލުގައި އިލެކްޓްރިކް ނުވަތަ ބެޓެރި ވެހިކަލްތައް ބޭނުންކޮށްގެން ދަތުރުކުރާ ވެހިކަލްތަކަށް ހެނދުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ޓްރާންސްޕޯޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާއިވެސް ކޮށްފައިވާ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވަޒީރުންގެ ބައްދަލުވުމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރިހާ ތިމާވެށީގެ މިނިސްޓަރުން އެއްތަނަކުން ބައްދަލުކޮށް މަޝްވަރާ ކުރެއްވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ގިނަ މިނިސްޓަރުން ވަނީ ކުނީގެ މައްސަލަ ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ވަކާލާތު ކުރުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެފައި ނުވަނީ، ކުރީގެ ހޯމް މިނިސްޓަރުކަން ވެސް އަދާ ކުރެއްވި ޑރ. މުހައްމަދު މުުއިއްޒު އާއި އިސްމާއިލް ޝަފީއު އެވެ.