ހަބަރު

ޝަކުވާއަކާ ގުޅިގެން އެމްޓީސީސީ އަހަރީ ޖަލްސާ ފަސްކޮށްފި

Jun 15, 2019
1

އެމްޓީސީސީން މިރޭ ބާއްވަން ކަނޑައަޅާފައި އޮތް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ފަސް ކުރަން ނިންމީ، ޖަލްސާއަށް ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާން ޕްރޮކްސީ ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭ ފަދަ ކަމެއް ހިނގައިވާ ކަމުގެ ޝަކުވާ، ޑިރެކްޓަރު ކަމަށް ނޮމިނޭޓް ވެފައިވާ ބައެއް ފަރާތްތަކުން ހުށަހެޅުމުން ކަމަށެވެ.

އެކަން ބަލަން ބޭނުންވުމުން މިރޭ ބާއްވަން ނިންމާފައިވާ އަހަރީ އާއްމު ޖަލްސާ ފަސް ކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އަހަރީ އާއްމު ޖަލްސާ ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެމްޓީސީސީ އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވާއިރު އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމާފަ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ އެންމެ ޒަމާންވީ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އިން 2017 ވަނަ އަހަރު ފައިދާ އިން ހިއްސާ އަކަށް މިދިޔަ އަހަރު ވަނީ 20.9 މިލިއަން ރުފިޔާ ބަހާފަ އެވެ. އެއީ ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި 2.6 ރުފިޔާ އެވެ. އަދި މި އަދަދު ބަހަން އެ އަހަރު ނިންމުމާއެކު އެ ކުންފުނީގައި 1980 ވަނަ އަހަރުން ފެށިގެން ގަތް ކޮންމެ ހިއްސާ އަކަށް 52 ރުފިޔާގެ ފައިދާ އެއް ޖެހުނެވެ.

އެމްޓީީސީސީ އަށް މިދިޔަ އަހަރުގެ ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2017 ވަނަ އަހަރު 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މިއީ ސާފު ފައިދާ ބޮޑުތަން ދައްވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ފުރަތަމަ ތިން މަހު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.