ހަބަރު

އިންޑިއާ މީހަކު ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

އައްޑު އަތޮޅުން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް ތެރޭގައި ބިދޭސީއަކު ދިވެހި އަންހެން ކުއްޖަކަށް ޖިންސާ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހަކު ފްލައިޓް ތެރޭގައި ދިވެހި އަންހެން ކުއްޖަކާ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް އިއްޔެ ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ހާދިސާ މެދުވެރިވި އަންހެން ކުއްޖާ ވަނީ "އަވަސް" އާ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ބިދޭސީ މީހާ އިނީ އޭނާގެ ކުރިމަތީ އިން ސީޓްގައި ކަމަށާއި ފުރަތަމަ ފަހަތަށް އެނބުރި ބަލަން ފެށީ ކަމަށެވެ. އަދި އިރުކޮޅަކުން އޭނާގެ ދަބަހުން ބުރާއެއް ނަގައި ސީޓްގެ އަތްގަނޑު މަތިން ދެއްކީ ކަމަށެވެ.

އަންހެން ކުއްޖާ ބުނީ ފަހުން އަތުގެ އިނގިލިތަކާއި އަތުން އެކި ގޮތްގޮތަށް އިޝާރާތްކޮށް ދޫ ނެރެ ހެދި ކަމަށެވެ. އަދި ފަހުން ފޯން ނަގައި އެ ފޯނުގައި ހުރި އަންހެނެއްގެ ނިވާކަން ކުޑަ ފޮޓޯތަކެއް ޒޫމްކޮށްފައި ދެއްކި ކަމަށާއި ފްލައިޓް ވީއައިއޭއަށް ލޭންޑް ކުރަންދެން އޭނާގެ އަމަލުތަައް ހުރީ އެގޮތަށް ކަމަށެވެ.

ފްލައިޓް ޖެއްސުމާއެކު ކުރޫއިންގެ ސަމާލުކަށް އެކަން ގެނެސްފައިވާނެ ކަމަށާއި އަދި އެމައްސަލަ ފުލުހަށްވެސް ހުށަހެޅި ކަމަށް ވެސް އޭނާ ބުންޏެވެ.

އަންހެން ކުއްޖާ ވަނީ އޭނާއަށް ފުރައްސާރަ ކުރި މަންޒަރު ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭނާ ބުނީ ސޯޝަލް މީޑިއާގައި އެ ވީޑިއޯތައް އާންމު ކުރުމުން އެ މީހާގެ ފަރާތުން އެފަދަ ފުރައްސާރަތަކާއި ކުރިމަތިވި އެހެން ކުދިން މެސެޖްކޮށްފައިވާ ކަމަށެވެ. އަދި މިއީ އެމީހާ އެގޮތަށް ފުރައްސާރަކުރި ފުރަތަމަ ފަހަރު ނޫން ކަން އެނގިގެން ދިޔަ ކަމަށެވެ.

އަންހެން ކުއްޖާ ބުނި ގޮތުގައި އެ މީހާއަކީ ގދ. ތިނަދޫ އެމްއެންޔޫ ކެމްޕަސްގެ ލެކްޗަރާއެކެވެ. އަދި އެކަމާ ގުޅިގެން އެމްއެންޔޫގެ އިސްވެރިންގެ ސަމާލުކަމަށް ވެސް އެކަން ގެނެސްދީފައި ވާނެ ކަމަށެވެ. އެކަމާ ގުޅިގެން އެމްއެންޔޫގެ ބަހެއް ލިބޭ ގޮތް ނުވުމުން އެކަން ޔަގީން ކުރެވިފައެއްނުވެ އެވެ.

ފްލައިޓްގައި އަންހެން ކުއްޖަކާއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މިދިޔަ ހަފްތާގައި ވަނީ މާލޭ މަގުމަތިން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.