ރޯދަމަސް ހިނގައްްޖެ އެވެ. އީދުވެސް ނިމިއްޖެ އެވެ! މިދިއަ ދުވަސްތަކުގައި ތޮއްޖެހިފައިވާ އޮތް މާރުކޭޓު މިހާރު ހީވަނީ "ދުމެއް އަޅާފައި" އޮތް ހެނެވެ. މާ ގިނަ މީހަކު ގޮޅިތަކަށް ވަދެ ވިޔަފާރި ކުރަން އުޅޭތީއެއް ނުފެނެ އެވެ. މުޅި މާރުކޭޓަށް ބަލާއިރު މިދިއަ ދުވަސްތަކުގައި އޮތްވަރާ ގާތަށް ވެސް އެއްޗެއް ނެތެވެ. ބާވަތްތައް ވަރަށް މަދެވެ. ގަންނަން ދިޔައީ ފަލަމަޑީގައި ހިމެނޭ ކައްޓަލަ ކޮޅަކާއި އަލަކޮޅެކެވެ. އޭގެ ތެރެއިން ކައްޓަލަ ލިބެން ހުރީ އެންމެ ގޮޅިއެއްގަ އެވެ. ދެން ދާން މިޖެހެނީ އަމީނީމަގު ގާކޮށީގެ މާރުކޭޓަށެވެ. އެތަނުން ވެސް އަލަ ކައްތަލަ ހޯދާކަށް ފަސޭހައެއް ނުވާނެ އެވެ.
އަމީނީމަގުގެ އެ ކުޑަ މާރުކޭޓުގައި ކޮންމެވެސް ވަރަކަށް މީހުން ބާޒާރު ކުރުމުގައި އުޅެ އެވެ. ފަލަމަޑީގެ ބައެއް ބާވަތްތައް މާލޭގެ މައި މާރުކޭޓަށްވުރެ މިތާނގައި ގިނަ އެވެ. އެއްއިރެއްގައި ސުފުރާ މަތީ އެންމެ ގަދަ ކޮށްލައިގެން އުޅުނު އަލާއާއި ކައްޓަލަ ވެސް މައި މާރުކޭޓަށްވުރެ ގިނައީ މިތާނގަ އެވެ.
ދިވެހިންނަށް ވެގެން މިއުޅެނީ ކީއް ހެއްޔެވެ؟ އެއްވެސް ސިއްހީ ފައިދާއެއް ނޭނގޭއިރު އަލަ އާއި ކައްޓަލަ މީރުވި އެވެ. މިހާރު އޭގެ ފައިދާ އެނގޭއިރު އެހެން ބާވަތްތައް ހުއްޓޭ ކިޔާފައި ނުކައި ދޫކޮށްލާންވީ ކީއްވެގެން ހެއްޔެވެ؟
"މިހާރު އަލަ ކައްޓަލައަކަށް އަދި ފަލަމަޑީގެ ބާވަތްތަކަށް މާ ބޮޑު ސަމާލުކަމެއް ނޯވޭ، ކާނެއް އެއްޗެއްހި ބައިވަރު މިހާރު އޮވޭ!" މާރުކޭޓްގެ ތެރެއިން ދިމާވި ރައްޓެސަކު ބުންޏެވެ.
ކުރިން މައިގަނޑު ކެއުމެއްގެ ގޮތުގައި ހިމެނުނު އޮޅުއަލަ އާއި ކައްޓަލައިން ހަށިގަނޑަށް ކުރާ ފައިދާ ވަރަށް ބޮޑެވެ.
"އަލަ އާއި ކައްޓަލައަކީ ނުކައި ދޫކޮށްލާވަރު ކެއުމެއް ނޫން އެއީ ފައިދާ ބޮޑު ދެ ބާވަތް،" ޑޮކްޓަރަކު ވިދާޅުވި އެވެ.
އެކަމަކު މާރުކޭޓުތަކުގައި ވިޔަފާރި ކުރާ މީހުން ބުނާ ގޮތުގައި ކައްޓަލަ އާއި އަލައަށް އެއްވެސް ޑިމާންޑެއް މިހާރަކު ނެތެވެ. އަދި ރޯދަމަހު ކައްޓަލަ އާއި އަލައަށް އަމުދުން އެއްވެސް ޑިމާންޑެއް ނޯވެ އެވެ.
އެކަކު ބުނި ގޮތުގައި ހުދު ކައްޓަލަ އާއި އޮރްންޖް ކައްޓަލަ އޭނާ ގެންނަނީ ސްރީލަންކާއިންނެވެ. އޭނާ ބުނި ގޮތުގައި އަލަ އާއި ކައްޓަލަ ހެއްދުމުގައި މަޝްހޫރު ކަމެއް ހޯދާފައިވާ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ކައްޓަލަ ގެނެސްގެން އޭނާގެ ގޮޅީގައި އެންމެ ފަހުން ވިއްކީ މީގެ ދެ އަހަރު ކުރިންނެވެ.
"ނުލިބޭ ނުލިބޭ... ގެނަޔަސް ނުވިކޭ!" އޭނާ ވާހަކަ ކުރުކޮށްލި އެވެ.
ދިވެހިންނަށް ބަދަލު އައި ގޮތަށް ދިވެހިންގެ ކެއިން ބުއިމަށް ވެސް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. ކުރިން ކެއުމުގައި ބޭނުން ކުރި މައިގަނޑު ބާވަތް، ފަލަމަޑި އެއްކޮށްހެން މިހާރު ވަނީ ސުފުރާއިން ދުރަށްލާފަ އެވެ. އަލަކައްޓަލައިގެ ވާހަކަ މިހާރު އަންނަނީ އިންޓަވިއުތަކުގައި އެކަންޏެވެ.
ނަމަވެސް ނިއުޓިރިޝަނިސްޓުން ވިދާޅުވާ ގޮތުގައި ކައްޓަލަވަރެއް ނެތެވެ. ތައްޔާރު ކުރުމަށް މާ ގިނަ ގޮތްތަކެއް ހަދާކަށް ނުޖެހެއެވެ. އަވަނަށް ލާ ފިހެލަންވީ އެވެ. އެމީހަކު ބޭނުންކަހަލަ މިރުހަކާއި މަސާލާއެއްލައި ލޮނު ހެޔޮވަރު ކޮށްލަންވީ އެވެ.
ކައްޓަލައިގެ ސިއްހީ ފައިދާއަށް ބަލާއިރު މިއީ ފައިބަރާއި ވިޓަމިން އަދި މިނެރަލް ގިނައިން އެކުލެވޭ އެއްޗެއްކެވެ. އަދި މީގައި ހުންނަ ފައިބަރުގެ މާއްދާއަކީ ގޮހޮރަށް ރަނގަޅު އެއްޗެއް ކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ. ބަނޑުހަރުވިޔަ ނުދިނުމަށާއި ގޮހޮރުގެ ލައިނިންގް ވަރުގަދަ ކޮށް ދިނުމުގައި ކައްޓަލައިގެ ދައުރު ވަރަށް ބޮޑެވެ.
ކުޑަކުދިންނަށް ފުރަތަމަ ދޭ ކާނާތަކުގައި އާވިން ކައްކާފައި ހުންނަ ކައްޓަލަ ހިމަނާލުން ވެސް ބަރާބަރެވެ. މިއީ ކުދިންނަށް މީރު އަދި ފޮނި ރަހައެއް ހުންނަ ބާވަތެއްކަމުން ނިއުޓިރިއެންޓް ގޮތުން ވެސް ފައިދާ ލިބި އެކުދިން ގަޔަވާ އެއްޗަކަށްވެ އެވެ. ހަ މަހުން މަތީގެ ތުއްތު ކުދިންނަށް ފަލަމަޑީގެ މި ވައްތަރު ރަނގަޅުވާއިރު ކިރު އަޅައިގެން ވެސް ތައްޔާރު ކުރެވިދާނެ އެވެ.
މިހާ ފައިދާ ހުރި ކާނާއެއް، މަޑުމަޑުން ސުފުރާތަކުން ގެއްލި މާރުކޭޓުގައި ވެސް އެކަހެރިވަމުންދާތަން ބަލަން ނުތިބެ އަލުން ކެއުމުގެ ތެރެއަށް ލާންވީ އެވެ.
"ކުރިން ކައްޓަލަ ދިވެހިންނަށް ފޮނި، މިހާރު ކައްޓަލައަށްވުރެ ދިވެހިން ފޮނި!"