ވިޔަފާރި

އެމްޓީސީސީން ޔަންމާ އިންޖީނުގެ ކެމްޕޭނެއް ފަށައިފި

Jun 16, 2019

ރާއްޖޭގެ އެންމެ ގިނަ އޮޑި ދޯނި ފަހަރުގައި ބޭނުންކުރާ އިންޖީނު ކަމަށްވާ ޔަންމާ އިންޖީނުގެ އޮރިޖިނަލް ސްޕެއާއަށް ހޭލުންތެރި ކުރުވަން އެމްޓީސީސީން ކެމްޕޭނެއް ފަށައިފި އެވެ.

މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މުޅި ރާއްޖޭގައި ފެށި މި ކެމްޕޭން ކުރިއަށް ގެންދަނީ ޔަންމާގެ މައި ކުންފުންޏާ ވެސް ގުޅިގެން ކަމަށެވެ.

"ޔަންމާ އިންޖީނަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް އިންޖީނު. އެހެންވެ، ބޭނުމަކީ އިންޖީނުތަކުގައި ބޭނުންކުރާ ސްޕެއާ ޕާޓްސްތަކަކީ ވެސް ޖެނުއިން އެއްޗެއްކަން ޔަގީން ކުރުން،" ޝާހު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑު އުޅަނދު ފަހަރުގައި އެޅި އެއް އިންޖީނު ބްރޭންޑު ކަމަށްވާ ޔަންމާގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރު އެމްޓީސީސީން ފެށި މި ކެމްޕޭންގައި މި ބްރޭންޑުގެ އިންޖީނު އަޅާފައިވާ އޮޑި ފަހަރަށް ޔަންމާ ކުންފުނީގެ އިންޖިނޭރުން އަރައި އިންޖީނުތައް ޗެކް ކުރާނެ އެވެ.

"އޮޑި ފަހަރަށް ޔަންމާ ކުންފުނީގެ އިންޖިނޭރުން އަރައި އިންޖީނުތައް ސްޓާޓުކޮށް ބަލާނެ. އަދި އެ އިންޖީނުތަކުގައި ހުރީ އޮރިޖިނަލް ސްޕެެއާތޯ ބަލާފައި އެކަން އޮޑި ވެރި ފަރާތަށް އަންގާނެ،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީ ފެށި މި ކެމްޕޭނަށް ހާއްސަކޮށް ސާވިސް ކިޓް ތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.