ދުނިޔެ

ބިލް އަނބުރާ ނުގެންދާތީ ހޮންކޮންގްގައި މުޒާހަރާ ކުރިއަށް

Jun 16, 2019

ހޮންގް ކޮންގް (ޖުލައި 16) - ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ހޮންގްކޮންގްގެ ސަރުކާރުން އިސްލާހުތަކަކާއެކީ ފާސްކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް، އެ ބިލާ ދެކޮޅަށް މިއަދު ވެސް މުޒާހަރާ ކުރާނެކަމަށް ބުނެފި އެވެ.

އެ ބިލްގައިވާ ގޮތުން، އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނައާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވާދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގްއަށް ލިބިގެން ދެއެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބިގެން ދެއެވެ. ހޮންގްކޮންގްއިން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.

އެކްސްޓްރެޑިޝަން ބިލަށް އޮތް ތާއީދު ގެއްލި ބިލަށް ބަހުސް ކުރުން ފަސް ކުރަން ނިންމާފައިވަނީ ބެއިޖިންއަށް ތާއީދުކުރާ ސިޔާސީ ބޭފުޅުންނާއި ކެރީ ލެމްގެ ހާއްސަ ވަޒީރެއް އެކަމާމެދު ލެމްއަށް ނަސޭހަތްތެރިވުމުން ކަމަށް ރިޕޯޓުތައްވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ބިލު އަނބުރާ ގެނެސް، ލެމްގެ އިސްތިއުފާއަށް ގޮވާލައި މިއަދު ވެސް މަގުތަކަށް ނުކުންނާނެކަމަށް މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ބިލް ފާސްކުރަން ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހަށް ބުދަދުވަހު ފޮނުވުމާއި ގުޅިގެން އެކަމާއި އިދިކޮޅަށް އަޑުއުފުލާ މުޒާހަރާކުރަން ހޮންގްކޮންގްގެ މިލިއަނެއްހާ މީހުން ނިކުމެފައި ވާއިރު އެ ދުވަހުގެ މުޒާހަރާ ނިމުމަކަށް އައިސްފައިވަނީ އާންމުންނާއި ފުލުހުންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދިއުމަށް ފަހުގަ އެވެ.

ބިލަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާމެދު ބައިނަލް އަގުވާމީ ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ޗައިނާއިން ބުނަނީ އެހެން ގައުމުތަކުން ޗައިނާގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.