ހަބަރު

ދިވެހި ރަހަތައް ހިފައިގެން ނަސްރީނާ މެލޭޝިއާއަށް!

ދިވެހި ކާނާގެ ރަހަތައް ބައިނަލްއަގްވާމީ އެގްޒިބިޝަނެއްގައި ހިމަނައި ދައްކާލަން ރާއްޖޭގެ ޝެފް ނަސްރީނާ އަލީއަށް ފުރުސަތު ލިބިއްޖެ އެވެ.

ނަސްރީނާ އަށް ފުރުސަތު ލިބުނީ މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު ފުޑް އެންޑް ބެވަރޭޖް އެގްޒިބިޝަން، "މެލޭޝިއަން އިންޓަނޭޝަނަލް ފޫޑް އެންޑް ބެވަރޭޖް ޓްރޭޑް ފެއާ" އިންނެވެ. އޭނާއަށް ފުރުސަތު ދިނީ އެ ފެއާގެ "ފިޝް މާކެޓް" ސެކްޝަނުން އިސްވެ ނަސްރީނާ ސްޕޮންސާ ކޮށްގެނެވެ.

ނަސްރީނާ ވިދާޅުވީ މި މަހުގެ 26 އިން 28 އަށް އޮންނަ ފެއާގައި ކަންނެއްޔާއި ކަޅުބިލަ މަސް ބޭނުންކޮށްގެން ދިވެހި ކެއުންތަކުގެ ރަހަތައް ހުށަހަޅައިދޭނެ ކަމަށެވެ. އެގޮތުން ކަނޑުކުކުޅާއި، ހަނާކުރި މަހާއި، ފިޝް ކަޓްލެޓްހާއި މަސްކުރޮޅި ފަދަ ބާވަތްތައް އެ އެގްޒިބިޝަންގައި ހިމަނާނެ ކަމަށެވެ. -- ނަސްރީނާ ބައިވެރިވެ ވަޑައިގަންނަވާ ފެއާ އޮންނާނީ ވެރިރަށް ކުއަލަލަމްޕޫރު ކޭއެލްސީސީގަ އެވެ.

"އަޅުގަނޑު ބައިވެރިވަނީ ފިޝް މާކެޓްގެ ބައިގައި. އެމީހުން އަޅުގަނޑު ސްޕޮންސާ ކޮށްގެން ގެންދަނީ ދިވެހި ރަހަަތައް ތައާރަފު ކުރަން،" މީގެ ކުރިން ބާލިން ފެއާގައި ވެސް ބައިވެރިވެފައިވާ ޝެފް ވިދާޅުވި އެވެ.

ކެއްކުމުގެ ދާއިރާގައި ގިނަ ދުވަަސްތަކެއް ހޭދަ ކުރައްވާ ރެހެންދި އެވޯޑްވެސް ހޯއްދަވާފައިވާ އަދި ކެއްކުމުގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ ނަސްރީނާ ވިދާޅުވީ، މިފަދަ ފުރުުސަތެއް ލިބުމުން ވަރަށް އުފާވި ކަމަށެވެ.