އެމްޓީޑީސީ

އެމްޓީޑީސީގެ އަހަރީ ޖަލްސާ މިމަހު 30 ގައި

މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީގެ) 2018 ވަނަ އަހަރުގެ، އަހަރީ ޖަލްސާ މިމަހު 30 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޓީޑީސީގެ އާއްމު ހިއްސާ ދާރުންގެ އަހަރީ ޖަލްސާ ބާއްވަން ނިންމާފައިވަނީ ޗަންމާ ސެންޓްރަލް ހޮޓަލުގައި ރޭގަނޑު 9:00 ޖަހާއިރު އެވެ. އެ ޖަލްސާގައި 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް އާއްމުކުރުން ވެސް އޮންނާނެ އެވެ. އަދި 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރުން އައްޔަން ކުރުމާއި މުސާރަ ކަނޑައެޅުން ވެސް އޮންނާނެ އެވެ.

މިޖަލްސާގައި އެމްޓީޑީސީގެ ހިއްސާދާރުންނަށް ބަހާނެ ފައިދާ ގުޅޭގޮތުން މަޝްވަރާ ކުރާއިރު ކުރިއަށް އޮތް އަހަރުގެ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑު އައްޔަން ކުރުންވެސް އޮންނާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީ ކުންފުނީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރައްވާ ޑިރެކްޓަރުގެ ގޮތުގައި މިހާރު ތިއްބެވީ މުހައްމަދު ޖަނާހު އާއި އާރިފް އަބްދުއްސަމަދު އަދި އަބްދުﷲ ނިޝާން އާއި އަބްދުﷲ ސައީދު އަދި އައިޝަތު ފަޒީނާގެ އިތުރުން މުހައްމަދު ފާތިހު އެވެ.

ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތުގެ މަތިން އެ ކުންފުނީގެ ބޯޑު ތަމްސީލް ކުރުމަށްޓަކައި ފަސް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފަހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައިވަނީ އެޕްރީލް މަހު 22 ވަނަ ދުވަހު އެވެ.

އަހަރީ ޖަލްސާގައި ބައިވެރިވެވޭނީ 29 ޖޫން ވަނަ ދުވަހު ރޭގަނޑު 12:00 އިގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނި ވަޑައިގަންނަނވާ ފަރާތްތަކަށް ކަމަށް އެމްޓީޑިސީއިން ބުންޏެވެ.