މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުނު ނެރުނު އަމުރު ފަހުން ބާތިލު ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރުކުރީ ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެއިރު ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް އެ އަމުރުގައި ސޮއި ކުރެއްވި އެއިރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އެއިރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން، ބާކީ ތިއްބެވި ފަނޑިޔާރުން ވަނީ އެ އަމަރުގެ ބައިތައް ބާތިލުކޮށްފަ އެވެ.
މިއަދު ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ވަނީ 1 ފެބްރުއަރީގެ އަމުރުގެ ބައިތައް ފަހުން ބާތިލު ކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ. މައްސަލަ ހުށަހެޅި ފަރާތް އަދި ސާފެއް ނުވެ އެވެ.
އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކުރި ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަަދެވެ.
އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކުރަން އެ ތިން ފަނޑިޔާރުން އެއިރު ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއިރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެނެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނީ ޣައިރު ގާނޫނީ އަމުރެއް ކަމަށް ބުނެ އެއިރުގެ ސަރުކާރުން އެ އަމުރު ތަންފީޒެއް ވެސް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއަށް އަމަލު ކުރުން ފަސްކުރުމަށް އަންގައި އަމުރުކޮށްފަ އެވެ.