ރިޕޯޓް

ޖުޑިޝަރީ ކޯޅުން ކޮން ދިމާލަކަށް؟

އެމްޑީޕީގެ ތާރީހުގައި އެޕާޓީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިގެން މިދިޔައީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުންނެވެ. މި ވަގުތުގެ ހާލަތައް ބަލާއިރު، ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު މިއޮތީ އެޕާޓީގެ މުށުތެރޭގައެވެ. އެ ޕާޓީގެ ތާރީހުގައި ވެސް މިހާތަނަށް އެ ޕާޓީއަށް އަތް ނުލެވި އޮތީ ޝަރުއީ ދާއިރާގައި އެކަންޏެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ފުރިހަމަ ކާމިޔާބީއާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮންޓްރޯލްވެސް އެޕާޓީއަށް މިއޮތީ ލިބިފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، ކުރިން ޕީޖީ އޮފީހުގެ މަސައްކަތް ކުރި ވަކީލަކު ވިދާޅުވީ، އެމްޑީޕީން މިހާރު ކުރަމުން ގެންދާ ކަންކަމަކީ ޝަރުއީދާއިރާ އިސްލާހު ކުރުމަށް ކުރާ ކަންކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތައްވުރެ ބޮޑަށް އޮތީ ޝަރުއީދާއިރާގެ ކޮންޓްރޯލް ނެގުމުގެ ވިސްނުމެވެ.

"އެމްޑީޕީން މި ބުނަނީ އެމީހުން ބޭނުންވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރަންށޭ. މަޖިލީހުގެ ތެރެއިން އެކަންކަން ކުރާނަމޭ. އެހެން ނަމަވެސް އެ ކަމަށް މަސައްކަތް ކުރާތަނެއް ނުފެނޭ. ތެޅި ފޮޅިގަނެގެން އެއްބަޔަކަށް ވުރެ އަނެއްބައެއްގެ ބާރު ގަދަކަން ދައްކަން މިއުޅެނީ. އެމްޑީޕީން ބޭނުން ވަނީ އެމީހުންގެ ބަހުރުވައިން ނަމަ ކޯޓުތައް ސައިޒު ކުރަން. އެމީހުންގެ އަތުގައި ބާރު އޮތްކަން ދައްކަން. އިސްލާހު ކުރަން ބޭނުންވާނަމަ ފުރަތަމަ ހިފަން ޖެހޭނީ ކެމްޕެއިންގައި ކިޔަމުން އައި ގޮތައް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން. އެތާތެރެއަށް ރައީސް ނަޝީދާއި، ހާޑްކޯ ދެ އެކްޓިވިސްޓުން ވައްދައިގެން ނުފޫޒެއްނެތި އެއްކަމެއްވެސް ނުވާނެ ކަން އެއީ ޔަގީން ކަމެއް." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ، ދައުލަތުގެ ބާރުތަކުގެ މެދުގައި މިހިނގާ ކަންކަމަކީ ސަރުކާރާއި އޮތް ކޯޅުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަކީ ސީދާ އެމްޑީޕީއާއި ޖުޑީޝަރީގެ ކޯޅުމެއް ކަމަށާއި، އެކަމުގެ ތެރެއަށް ސަރުކާރުން ވަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކޯޅުމުގެ ތެރެއިން ޖުޑީޝަރީންވެސް ގޯސްތަކެއް ހަދަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ޝަރުއީދާއިރާ އިސްލާހު ކުރުމަކީ ވަރަށް ރީތިކޮށް މިހާރު ކުރެވެން އޮތް ކަމެއް ކަމަށާއި، އެގޮތުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިވެހި ރައްޔިތުން ދީފައިވަނީ އެކަން ރީތި ގޮތުގައި ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ މަޖިލީހުގެ ތެރެއިން އެކަން ރީތި ގޮތުގައި ކުރުމުގެ ބަދަލުގައި ގަދަ ބާރުން ދަނޑިމާރުއަޅައިގެން ކުރަމުން ގެންދާ މަންޒަރު ކަމަށެވެ.

"ދިވެހި ރައްޔިތުން އޮތީ ވަރަށް ރީތިކޮށް، އެ ރައްޔިތުންގެ ބަސް މަޖިލިސް އިންތިހާބުގައި އިއްވާފައި. ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭނުންވަނީ މަޖިލީހުގެ ތެރެއިންނޭ އެއޮތީ ބުނެދީފައި. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ރައްޔިތުން އެމްޑީޕީއަށް ދިނީ އެކަން ކުރަން. އެކަމަކު މިހާތަނަށް ކަން ހިނގަމުން މިދާ ގޮތިން އެމްޑީޕީގެ ނިޔަތާއި މެދު ސުވާލު އުފެދޭ. އެމްޑީޕީން ބުނީވެސް ޖޭއެސްސީ އެކުލެވިފައި އޮތީ ސިޔާސީ ނުފޫޒު ފޯރާ ގޮތަށޭ. އެކަމެއް އިސްލާހު ކުރާކަށް ނޫޅޭ. ފެންނަނީ ކޯޅެން އުޅޭތަން. މަޖިލީހަށް އެބައޮތް ފަނޑިޔާރުން ވަކި ކުރެވެން. އެކަން ކުރާކަށްނޫޅޭ. ބާރު އޮތްކަން ދައްކަން މަސައްކަތް ކުރާތަން މިފެންނަނީ. މަޖިލީހުގެ އެބަހުރި ޝަރުއީދާއިރާއާއި ގުޅުން ހުރި ޒަމާންވީ ވަރަށް މުހިންމު ބިލްތަކެއް. މިސާލަކަށް ހެއްކާބެހޭ ބިލް. އޭގެން ކަމަކާވެސް ނޫޅޭ، މުޅިންވެސް މިހާތަނަށް ފެނުނީ ޕާޓީއަށް ފައިދާ ކުރަން، ޕާޓީ ބާރުގަދަ ކުރަން، އެކްޓިވިސްޓުންނަށް ފައިދާ ކުރަން މަޖިލިހުންވެސް މަސައްކަތް ކުރިތަން. ޕްރޮޑަކްޓިވް ބޭނުންވާ ބަދަލެއް ނުފެނޭ" އޭނާ ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާއަކީ އިސްލާހު ކުރަން ޖެހޭ ތަނެއްކަމަަށް އެދާއިރާގައި އުޅުއްވާ ބޭފުޅުންވެސް ގަބޫލު ކުރައްވައެވެ. އެކަމަށްޓަކައި ބޮޑެތި މަގުޗާޓުތައްވެސް ވަނީ ނެރުއްވާފައެވެ. އަދި މިއަަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ދިވެހި ރައްޔިތުން ދިފައިވަނީވެސް އެމްޑީޕީގެ އެޖެންޑާ 19 ގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ހުށަހަޅާފައި ހުރި ކަންކަމަށްވެސް ބެލުމަށްފަހު އެވެ. އެމްޑީޕީގެ ނިޔަތް މިކަމުގައި ގޯސްކަމަށް ދެކޭ ބޭފުޅުން ގިނަ ކަމުގައިވީނަމަވެސް އެކަމަށް އެއްބަސް ނުވާ ގިނަ ބޭބޭފުޅުންވެސް އެބަތިއްބެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނައިބް މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، އެމްޑީޕީގެ ނިޔަތް އެކަމުގައި ވަރަށް ސާފު ކަމަށާއި، އެމްޑީޕީގެ ނިޔަތަކީ ޖުޑިޝަރީ އިސްލާހު ކުރުން ކަމަށެވެ.

"ރައްޔިތުން ބޭނުންވާކަންކަން ވަރަށް ސާފު، ރައްޔިތުން ބޭނުންވަނީ ޖުޑިޝަރީ އިސްލާހު ކުރަން. އެމްޑީޕީގެ ނިޔަތްވެސް މިކަމުގައި ވަރަށް ސާފު. އެމްޑީޕީން ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތައް ކަންކުރަން. ރައްޔިތުން ބޭނުންވަނީ އިންސާފުން ހުކުމް ކުރާނެ ކޯޓުތަކެއް ގާއިމް ކުރަން. އެމްޑީޕީގެ ފަރާތުން އެންމެ ބޮޑަށް އެކަމަށް ވަކާލާތު ކުރި ބޭފުޅުން ޖޭއެސްސީގައިވެސް މިހާރު އެ ތިއްބެވީ، އެހެންވީމަ އެކަމާއި ދެކޮޅަށް އެވާހަކަ ދައްކާ މީހުން އެ ދައްކަނީކީ ހަމަޖެހޭ ވާހަކައެއްނޫން. ފަނޑިޔާރުގެ އިސްލާހު ކުރަން އެބަޖެހޭ. މަޖިލީހުން އެކަން އިރާދަ ކުރެއްވިއްޔާ ކުރާނެ. އެމްޑީޕީއަކުން ބޭނުމެއް ނުވާނެ ޝަރުއީދާއިރާ ކޮންޓްރޯލް ކުރާކަށް. އެމްޑީޕީން ބޭނުންވާނީ މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް" ސިރާޖު ވިދާޅުވި އެވެ.

ޝަރުއީދާއިރާ އިސްލާހު ކުރަން ޖެހޭ ކަން އެއީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް އެކަން ކުރަންވާނީ، ގާނޫނުތަކާއި، އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތީ އެމްޑީޕީގެ އަގުލަބިއްޔަތެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ބޭނުންވާ މިންވަރު އެމްޑީޕީއަށް ލިބެއެވެ. އެހެން ކަމަށްވާއިރު، މަޖިލީހުގެ ތެރެއިން އެޕާޓީން ވައުދުވެފައިވާ ގޮތަށް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ޝަރުއީ ދާއިރާ އިސްލާހު ކުރަންވީއެވެ. މަޖިލީހުން އެކަން ކޮށްފި ކަމަށްވާނަމަ، އެކަމަކަށް ޝަރުއީދާއިރާއިންވެސް އެޅޭނެ ހުރަހެއް ނޯންނާނެ އެވެ.