ރިޕޯޓް

ޖޭއެސްސީގެ ނިންމުން: ބަދަލު ހިފުމެއްތަ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ވަރަށް ސާފެވެ. އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި ބުނެފައި އޮންނަނީ މިހެނެވެ: އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެ އެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިޝަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެ މައްސަލައަކާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެ އެވެ.

އިއްޔެ ޖޭއެސްސީއިން ނިންމި ނިންމުމަކީ ބޮޑު ނިންމުމެކެވެ. އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑް ކުރަން ނިންމީ އެވެ. ސަސްޕެންޑްކޮށްފައި ވަނީ ރިޝްވަތުގެ ތުހުމަތު އަމާޒުވެފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވީ، މިހާރު ޖޭއެސްސީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމި ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ވޯޓު ވެސް ދެއްވި އެވެ. އެއީ އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޖޭއެސްސީގެ ފުރަތަމަ ބައްދަލުވުންވެސް މެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއަށް އަމާޒުވާ ރިޝްވަތުގެ މައްސަލައަކީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުވާ މައްސަލަ އެކެވެ. އޭރު ފަނޑިޔާރު ދީދީ ހުންނެވީ ކުރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. އެ މައްސަލާގައި ރައީސް ނަޝީދުގެ ދިފާއުގައި ވަކާލާތު ކުރެއްވީ މިހާރު ޖޭއެސްސީގައި އިންނަވާ މެންބަރު ހިސާން ހުސެއިންނެވެ.

ފަނޑިޔާރު ރިޝްވަތު ނަގައިގެން ހުކުމް ކޮށްފައިވާނަމަ، އޭގެ އަނިޔާ ލިބިފައިވަނީ ރައިސް ނަޝީދަށެވެ. މި މައްސަލާގެ ވިކްޓިމަކީ ރައީސް ނަޝީދެވެ. މައްސަލަ ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ. ވީމާ، މައްސަލާގައި ރައީސް ނަޝީދުގެ ދައުރު މާބޮޑަށް ވެސް އެބަ އޮތް ނޫން ހެއްޔެވެ؟

ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ސިފަ ކުރެއްވީ މިއީ ބަދަލު ހިފުމުގެ ސަސްޕެންޝަނެއްގެ ގޮތުގަ އެވެ. ޖަމީލު ވިދާޅުވީ އެންމެ މަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޑިއު ޕްރޮސެސްއެއް ނެތި ސަސްޕެންޑް ކުރުމަކީ އެ ފަނޑިޔާރުންނަށް ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އިމްތިޔާޒްތައް ގެއްލިގެންދާނެ ކަމެކެވެ.

އަދި އެކަމަކީ މި ސަރުކާރު ގެނައުމަށް އޭނާ ވެސް ހިމެނޭ ގޮތަށް ވަކާލާތު ކުރި އެންމެ އަސާސީ ޕްރިންސިޕަލްއާ ހިލާފު ކަމެކެވެ.

"މަޖިލީހުގެ މެޖޯރިޓީ ހޯދައި، ޖޭއެސްސީއަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ފިޔަވަޅު އެޅީ ހުކުމް އިއްވި ފަނޑިޔާރަށް، މިއީ ބަދަލު ހިފުމަކަށް ނުވޭތަ؟ މިއީ ޑިމޮކްރަސީގެ އަސްލު ކުލަތަ؟،" ޖަމީލު ސުވާލު އުފެއްދެވި އެވެ.

ޖޭއެސްސީގެ ގާނޫނުގައި ސާފުކޮށް، ބަޔާންކޮށްފައިވާއިރު މި މައްސަލާގައި ރައީސް ނަޝީދުގެ އަމަލުފުޅު ބެހެއްޓެވި ގޮތުން ފާޑުކިޔުން އަމާޒުވެފައިވާއިރު ޖޭއެސްސީއަކީ މި ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި މުއައްސަސާ އެވެ. އެ މުއައްސަސާ އެކުލެވިފައިވާ ގޮތުން ސިޔާސީ ނުފޫޒު ފަނޑިޔާރުގެއަށް ވަންނަ ކަމަށް ތަކުރާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވެ އެވެ. އަދި، އެއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް ތަނެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފަ އެވެ.

އަދިވެސް ޖޭއެސްސީގައި އޮތީ އެ އެކުލެވުމެވެ. ބަދަލުވީ ދެ ތިން މެންބަރުންނެވެ. ސަރުކާރަށް ތާއީދު ކުރާ ސިޔާސީ ދެ ތިން މެންބަރުންނެވެ. އެ މެންބަރުންނަކީ ވެސް ޖޭއެސްސީ އެގޮތަށް އޮތުމުން ސިޔާސީ ނުފޫޒު ވަންނަ ކަމަށް ގަބޫލު ކުރައްވާ މެންބަރުންނެވެ.

މީގެ ކުރިން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ތިއްބަވާ ސިޔާސީ ޕާޓީތަކާއި ލީޑަރުން ތިއްބަވާ ނުވަތަ އެބޭފުޅުންގެ މަސްލަހަތަށްޓަކައި ހިނގާ ނިޒާމަކަށް ވެއްޖެނަމަ މިނިވަން ފަނޑިޔާރު ގެއެއް ނޯންނާނެ އެވެ. އޭރު އެމަނިކުފާނު އިޝާރަތް ކުރެއްވީ ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމަށެވެ. މިހާރު އެ ގޮނޑީގައި އިންނެވީ ރައީސް ނަޝީދެވެ. އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ.

"ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ވެސް ސިޔާސީ ޕްރޮސެސްއެއްގެ ތެރެއިން ކުރެވޭ ކަަމަކަށް ވެގެން ނުުވާނެ، ފަނޑިޔާރުންނަށް މަގާމު ދެނީ އަދި މަގާމުން ވަކި ކުރަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ނުފޫޒާއި ބާރު އޮންނަ މުއައްސަސާތަކުން ކަމަށްވާނަމަ އެ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ދަތިވުމާއި އެ ނުފޫޒުގައި ފަނޑިޔާރުން ޖެހި ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލުން އޮންނާނީ ނުހަނު ގާތުގައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.